އައްޑޫ ސިޓީގައި ގާއިމުކޮށްފައިވާ ފެނުގެ ނިޒާމު އަޕްގްރޭޑްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ(އެމްޑަބްލިއުއެސްސީ) އިން ފަށައިފި އެވެ.
އެމްޑަބްލިއުއެސްސީން އިއްޔެ މަސައްކަތުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ހިތަދޫގަ އެެވެ. އެގޮތުން، އެ ރަށުގައި ބޯރހޯލް ތޮރުފަން ވަނީ ފަށާފަ އެވެ.
އައްޑޫ ފެނުގެ ނިޒާމު އަޕްގްރޭޑްކުރުމުގެ މަސައްކަތް ސަރުކާރުން މިދިޔަ އެޕްރީލް މަހު އެމްޑަބްލިއުއެސްސީއާ ހަވާލުކުރީ، އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. އެ މަސައްކަތް ހަވާލުކުރީ 282.6 މިލިއަން ރުފިޔާ އަށެވެ.
މިމަޝްރޫއުގެ ދަށުން ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގައި ތިން އާރްއޯ ޕްލާންޓް ބެހެއްޓޭ ގޮތަށް ލެބޯޓްރީއަކާއި، ކޮންޓްރޯލް ރޫމާކާއި، ވޯކް ޝޮޕަކާއި، އޮފީހާއި، ސްޓޯރޭޖް ހިމެނޭ ގޮތަށް މުޅިން އާ އިމާރާތެއް ގާއިމް ކުރުމަށް ނިންމާފައި ވެއެވެ. އަދި ޑިސްޓްރިބިއުޝަން ސެންޓަރުތައް ގާއިމްކޮށް، ދުވާލަކު 1500 ޓަނުގެ ފެން އުފެއްދޭވަރުގެ 2 އާރްއޯ ޕްލާންޓް އެނާޖީ ރިކަވަރީ ސިސްޓަމާއެކު ބެހެއްޓުމަށްވެސް ނިންމާފައި ވެއެވެ. މީގެ އިތުރުން ފެން ރައްކާކުރުމަށް 13،000 ޓަނުގެ ސްޓޯރޭޖް އިތުރުކޮށް، ބޯރހޯލް ތޮރުފައި، 100 ކިލޯވޮޓުގެ ސޯލަރ ހަރުކޮށް، ލެބޯޓްރީއަށް ބޭނުންވާ އާލާތްތައް ފޯރުކޮށްދިނުމާއެކު މުޅިން އައު ބުރައިން އައުޓްފޯލް އެއްވެސް މި މަޝްރޫއުގެ ދަށުން އެޅުމަށް ވަނީ ހަމަޖައްސާފަ އެވެ.
މިމަޝްރޫއުގެ ދަށުން ހުޅުމީދޫގައި ވެސް ތިން އާރްއޯ ޕްލާންޓް ބެހެއްޓޭ ގޮތަށް ލެބޯޓްރީއަކާއި، ކޮންޓްރޯލް ރޫމަކާއި، ވޯކް ޝޮޕަކާއި، އޮފީސް އަދި ސްޓޯރޭޖް ހިމެނޭ ގޮތަށް މުޅިން އައު އިމާރާތެއް ގާއިމުކޮށް، ޑިސްޓްރިބިއުޝަން ސެންޓަރުތަކެއް ގާއިމްކުރާނެއެވެ. އަދި، ދުވާލަކު 350 ޓަނުގެ ފެން އުފެއްދޭވަރުގެ 2 އާރްއޯ ޕްލާންޓު އެނާޖީ ރިކަވަރީ ސިސްޓަމެއްވެސް ބެހެއްޓުމަށް ހަމަޖެހިފައި ވެެއެވެ. މީގެ އިތުރުން، ފެން ރައްކާކުރުމަށް 3000 ޓަނުގެ ސްޓޯރޭޖް އިތުރުކޮށް، 4 ބޯރހޯލް ތޮރުފައި، 75 ކިލޯވޮޓް ސޯލަރ ހަރުކޮށް، ލެބޯޓްރީއަށް ބޭނުންވާ އާލާތްތައް ފޯރުކޮށްދީ، މުޅިން އައު ބްރައިން އައުޓްފޯލް އެއް މިމަޝްރޫއުގެ ދަށުން އެޅުމަށް ވަނީ ހަމަޖެހިފަ އެވެ.
އައްޑޫގެ ފެނުގެ ނިޒާމް މިހާރު ބަލަހައްޓަނީ ފެނަކައިންނެވެ. އައްޑޫގެ ގުޅިފައިވާ ރަށްތަކުން ފެންކެނޑުމުގެ މައްސަލަ ފާއިތުވި މަސްތަކުގައި ކުރިމަތިވެފައިވަނިކޮށް މިހާރު އެކަން ވަނީ ހައްލުކޮށްފަ އެވެ.



