ހުޅުމާލޭ ގޯތިތަކުގައި އިމާރާތްކުރަން ކަނޑައަޅާފައިވާ އުސޫލުތަކާއި ޚިލާފަށް މަސައްކަތް ކުރަމުންދާނަމަ ފިޔަވަޅު އަޅާނެކަމަށް ހައުސިންގ ޑެވެލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީ) އިން ބުނެފި އެވެ.
މިކަން އާންމުކޮށް އަންގައި އެކުންފުނިން ކުރި އިއުލާނެއްގައި ބުނެފައިވަނީ، މިހާރަކަށް އައިސް ހުޅުމާލޭ ގޯތިތަކުގައި އިމާރާތްކުރާއިރު، އެ ކޯޕަރޭޝަނުން ހަދާފައިވާ ގަވައިދުތަކާއި އުސޫލުތަކަށް ބެލުމެއް ނެތި، އަދި އިމާރާތްކުރުމާއި ގުޅޭ ހުއްދަތައް ނުނަގައި ގޯތިތެރޭގައި މަސައްކަތްކުރުމާއެކު، އިމާރާތްކުރުމުގެ މަސައްކަތްތައް ކުރަމުން ގެންދާކަން ފާހަނަގަ ކުރެވިފައި ވާކަމަށެވެ. މީގެ ތެރޭގައި ހުޅުމާލެއިން ވިއްކާފައިވާ ގޯއްޗާއި، ކުއްޔަށްދީފައިވާ ގޯއްޗާއި، އިޖުތިމާއީ ބޯހިޔާވަހިކަމުގެ ތެރެއިން ދޫކޮށްފައިވާ ގޯތި ހިމެނޭކަމަށް އެކޯޕަރޭޝަނުން ބުނެފައި ވެއެވެ.
އެޗްޑީސީން ބުނީ، ހުޅުމާލެއިން ދޫކޮށްފައިވާ ގޯއްޗެއްގައި އިމާރާތެއް ހަދަން ފެށުމުގެ ކުރިން އިމާރާތްކުރާނެ ގޮތުގެ ކުރެހުމެއް އެ ކޯޕަރޭޝަނަށް ހުށަހަޅައި ފާސްކުރުމަށްފަހު، އިމާރާތްކުރުމާއި ގުޅޭ އެހެނިހެން ހުއްދަަތައްވެސް އެ ކޯޕަރޭޝަނުން ނަގަންޖެހޭކަމަށެވެ. އެެހެންނަމަވެސް އެ އުސޫލުތަކާއި ޚިލާފަށް ގޯތީގެ ވެރި ފަރާތްތަކުން ފަހަކަށް އައިސް މަސައްކަތް ކުރަމުން އަންނަކަން އެ ކޯޕަރޭޝަނަށް ފާހަނގަކުރެވިފައިވާކަމަށެވެ. އެހެންކަމުން، އުސޫލާއި ޚިލާފަށް ގޯތިތެރޭގައި މަސައްކަތެއް ކުރަމުންދާނަމަ ނުވަތަ އުސޫލާ ޚިލާފަށް އިމާރާތްކުރުމުގެ މަސައްކަތެއް ކުރަމުންދާނަމަ އަދި އިމާރާތެއް ކޮށްފައިވާނަމަ، އެ ގޯއްޗެއްގެ ވެރިފަރާތާމެދު ކަނޑައެޅިފައިވާ އުސޫލުން ފިޔަވަޅު އަޅާނެކަމަށް އެކުންފުނިން މިއަދު ބުނެފައި ވެއެވެ.
ހުޅުމާލެއިން ދޫކޮށްފައިވާ ގޯތިތަކުގައި އިމާރާތްކުރުމުގެ އުސޫލުތައް އެ ކޯޕަރޭޝަނުގެ ވެބްސައިޓުން ބަލާލެވޭނެއެވެ. އަދި، އެކަމާއި ގުޅިގެން މައުލޫމާތު ސާފުކުރަން ބޭނުންވާނަމަ، އެ ކޯޕަރޭޝަންގެ ހޮޓްލައިން 1516 އަށް ގުޅައިގެންވެސް މައުލޫމާތު ސާފުކޮށްލެވޭނެއެވެ.



