ޗައިނާގެ ޗޮންޗިންގ އެއާލައިންސް އިން ރާއްޖެއަށް ދަތުރުތައް ފަށައިފި އެވެ.
އެ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފެށީ އިއްޔެއެވެ. ޗައިނާގެ ޗޮންޗިންގ ސިޓީއިން ސްރީލަންކާގައި ޓްރާންސިޓްކުރުމަށްފަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖެއްސި ފުރަތަމަ ފްލައިޓްގައި އިއްޔެ 82 ފަސިންޖަރުން ރާއްޖެއަށް އައެވެ. ޗޮންޗިންގ އެއާލައިންސްގެ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްށް ޖައްސާފައިވަނީ އިއްޔެ ހަވީރު 0540 ގައެވެ.
ޗޮންޗިންގ އެއަރލައިންގ އިން ރާއްޖެއަށް ހަފުތާއަކު ތިން ދަތުރު ތާޥަލުކޮށްފައިވާއިރު، މި ދަތުރުތަކުގައި ބޭނުންކުރާނީ އެއަރބަސް އޭ320 މަރުކާގެ 165 ސީޓުގެ ފްލައިޓްކަމަށް އެމްއޭސީއެލްއިން ބުނެފައި ވެއެވެ.
ޗޮންޗިންގ އެއަރލައިނަށް މަރުހަބާ ކިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ކުރިއަށް ދިޔަ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޓޫރިޒަމް އިބްރާހީމް ފައިސަލް، ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ވާންގް ލީޝިންގ، އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު، ޗޮންޗިންގ އެއާލައިންގެ ވައިސް ޕްރެސިޑެންޓް ޝިޔެ ޖިންގޕިންގ، އެމް.އެމް.ޕީ.އާރ.ސީ އަދި މަޓާޓޯގެ އިސްވެރިންގެ އިތުރުން އެމް.އޭ.ސީ.އެލްގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މިރަސްމިއްޔާތުގައި އެއަރލައިންގެ ވައިސް ޕްރެޒިޑެންޓް، ޝިޔެ ޖިންގޕިންގ ވަނީ މި ދެ މަންޒިލް ގުޅުވާލުމުން އުފެދިގެންދާނެ އިޤްތިސާދީ ފުރުސަތުތައް ފާހަގަކުރައްވާފަ އެވެ. އެގޮތުން ޗޮންގޗިންގ ސިޓީއަކީ ޗައިނާގެ އިޤްތިސާދީ އެކިދާއިރާތަކުން ފާހަގަކޮށްލެވޭ ސިޓީއެއްކަމަށާއި ރާއްޖޭގެ ވިޔަފާރިވެރިންނަށް މި އުފެދުނު އައު ގުޅުމުގެ ސަބަބުން ހެޔޮ އަސަރުތަކެއް ކުރާނެކަމަށް އުންމީދު ކުރައްވާކަމަށް އޭނާ ވިދާޅުވި އެވެ.
ޗައިނާގެ ތިން އެއާލައިނަކުން މިހާރު ވެސް ރާއްޖެއަށް ދަތުރުތައް ކުރެއެވެ. އެއީ ބެއިޖިން ކެޕިޓަލް، ސިޗުއާން އެއަރލައިންސް އަދި ޗައިނާ އީސްޓަރންއެވެ.




