ފެލިވަރު ފެކްޓަރީ އިތުރަށް ތަރައްގީކުރުމަށް ފަށާފައިވާ މަޝްރޫއުގެ ދަށުން، އެތާނގައި އަލަށް ގާއިމުކުރުމަށް ނިންމި 100 ޓަނުގެ ކޭނަރީގެ ޑިޒައިނިންގ މަސައްކަތް ފަށައިފި އެވެ.
ޗައިނާ ކޮންޓްރެކްޓްރަކާއި، ދިވެހި ސަރުކާރާއި ދެމެދު ސޮއިކޮށްފައިވާ އެމްއޯޔޫއެއްގެ ދަށުން ފެށި މި މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން ފެލިވަރުގެ ރީޖަނަލް މެނޭޖަރ މިޝާލް އަހުމަދު ވިދާޅުވީ، މިވަގުތު މިފްކޯގައި ހުރި ކޭނަރީއަކީ 40 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކޭނަރީއެއް ކަމުގައެވެ. އަދި އަލަށް ގާއިމްކުރާ ކޭނަރީގެ ސަބަބުން ފެލިވަރުގެ އޮޕަރޭޝަންގެ އެފިޝެންސީގެ އިތުރުން ޕްރޮޑަކްޝަން ކެޕޭސިޓީ ބޮޑު ތަނުން އިތުރުވެގެން ދާނެ ކަމުގައެވެ. އެގޮތުން ރާއްޖޭގައި ބާނާ ކަޅުބިލަމަހާއި ކަންނެލީގެ އިތުރުން މަހުގެ އުފެއްދުންތައް އިތުރުވެގެންދާނެކަން މިޝާލް ފާހަގަކުރެއްވި އެވެ.
”މިއީ އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެމުން އައި ކަމެއް. ސަރުކާރުން މި މަޝްރޫއު އަވަސްކޮށް ކުރިއަށް ގެންދިއުމަށް ނިންމި ނިންމުން އަޅުގަނޑު ފާހަގަކުރަން.“ މިޝާލް ވިދާޅުވި އެވެ.
ކޭނަރީގެ މަސައްކަތާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން މިފްކޯގެ އިންޖިނިއަރިން ކޮންސަލްޓެންޓް އަހުމަދު އަބްދުﷲ ވިދާޅުވީ، މިހާރު ހުރި ކޭނަރީއަކީ 1976 ވަނަ އަހަރު ގާއިމްކޮށްފައިވާ، އެ ދުވަަސްވަރަށް އެންމެ އެކަށީގެންވާ، ވަރަށް ޒަމާންވީ ފެސިލިޓީއެއް ކަމުގައެވެ. އެކަމަކު ކުރިއަރަމުންދާ ޓެކްނޮލޮޖީއާއިއެކު އަލަށް ގާއިމްކުރާ ކޭނަރީއަކީ ފުލް އޮޓޮމެޓިކް ފެސިލިޓީއެއް ކަމުގައެވެ. އެގޮތުން މަސްދަޅު ބަންދުކުރުމާއި، ލޭބަލް ޖެހުމާއި، ޕެކިންގެ އިތުރުން ގުދަން ކުރުމުގެ މަސައްކަތް ހިނގާނީ މެޝިނަރީތަކުގެ ޒަރީއާއިންކަމަށް އަހްމަދު ވިދާޅުވި އެވެ.
”މިތަން ވެގެންދާނީ ދެކުނު އޭޝިއާ ސަރަހައްދުގެ ސްޓޭޓް އޮފް ދި އާޓް ކޭނަރީއަކަށް“ އަހުމަދު ވިދާޅުވި އެވެ.
ފެލިވަރުގައި ގާއިމްކުރާ ކޭނަރީއަކީ ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުން 40 މިލިއަން ޑޮލަރު ހަރަދުކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއެކެވެ. މިފްކޯއިން އަމާޒު ހިފާފައިވަނީ، މި މަޝްރޫއުގެ މަސައްކަތް 2026 ގެ ނިޔަލަށް އެއްކޮށް ނިންމާލުމަށެވެ.



