އިންޑިއާގައި އުފައްދާ ބޭހުގެ ސާމްޕަލްތަކެއް ނަގައިގެން ހެދި ކުއަލިޓީ ޓެސްޓުން ގިނަ އަދަދެއްގެ ބޭސްތަކެއް ފޭލި ވެއްޖެއެވެ.
އިންޑިއާގެ ސެންޓްރަލް ޑްރަގްސް ކޮންޓްރޯލް އޯގަނައިޒޭޝަން(ސީޑީއެސްސީއޯ) އިން ވަނީ މިދިޔަ މެއި މަހު އެގައުމުގެ 7 ސްޓޭޓެއްގައި އުފައްދައި މާކެޓްގައި ވިއްކަން ހުރި ބޭސްތަކެއްގެ 1008 ސާމްޕަލް ނަގައި ކޮލިޓީ ޓެސްޓް ހަދާފަ އެވެ. އެ ހެދި ޓެސްޓުން 51 ބޭހެއް ވަނީ ކުއަލިޓީ ޓެސްޓުން ފޭލިވެފަ އެވެ.
ކުއަލިޓީ ޓެސްޓުން ފޭލިވި ބޭސްތައް ސާމްޕަލްތައް ނަގާފައިވަނީ، ހިމާޗަލް ޕްރަދޭޝް، ޖައިޕޫރް، ހައިދަރްއާބާދު، ވަގޯދިއާ، ވަޑޯޑާރާ، އަންދްރަ ޕްރަދޭޝް އަދި އިންޑޯއިންނެވެ. ސާމްޕަލް ފޭލިވި ގިނަ ބޭސްތައް އުފައްދާފައިވަނީ ހިމާޗަލް ޕްރަދޭޝްއިންނެވެ. އެ ސްޓޭޓްގެ ކުންފުނިތަކުން އުފައްދާ 22 ބޭހެއް ވަނީ ކުއަލިޓީ ޓެސްޓުން ފޭލިވެފަ އެވެ.
ސީޑީއެސްސީއޯއިން ވަނީ ކުއަލިޓީ ޓެސްޓުން ފޭލިވި ބޭސްތައް އުފައްދައި ވިއްކާ ކުންފުނިތަކަށް މިމަހުގެ 20 ވަނަ ދުވަހު އެ ބޭސްތައް މާކެޓުން ނެގުމަށް އަންގާފަ އެވެ. ކުއަލިޓީ ޓެސްޓުން ފޭލިވި ބޭސްތަކުގެ ތެރޭގައި އާންމުކޮށް ބޭނުންކުރާ ޕެރެސެޓެމޯލްގެ އިތުރުން، ހަކުރު ބައްޔާއި، ކެންސަރު ބައްޔާއި، ހުމަށާއި، މޭގެ އިންފެކްޝަންތަކަށް އާންމުކޮށް ބޭނުންކުރާ ބޭސްތައް ހިމެނެއެވެ. މީގެ އިތުރުން ލޭ މައްޗަށްދާ މީހުން ބޭނުންކުރާ ބޭހާއި، ފިޓު ޖެހޭ މީހުން ބޭނުންކުރާ ބޭހާއި، އާތުރައިޓިސްއާއި ބައިޕޯލާ ޑިސްއޯޑާ އަދި ބެކްޓީރިއަލް އިންފެކްޝަންތަކަށް ބޭނުންކުރާ ބޭސްތައް ހިމެނެއެވެ.




