މާލޭ ވޭސްޓް ޓްރާންސްފަރ ސްޓޭޝަނަށް ކުނިގެންދާ އުޅަނދުތަކުން ވެމްކޯގެ މުވައްޒަފުން ލައްވާ ކުނި ހުސްކުރާނަމަ ފީއެއް ނަގަން ނިންމާފައިވާކަމަށް އެ ސްޓޭޝަން އޮޕަރޭޓްކުރަމުން އަންނަ ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން(ވެމްކޯ) އިން ބުނެފި އެވެ.
ވެމްކޯއިން ބުނީ، މާލޭ ވޭސްޓް ޓްރާންސްފަރ ސްޓޭޝަނުން ޚިދުމަތް ހޯދާ އުޅަނދުތަކުގެ ތެރެއިން އަމިއްލަ ޒާތުގައި ކުނި ހުސްނުކުރެވޭ އުޅަނދުތަކުން ވެމްކޯ މުވައްޒަފުން ކުނި ހުސްކޮށްދޭގޮތަށް ނިންމާފައިވާކަމަށާއި، އެ ޚިދުމަތަށް ފީއެއް ނަގާނެކަމަށެވެ. މިފަދަ ފީއެއް ތައާރަފުކުރީ، ޚިދުމަތް ހޯދާ އުޅަނދުތަކުގެ ކިއު މެނޭޖްކުރުމާއިއެކު، ކަސްޓަމަރުންނަށް ވީހާވެސް އަވަހަށް ޚިދުމަތް ފޯރުކޮދިނުމަށްކަމަށްވެސް ވެމްކޯއިން ބުންޏެވެ.
އަމިއްލަޒާތުގައި ކުނި ހުސްނުކުރެވޭ އުޅަނދުތަކުން އެ ކޯޕަރޭޝަނުގެ މުވައްޒަފުން ކުނި ހުސްކޮށްދޭނީ ކަސްޓަމަރުން ބޭނުންވެއްޖެ ހިނދެއްގައިކަމަށާއި، އެޚިދުމަތަށް ފީ ނަގަން ފަށާނީ 1 ޖުލައި އިން ފެށިގެންކަމަށް ވެމްކޯއިން ބުނެފައި ވެއެވެ.
ވޭން/ޕިކަޕް/ލޮރީން ކުނި ހުސްކޮށްދޭން ކަނޑައަޅާފައިވާ ފީ:
- 350-0 ކިލޯ ގްރާމް: 50 ރުފިޔާ
- 1500-351 ކިލޯ ގްރާމް: 75 ރުފިޔާ
- 1501 ކިލޯ ގްރާމަށްވުރެން ބަރު: 100 ރުފިޔާ
ވެމްކޯއިން ބުނީ، މާލޭ ޓްރާންސްފަރ ސްޓޭޝަނުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ޓްރާންސްފަރ ސްޓޭޝަނުން ޚިދުމަތް ހޯދާ ފަރާތްތަކުގެ ތެރެއިން %70 އަކީ ވިޔަފާރީގެ އުސޫލުން ކުނިއުކާލާ ފަރާތްތަކާއި، ޓެކްސީގެ ގޮތުގައި ބޭނުންކުރަމުންދާ ވޭން/ޕިކަޕް/ލޮރީ ކަަމަށެވެ. މި އުޅަނދުތަކަކީ އަމިއްލަޒާތުގައި ހުސްނުކުރެވޭ އުޅަނދުތަކެއް ކަމުން، އުޅަނދަށް ބަރުކޮށްފައިވާ ކުނި ހުސްކުރަން ޖެހޭނީ ވޭން/ޕިކަޕް/ލޮރީ ގައި ތިބޭ ލޭބަރުންކަން ވެމްކޯއިން ފާހަނގަކޮށްފައި ވެއެވެ. އަދި އާއްމުގޮތެއްގައި ޓެކްސީގެ ގޮތުގައި ބޭނުންކުރާ އުޅަނދުގައި ޑްރައިވަރު ފިޔަވައި އެހެން ފަރާތެއް ނުހުންނަކަންވެސް ވެމްކޯއިން ފާހަނގަކޮށްފައި ވެއެވެ. ވެމްކޯއިން ފީއަކާއެކު އެފަދަ އުޅަނދުތަކުން މުވައްޒަފުން ލައްވާ ކުނި ހުސްކޮށްދޭން ނިންމީވެސް އެސަބަބާ ހުރެއެވެ.
މާލޭ ވޭސްޓް ޓްރާންސްފަރ ސްޓޭޝަނަށް ކުނިގެންދާ އުޅަނދުތަކުން ވެމްކޯގެ މުވައްޒަފުން ލައްވާ ކުނި ހުސްކޮށްދިނުމުގެ ފުރުސަތު ހުޅުވާލިނަމަވެސް، އަމިއްލައަށް ކުނި ހުސްކުރުމަށް އެދޭ ފަރާތްތަކަށް އުޅަނދުން ކުނި ހުސްކުރުމަށް 7 މިނެޓްގެ ވަގުތެއްދޭން ވެމްކޯއިން ވަނީ ނިންމާފަ އެވެ.
ޖުލައި 01 ވަނަ ދުވަހު މާލޭ ވޭސްޓް ޓްރާންސްފަރ ސްޓޭޝަން އޮޕަރޭޝަނަލައިޒް ކުރުމާއި އެކު، ދުވަހުން ދުވަހަށް މާލޭ ޓްރާންސްފަރ ސްޓޭޝަނަށް ގެންދާ ކުނި، ކޮންޓެއިނަރުތަކުގައި ކ. ތިލަފުއްޓަށް ގެންދިއުމަށް ވެމްކޯއިން ދަނީ ތައްޔާރުވަމުންނެވެ.



