މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އެކުންފުނީގެ ޚަރަދުތައް ކުޑަކުރަން މުހިންމު ފިޔަވަޅުތަކެއް އަޅައިފި އެވެ.
ސަރުކާރުން ޚަރަދުކުޑަކުރުމަށް ފިޔަވަޅުތަކެއް އެޅުމާއި ގުޅިގެން އެކަމަށް ބާރު ދިނުމުގެ ގޮތުން އެމްއޭސީއެލްއިން ވަނީ 10 ވަރަކަށް ދާއިރާއަކުން ޚަރަދުކުޑަކުރުމަށް މިއަދުން ފެށިގެން ޚާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމާފަ އެވެ. މިކަން އިއުލާނުކުރެއްވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު އެވެ. ޝަރީފް ވިދާޅުވީ، ޚަރަދު ކުޑަކުރަން ކަނޑައެޅުއްވި ދާއިރާތަކުގެ ތެރޭގައި ތެލަށްދާ ޚަރަދާއި، ކޮންސިއުމަބަލްސްއަށް ކުރާ ޚަރަދާއި، ފެނާއި ކަރަންޓަށް ކުރާ ޚަރަދާއި، ދަތުރުފަތުރުކުރުމަށް ކުރާ ޚަރަދާއި، ކުންފުނީގެ އެތެރޭގައި ކުރާ މަސައްކަތްތަކަށް ދާ ޚަރަދާއި، ބޭންކް ޗާޖަސް މަދުކުރުމަށް ކުރާ ޚަރަދާއި، ކޮމިއުނިކޭޝަނަށް ކުރާ ޚަރަދާއި، އިންވެންޓްރީއަށް ކުރާ ޚަރަދުގެ އިތުރުން އިވެންޓުތައް ބާއްވަން ކުރާ ޚަރަދު ހިމެނެއެވެ.
ތެލަށްދާ ޚަރަދު ކުޑަކުރުން:
އެމްއޭސީއެލްއަކީ މާލެ ފިޔަވައި މި ސަރަހައްދުގައި އެންމެ ބޮޑު އަދަދަކަށް ކަރަންޓް ބޭނުންކުރާ ކުންފުންޏެވެ. އެގޮތުން ސައުވީސް ގަޑީއިރު ހިންގަންޖެހޭ ތަފާތު މެޝީނަރީޒްތަކާއި، އަދި އެހެނިހެން އާލާތްތައް އޮޕަރޭޓްކުރަން ގިނަ އަދަދެއްގެ ކަރަންޓް ބޭނުން ކުރާއިރު މިހާރު ބޭނުންކުރާ ޖެން ސެޓްތަކަކީ އެންމެ އެކަށީގެންވާ ކަންޑިޝަންތަކުގައި ހުރި ޖެންސެޓްތަކަށް ނުވާތީ އޭގެ ސަބަބުން ޑީސަލްގެ ޚަރަދު ބޮޑުވެއެވެ. ޝަރީފް ވިދާޅުވީ މިހާރު ޕަވަރް އަޕްގްރޭޑިންގް ޕްރޮޖެކްޓެއް ފަށައިގެން ކުރިޔަށްދާކަމަށާއި، ޚަރަދު ކުޑަކުރަން އަޅާ ފިޔަވަޅެއްގެ ގޮތުން، އެ މަސައްކަތް އަވަސްކޮށް ކުރިޔަށް އޮތް 15 ދުވަސްތެރޭގައި އާ ޖަނަރޭޓަރު ސެޓްތައް ބޭނުންކުރަން ފަށާނެކަމަށެވެ. އަދި، އެ ބޭނުންކުރަން ފެށުމުން ކަރަންޓް އުފެއްދުމަށް ބޭނުންކުރާ ޑީސެލްގެ މިންވަރު މަދުވެގެން %10 ދަށްވެގެންދާނެކަމަށް ޝަރީފް ވިދާޅުވިއެވެ.
