މިފްކޯގައި ގާއިމުކުރާ އާ ކޯލްޑް ސްޓޯރޭޖް ނިންމައި އޮޕަރޭޝަނަށް ގެނެވުމާއެކު، މަސްވެރިން ބާނާ މަސް ދުވަހުން ދުވަހަށް ކިރޭނެ ކަމުގެ ޔަގީންކަން މަސްވެރިންނަށް ލިބިގެން ދާނެކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އިން ބުނެފި އެވެ.
ފެލިވަރު ފެކްޓަރީ އިތުރަށް ތަރައްގީކުރުމަށް، އިންޑިއާގެ ކުންފުންޏަކާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ ކޯލްޑް ސްޓޯރޭޖް މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓް ޑިޕާޓްމެންޓުގެ މެނޭޖަރ މުހައްމަދު ޝަމީމް ވިދާޅުވީ، ރާއްޖޭގެ އުތުރުގައި މަސްގަނެ، މަސް ފިނިކޮށްގެން ރައްކާކުރެވޭނެ ނިޒާމެއް ސަރުކާރުންވެސް އަދި އަމިއްލަ ފަރާތަކުން އަދި މިހާތަނަށް ގާއިމްކޮށްފައި ނުވާކަމަށެވެ. އަދި ފެލިވަރުގައި ގާއިމުކުރަނީ 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއްކަން ފާހަގަކުރައްވަމުން ޝަމީމް ވިދާޅުވީ، ކޯލްޑް ސްޓޯރޭޖާއިއެކު، 200 ޓަނުގެ ބްރައިން ފްރީޒިން އާއި 80 ޓަނުގެ އާރު.އެސް.ޑަބްލިއު ސިސްޓަމެއް ގާއިމްކުރެވޭނެ ކަމުގައެވެ.
22 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ކުރިޔަށް ގެންދާ މި މަޝްރޫއުގެ ސަބަބުން ފެލިވަރަށް ދުވާލެއްގެ މައްޗަށް 280 ޓަނުގެ މަސް އިތުރަށް ކިރޭނެ ކަން ފާހަނގަކުރައްވައި ޝަމީމް ވިދާޅުވީ، ސްޓޯރޭޖް ނިންމައި އޮޕަރޭޝަނަށް ގެނެވުމުން މަސްވެރިން ބާނާ މަސް ދުވަހުން ދުވަހަށް ކިރޭނެ ކަމުގެ ޔަގީންކަން މަސްވެރިންނަށް ލިބިގެން ދާނެކަމަށެވެ. އަދި، އެ މަޝްރޫއުގެ ސަބަބުން އުތުރުގެ މަސްވެރިންނަށް ފަސޭހަކަމާއެކު ސީދާ ފެލިވަރަށް ގޮސް މަސް ކިރޭނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.
”ފެލިވަރުގައި ކޯލްޑް ސްޓޯރޭޖް ގާއިމްކުރުމުގެ ސަބަބުން އުތުރުގެ މަސްވެރިން ކޫއްޑޫއަށް މަސްކިރަން ދިއުމަށް ކުރާ ދިގު ދަތުރުތައް ނިމުމަކަށް އަންނާނެ. އަދި އުތުރުގެ މަސްވެރިން ތެލަށް ކުރާ ޚަރަދު ވަރަށް ބޮޑަށް ކުޑަވެގެންދާނެ.“ ޝަމީމް ވިދާޅުވި އެވެ.
ފެލިވަރު ފެކްޓަރީ ތަރައްގީކުރުމުގެ މަޝްރޫއަކީ، 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު އިންޑިއާގެ ކުންފުންޏެއް ކަމުގައިވާ ރައިނެކް އިންޑިއާ ލިމިޓެޑާއި ހަވާލުކުރި މަޝްރޫއެކެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ޚަރަދުކޮށްގެން ހިންގަން ނިންމި މަޝްރޫއެކެވެ.



