ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އައު ފަޔަރ ސްޓޭޝަން މިއަދު ހުޅުވައިފި އެވެ.
މިއަދު ހަވީރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އައު ފަޔަރ ސްޓޭޝަން ހުޅުއްވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަޙުސައިން މުޙައްމަދު ލަޠީފް އެވެ.

ފަޔަރ ސްޓޭޝަން ހުޅުއްވައިދެއްވުމަށްފަހު އީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ މައި އެއަރޕޯޓު އިތުރަށް ތަރައްޤީކޮށް، ޚިދުމަތް ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަޞައްވުރުގައި ފަޔަރ އެންޑް ރެސްކިޔުގެ ޤާބިލުކަން އިތުރުކޮށް، އެންމެ ޒަމާނީ ޓެކްނޮލޮޖީއާ، އެންމެ އިތުބާރުހުރި ވަޞީލަތްތައް ޤާއިމުކޮށްދެއްވާނެކަމުގައި ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ރާއްޖޭގެ އިޤްތިޞާދުގެ މައި ތަނބަކީ ފަތުރުވެރިކަންކަމުގައި ފާހަގަކުރައްވައި މަދަނީ ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމުގައި އެއަރޕޯޓްގެ ފަޔަރ އެންޑް ރެސްކިއުގެ ޚިދުމަތުގެ ދައުރު ވަރަށް ބޮޑުކަމުގައި ވިދާޅުވި އެވެ. އަދި އެއީ ރާއްޖެއަށް އަންނަ ބޭރުގެ ފްލައިޓްތައް އިތުރުވުމާ، ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރީން ގިނަވުމުގައި، އެއަރޕޯޓުގެ ސަލާމަތީ ކަންކަމަށް އޮންނަ އިތުބާރު މުހިންމު ދައުރެއް އަދާކުރާތީކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އެހެންކަމުން އެ ޚިދުމަތްތެރިން އެކަމުގައި ސާބިތުކަމާ އެކު ދެމިތިއްބެވުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ފަޔަރ އެންޑް ރެސްކިޔުގެ ޚިދުމަތުގައި 31 އަހަރު ހޭދަކުރެއްވި މި ޚިދުމަތުގެ ބާނީއެއްކަމަށްވާ އަލްމަރުހޫމް އަޙްމަދު ފަޔާޒުގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި ވެއެވެ. އަލްމަރުހޫމް އަޙްމަދު ފަޔާޒަކީ ފަޔަރ އެންޑް ރެސްކިޔުގެ ޚިދުމަތް ދިވެހިރާއްޖޭގައި ފުޅާކުރުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތެކެވެ. އެގޮތުން މިއަދު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުޅުއްވައިދެއްވި ފަޔަރ އެންޑް ރެސްކިޔުގެ އައު ސްޓޭޝަން ތަރައްޤީކުރުމުގައިވެސް އިސްދައުރެއް އަލްމަރުހޫމް އަޙްމަދު ފަޔާޒު އަދާކުރެއްވި އެވެ. އަދި އަލްމަރުހޫމް އަޙްމަދު ފަޔާޒަކީ ފަޔަރ އެންޑް ރެސްކިޔުގެ ޚިދުމަތަށް މީހުން ތަމްރީނުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި ފަރާތެކެވެ.

މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އެއާޕޯޓުގެ އެމްޑީ އަދި ސީއީއޯ އިބްރާހިމް ޝަރީފް މުހައްދަމަދު ވިދާޅުވީ، ވީއައިއޭގެ ފަޔަރ އެންޑް ރެސްކިޔު ޓީމަކީ ވަރަށް ހުނަރުވެރި ފުރިހަމަ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭ ބައެއް ކަމަށާއި، އެބޭފުޅުންގެ ހުނަރާއި ޤާބިލިއްޔަތަށްޓަކައި ފަޚުރުވެރިވެވަޑައިގަންނަވާކަމަށް ވިދާޅުވި އެވެ. އަދި އެއާޕޯޓުގެ ފަޔަރ އެންޑް ރެސްކިޔު ސާވިސްއަކީ ވަރަށް ރަނގަޅު ނަމޫނާ ސާވިސްއެއްކަން ފާހަނގަ ކުރައްވައި، އެސަރވިސްގައި މަސައްކަތްކުރައްވާ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދެއްވާނެކަމަށް ވިދާޅުވި އެވެ.
އަލަށް މި ސްޓޭޝަން ހުޅުވުމާއެކު، އެތަން އޮޕަރޭޝަނަށް ގެނެސް ޚިދުމަތްދޭން ވަނީ ފަށާފައެވެ.



