ޅ. ނައިފަރުގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް އެރަށަށް އާ ޖަނަރޭޓަރެއް ގެންގޮސްފައިވާކަމަށް ފެނަކައިން ބުނެފި އެވެ.
ފެނަކައިން ބުނީ ނައިފަރުގެ ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށްޓަކައި އެކުންފުނިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޅ. ނައިފަރަށް 1200 މެގަވޮޓުގެ ޖަނަރޭޓަރެއް ގެންގޮސްފައިވާކަމަށެވެ. އަދި، އެހެން ރަށްރަށުގެ ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށްވެސް އެ ކޯޕަރޭޝަން އިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް ފެނަކައިން ބުނެފައި ވެއެވެ.
ނައިފަރުަގައި މިހާރު ހުރީ 800 މެގަވޮޓުގެ ޖެނަރޭޓަރާއި، 600 މެގަވޮޓު އަދި 700 މެގަވޯޓުގެ ޖަަނަރޭޓަރެކެވެ. އެ ޖެނެރޭޓަރުތަކުން ފުރިހަމައަށް ކަރަންޓު ނުއުފެއްދޭތީ ދޭތެރެ ދޭތެރެއިން އެރަށުން ކަރަންޓު ކެނޑެއެވެ. އޭގެ ސަބަބުން އާއްމުންގެ ވިޔަފާރިތަކަށާއި އާއްމުންނަށް ވަރަށް ބޮޑެތި މައްސަލަތަކެއް ދިމާވާތީ އެރަށު ކައުންސިލުންނާއި އާންމުން ދަނީ ދޭތެރެ ދޭތެރެއިން ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މިހާރުވެސް 6000 މީހުންނަށް ވުރެ ބޮޑު އާބާދީއެއް އޮންނަ ނައިފަރުގެ ކަރަންޓުގެ މައްސަލަ އަށް ދާއިމީ ހައްލެއް ގެނައުމަށް އުންމީދީ މަސައްކަތްތަކެއް ނުކުރެވޭ ކަމަށް މީގެ ކުރިން އެރަށު ކައުންސިލުން ބުނެފައި ވެއެވެ.



