ދުނިޔޭގެ އެންމެ ރަނގަޅު އެއާލައިން ގެ އެވޯޑު 8 ވަނަ ފަހަރަށް ގަތަރު އެއާވޭސް އަށް ލިބިއްޖެއެވެ.
ސްކައިޓްރެކްސް އެއާލައިން އެވޯޑްސް ގައި މި އަހަރު ގަތަރު އެއާވޭސް އިން 4އެވޯޑެއް ހާސިލްކޮށްފައިވެއެވެ.
ގަތަރު އެއާވޭސް އަށް މި އަހަރު ލިބިފައިވާ އެވޯޑުތަށް:
– އަހަރުގެ އެންމެ ރަނގަޅު އެއާލައިންގެ އެވޯޑު (8 ވަނަ ފަހަރަށް)
– ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ބިޒްނަސް ކްލާސް ގެ އެވޯޑު (11 ވަނަ ފަހަރަށް)
– ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ބިޒްނަސް ކްލާސް އެއާލައިން ލޯންޖު ގެ އެވޯޑު (6 ވަނަ ފަހަރަށް)
– މެދު އިރުމަތީގެ އެންމެ ރަނގަޅު އެއާލައިންގެ އެވޯޑު (12 ވަނަ ފަހަރަށް)
ސްކައިޓްރެކްސް އެއާލައިން އެވޯޑްސް އަކީ އޭވިއޭޝަން ދާއިރާގެ އޮސްކާ އެވޯޑުތައްކަމުގައި ގިނަ ބަޔަކު ސިފަ ކުރެއެވެ. މި އެވޯޑުތައް ދެމުން އަންނަތާ މިހާރު 25 އަހަރު ވެއްޖެއެވެ. ސްކައިޓްރެކްސް އެވޯޑްސް ގެ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ ”އަހަރުގެ އެންމެ ރަނގަޅު އެއާލައިން“ ގެ އެވޯޑު ގަތަރު އެއާވޭސް އަށް 8 ވަނަ ފަހަރަށް ދީފައި ވަނީ އެ އެއާލައިން އިން ފަސިންޖަރުންނަށް ދޭ ހިދުމަތާއި، ގަތަރު އެއާވޭސް ގެ މަތިންދާބޯޓުތަކުގެ ފެންވަރަށް ބަލާފައެވެ.

”މިއީ ގަތަރު އެއާވޭސް އަށް ވަރަށް ފަހުރުވެރި ދުވަހެއް. މި ކާމިޔާބީ ހިއްސާ ކުރަން ބޭނުންވަނީ ގަތަރު އެއާވޭސް ގެ ހީވާގީ މުވައްޒަފުންނާ.“ – ގަތަރު އެއާވޭސް ގެ ސީއީއޯ ބަދުރު މުހައްމަދު އަލް-މީރު ނެރުނު ނޫސްބަޔާނެއްގައި ބުންޔެވެ.
އޭނާ ބުނީ ގަތަރު އެއާވޭސް އަށް މި ލިބުނު ކާމިޔާބީގެ ސިއްރަކީ އެ ކުންފުނިން ދޭ ދުނިޔޭގެ ފެންވަރުގެ ޙިދުމަތް ކަމަށެވެ. އަދި ކުރިޔަށް އޮތް ތަނުގައިވެސް މިފަދަ ގިނަ އެވޯޑުތައް އެ އެއާލައިން އަށް ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށް ގަތަރު އެއާވޭސް ގެ ސީއީއޯ ބުންޔެވެ.
ގަތަރު އެއާވޭސް ގެ ފްލީޓުގައި މިވަގުތު 230 މަތިންދާބޯޓު އޮޕަރޭޓު ކުރެއެވެ. އޭގެ ތެރޭގައި ސުޕަޖަމްބޯ، ބޯއިންގ އަދި އެއާބަސް މަރުކައިގެ މަތިންދާބޯޓު ހިމެނެއެވެ.


