ކުންފުނީގެ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް މިވަގުތަށް ބޭނުންވާ ހަކަތަޔާއި ގާބިލުކަން އެބަހުރިކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އިން ބުނެފި އެވެ.
މިފްކޯއިން ބުނީ، މިވަގުތަށް ބޭނުންވާ ހަކަތަޔާއި ގާބިލުކަން ހުރިނަމަވެސް، ދަރަނީގައި ކުންފުނި އެތައް އަހަރެއް ވަންދެން ހިންގުމުގެ ސަބަބުންނާއި، ކުންފުނި މާލީގޮތުން ސަރުކާރުގެ އެހީއަށް ބަރޯސާވާންޖެހޭ ގޮތަށް ބައްޓަންކޮށްފައި އޮތުމުގެ ސަބަބުން މާލީގޮތުން ބޮޑު ބުރައެއް މިހާރު އުފުލަން ޖެހިފައިވާކަމަށެވެ. އަދ، މި ބުރައިން އަތައިގަތުމަށް އަވަސް ފިޔަވަޅުތަކެއް އަޅައި، ކުންފުނީގެ މިސްރާބު ބަދަލުކުރަން ޖެހިފައިވާކަމަށްވެސް މިފްކޯއިން ބުނެފައި ވެއެވެ.
މިފްކޯއިން މިއަދު ބުނެފައި ވަނީ، 2015 ވަނަ އަހަރުން ފެށިގެން މިފްކޯއަށް 1.3 ބިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ސަރުކާރުން ހަމަޖައްސައި ދީފައިވާކަމަށެވެ. އަދި، ނުއަގުގައި މަސް ގަތުމުގެ ސަބަބުން ވާ ގެއްލުން ފޫބެއްދުމަށްޓަކައި 2015 ވަނަ އަހަރުން ފެށިގެން މިހާތަނަށް މިފްކޯއަށް ސަރުކާރުގެ ބަޖެޓުން ދީފައިވާ ގުރާންޓާއި ލޯނު، އަދި ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން ހަމަޖައްސައިދީފައިވާ ލޯނުތަކުގެ ޖުމުލަ އަދަދު 2.5 ބިލިއަން ރުފިޔާއަށް އަރާފައިވާިއރު، މި މުއްދަތުގެކުރިން ސަރުކާރުން ލޯނުގެ ގޮތުގައި ނަގާފައިވާ 576 މިލިއަން ރުފިޔާ 2022 ވަނަ އަހަރު ސަރުކާރުން މާފްކޮށްދީފައިވާ ކަމަށްވެސް މިފްކޯއިން ބުނެފައި ވެއެވެ.
”މި އިން އެއްވެސް ފައިސާއަކީ އިންވެސްޓު ކުރުމުގެ ބޭނުމަށް ނެގިފައިވާ ފައިސާއަކަށް ނުވާތީ، މި ފައިސާއިން ކުންފުންޏަށް ފައިދާއެއް ނުލިބުމުގެ އިތުރުން، މީގެތެރެއިން ބައެއް ފައިސާގެ އިންޓަރެސްޓުގެ ގޮތުގައި ފައިނޭންޝަލް އިންސްޓިޓިއުޝަންތަކަށް އަހަރަކު 56 މިލިއަން ރުފިޔާ ހޭދަވޭ“ މިފްކޯއިން ބުނެފައި ވެއެވެ.
މިފްކޯއިން ބުނީ، އެ ކުންފުނި އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގައި އޮތް އިރު އެސްޓީއޯއިން މިފްކޯއަށް ކޭޝްފްލޯ ސަޕޯޓު ދިނުމަށްޓަކައި 2022 ވަނަ އަހަރުގެ ނިޔަލަށް 512 މިލިއަން ރުފިޔާގެ ތެޔޮ ދަރަންޏަށް ދޫކުރިކަމަށެވެ، އެހެންނަމަވެސް، އެ ދަރަނީގެ އެއްވެސް ފައިސާއެއް އެސްޓީއޯއަށް މިހާތަނަށް ދެއްކިފައިނުވާކަމަށް މިފްކޯއިން ބުންޏެވެ. މީގެ އިތުރުން، 2020 ވަނަ އަހަރުން 2022 ގެ ނިޔަލަށް ފަށައިގެން ކޭޝް ފްލޯ ސަޕޯޓު ދިނުމަށް ފައިނޭންޝަލް އިންސްޓިޓިއުޝަންތައް މެދުވެރިކޮށް ވަރކިންގ ކެޕިޓަލްއަށް ހަމަޖެއްސިފައިވާ ފެސިލިޓީތަކުގެ އަދަދު 645 މިލިއަން ރުފިޔާއަށް އަރާއިރު، އެ ފެސިލިޓީތަކުގެ އިންޓަރެސްޓަށް އަހަރަކު 40 މިލިއަން ރުފިޔާ ހޭދަވާކަމަށްވެސް މިފްކޯއިން ބުނެފައި ވެއެވެ.
ސަރުކާރުގެ އެހީއަށް ބަރޯސާވެގެން ދަރަނީގައި މިފްކޯ ހިންގަމުން އަންނައިރު، ދިމާވާ ގޮންޖެހުންތައް ހައްލުކުރެވޭނީ ކުންފުނީގެ ޚަރަދުތައް ރީސްޓްރަކްޗަރކޮށް، އޮޕަރޭޝަނަށާއި ކުންފުނީގެ ހިންގުމަށް ބަދަލުތަކެއް ގެނެވިގެންކަމަށާއި، އެ މަސައްކަތްތައް ކަމާއިބެހޭ އިދާރާތަކާއި ގުޅިގެން ކުރަމުން އަންނަކަމަށް މިފްކޯއިން ބުނެފައި ވެއެވެ. މީގެ އިތުރުންވެސް، ކުންފުނީގެ އިންފްރާސްޓްރަކްޗަރ ތަރައްގީކޮށް، ޕްރޮސެސްކުރުމުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި އިންވެސްޓުކޮށް، އިތުރު އިންވެސްޓުމަންޓުތައް ހޯދުމުގެ މަސައްކަތް މިފްކޯއިން ދަނީ ކުރަމުންނެވެ.
ކުރިއަށް އޮތް 5 އަހަރުގެތެރޭގައި މިފްކޯ ތަރައްގީކުރުމަށް 2.5 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓު ހިންގުމަށް ޕްލޭންކުރެވި ކަމާއިގުޅޭ މަސައްކަތްތައް މިފްކޯއިން ދަނީ ހިންގަމުންނެވެ.



