ވެރިކަންކުރާ މައިޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ) އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލިސް މެންބަރުންނަށް ރިޔާސީ ގަނޑުވަރު މުލިޔާގެއިން ބައިލައްކަ ރުފިޔާ ކޮންމެ މަހަކު ދޫކުރަމުން އަންނަ ކަމަށް ފަތުރަމުންދާ ވާހަކަތައް ސަރުކާރުން ދޮގުކޮށްފި އެވެ.
ޕީއެންސީ މެންބަރުންނަށް މުލިޔާގެއިން މަހަކު 50،000 ރުފިޔާ ދެމުން އަންނަކަމަށް ތުހުމަތުކޮށް، ވާހަކަފުޅު ދައްކަވާފައިވަނީ މައި އިދިކޮޅު ޕާޓީކަމަށްވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)ގެ ޗެއާޕާސަން އަދި މިދިޔަ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެވެ. އޭނާ އެފަދައިން ތުހުމަތުކޮށް ވާހަކަފުޅު ދައްކަވާފައިވަނީ އެމްޑީޕީގެ އަހަރީ ދުވަހާއި ގުޅުވައިގެން ރާއްޖެޓީވީ ގެ ”ފަލަ ސުރުޚީ“ ޕްރޮގްރާމުގައި ބައިވެރިވަޑައިގެން ދެއްކެވި ވާހަކަފުޅުަގައެވެ. ފައްޔާޒުގެ މިވާހަކައަށް ބާރުދީ އިދިކޮޅު ފަރާތްތަކުން ދަނީ ސަރުކާރާއި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް ހަގީގަތާއި ޚިލާފަށް ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ހަގީގަތާ ޚިލާފު ޚަބަރު ފަތުރަމުންނެވެ.
މިކަމަށް އިޝާރާތްކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ ފައްޔާޒު ހައްދަވާފައިވަނީ އިތުރުފުޅެއްކަމަށެވެ.
”ޕީއެންސީގެ މަޖިލިސް މެމްބަރުންނަށް މުލިއާގެއިން މަހަކު 50،000ރ. ދޭކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް ދެއްކެވި ވާހަކައަކީ ކަނޑައެޅިގެން ބުހުތާނު ދޮގެއް.“ ހީނާ ވިދާޅުވެފައި ވެއެވެ.




