ދަތުރުވެރިން ރާއްޖެ އަންނަ އިރު ގެންނަ ތަކެއްޗާއި، އަމިއްލަ ފަރާތްތަކުގެ ކުދި ކުދި ބޭނުންތަކަށް ރާއްޖެ ގެންނަ ތަކެތީގެ އެލޮވަންސް 6000 ރުފިޔާއިން 10،000 ރުފިޔާއަށް ބޮޑު ކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ކަސްޓަމްސް އިން މިކަން އިއުލާނު ކުރުމަށް އެކްސް ގައި ކުރި ޕޯސްޓެއްގައި ބުނީ އަންނަ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން، ދަތުރުވެރިން ރާއްޖެ އަންނަ އިރު ގެންނަ ތަކެއްޗާއި، އަމިއްލަ ފަރާތްތަކުގެ ކުދި ކުދި ބޭނުންތަކަށް ރާއްޖެ ގެންނަ ތަކެތީގެ ޑިއުޓީ މާފު ކުރުމުގެ އުސޫލަށް ބަދަލުތަކެއް ގެނެސް، އިމްޕޯޓު އެކްސްޕޯޓު ޤާނޫނުން ރައީސް ޑރ. މުއިއްޒު އަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން، ޑިއުޓީ އެލަވަންސް 6000 އިން 10،000 އަށް ބޮޑު ކުރައްވަން ރައީސް ނިންމަވާފައިވާ ކަމަށެވެ.
އަދި މި ބަދަލާއި ގުޅިގެން، މިކަމާ ބެހޭ އުސޫލުތަކަށް އިސްލާހު ގެނެސް، ކަސްޓަމްސް ގެ ވެބްސައިޓުގައި މިހާރު ޝާއިއުކޮށްފައިވާނެ ކަމަށް ކަސްޓަމްސް އިން ބުންޔެވެ.
މީގެ ކުރިން ހަމަޖެހިފައި އޮތް އުސޫލުގެ ދަށުން، އަމިއްލަ ފަރާތްތަކުން ރާއްޖޭން ބޭރުން ގެންނަ ތަކެތި އަގުގެ ގޮތުން 6000 ރުފިޔާ ނުވަތަ އެއަށްވުރެ އަގު ހެޔޮނަމަ އެތަކެތިން ޑިއުޓީ ނުނަގާނެ އެވެ. މިއަދު އިއުލާނު ކުރި އާ އުސޫލުގެ ދަށުން އަންނަ ޖުލައި މަހުން ފެށިގެން އަމިއްލަ ފަރާތްތަކުގެ ކުދި ކުދި ބޭނުންތަކަށް ރާއްޖޭން ބޭރުން ގެންނަ ތަކެތިން ޑިއުޓީ ނަގާނީ އެ ތަކެތީގެ އަގު 10،000 ރުފިޔާއަށް ވުރެ އިތުރު ވާ ނަމައެވެ.
މިއަދު މިގެނައި ބަދަލަކީ ދިވެހި ހުރިހާ ރައްޔިތުންނަށް ވެސް ވަރަށް އުފާވެރި، މަންފާ ކުރާނެ ހެޔޮ ބަދަލަކަށް ވެގެންދާނެ ކަމަށް ޔަޤީން ކުރާ ކަމަށް ކަސްޓަމްސް އިން ބުންޔެވެ.