ކޮންސިއުމެބަލްސް ޚަރަދު ކުޑަކުރުން:
އެމްއޭސީއެލްއަކީ 4،000 އަށްވުރެ ގިނަ މުވައްޒަފުން ތިބޭ ކުންފުންޏަކަށް ވާއިރު ކޮންސިއުމެބަލް ޚަރަދުތައް ފުދޭ ވަރަކަށް ބޮޑެވެ. އެހެންކަމުން އެހެން ކުންފުނިތަކާ އަޅާބަލާއިރު، ޕްރިންޓްކުރުމަށާއި، ކަރުދާހަށްކުރާ ޚަރަދު ފުދޭވަރަށް ބޮޑެވެ. ޝަރީފް ވިދާޅުވީ، އަމާޒަކީ އެއް އަހަރުދުވަހުގެ ތެރޭގައި އެކުންފުންޏަކީ ކަރުދާސް ބޭނުންނުކުރާ ކުންފުންޏަކަށް ހެދުމެވެ. އެގޮތުން ޚަރަދުކުޑަކުރަން އަޅާ ފިޔަވަޅެއްގެ ގޮތުން މިއަދުން ފެށިގެން ޕްރިންޓަރު ގަތުން ހުއްޓާލާނެކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން އޮޕަރޭޝަނަށް ބޭނުންކުރާ އެހެނިހެން ކޮންސިއުމެބަލް ގުޑްސްތަކުގެ ސްޓޮކް ބަލައި، ޒިންމާދާރުކަމާއެކު ބޭނުންކުރާނެ ނިޒާމެއް ރާވާ އޭގެ ޚަރަދު ތައްވެސް ނިސްބަތުން ކުޑަކުރާނެކަމަށެވެ. މިއާއެކު ކޮންސިއިމެބަލްސް އަށް ކުރާ ޚަރަދު %10-%15 އަށް ދަށްވެގެންދާނެކަމަށް ޝަރީފު އަންދާޒާކުރެއްވިއެެވެ.
ފެނާއި ކަރަންޓަށް ކުރާ ޚަރަދު ކުޑަކުރުން:
އެމްއޭސީއެލްއިން ފިނިކުރަން ބޭނުންކުރަނީ އެކުންފުނިން އުފައްދާ ފެނެވެ. މުވައްޒަފުން ނިސްބަތުން ގިނަވުމާއެކު ފެން ބޭނުންކުރާ މިންވަރު ގިނައެވެ. އެހެންކަމުން ފެނަށްކުރާ ޚަރަދު ކުޑަކުރުމުގެ ގޮތުން ކޮންމެ ސެކްޝަނެއްގައި ވަކި މީޓަރެއް ހަރުކޮށް، އެތެރޭގައި ފެން ބޭނުންކުރެވޭ މިންވަރު މަދުކޮށް، ފެން އިސްރާފުކުރެވޭ އެއްވެސް ދާއިރާއެއް ހުރިތޯ ބަލައި، އެކަމަށް އެޑްރެސްކޮށް ފެން އިސްރާފުކުުރުން ހުއްޓުވާނެކަމަށެވެ. މީގެ އިތުރުން ފެން އުފައްދަން ބޭނުންކުރާ އާލާތްތަކާއި، ކަަރަންޓާއި، ބޭނުންކުރާ އެހެނިހެން ކޮންސިއުމެބަލް މަދުކުރެވިއްޖެނަމަ ބޮޑު ތަނުން ޚަރަދު ކުޑަވެގެންދާނެކަމަށް ޝަރީފް މިއަދު ވިދާޅުވި އެވެ.
ދަތުރުފަތުރަށް ކުރާ ޚަރަދު ކުޑަކުރުން:
އެމްއޭސީއެލްގެ މޭންޑޭޓް އޮންނަ ގޮތުން އެކުންފުންޏަކީ ބޯޓުތައް އުދުއްސާ ޖެއްސުމުގެ ޚިދުމަތްދޭ ކުންފުންޏަކަށްވުމާއެކު މެންޑޭޓަރީކޮށްދޭންޖެހޭ ޓްރެއިނިންގެ ތަކެއް ހުރެއެވެ. ޝަރީފް ވިދާޅުވީ ޚަރަދުކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން އެ ޓްރެއިނިންގތައްވެސް އޮންލައިންކޮށް ކުރިޔަށް ގެންދާގޮތަށް ހަމަޖައްސައި، ރާއްޖެއިން ބޭރުން ޓްރެއިނިން ކުރަން ޖެހޭ ހާލަތެއް އަތުވެއްޖެނަމަ ބޭރުން ޓްރެއިން ކޮށްދެވޭ ވަރުގެ ފަންނީ ބޭފުޅުން ރާއްޖެގެނެސްގެން އެ ޓްރެއިނިންގތައް ކުރިޔަށް ގެންދިޔުމަށް ވިސްނާކަމަށެވެ. މީގެ އިތުރުން އެކުންފުނީގެ ދަތުރުފަތުރުކުރުމުގެ ސިޔާސަތުތައް އަލުން މުރާޖައާކޮށް، ވިހާވެސް ޚަރަދު ކުޑަވާނެގޮތަކަށް ދަތުރުތައް ބައްޓަންކުރައްވާނެކަމަށް ވިދާޅުވި އެވެ. ޚާއްސަކޮށް ބިޒްނެސް ކްލާހުން މިހާރުކުރަމުން އަންނަ ދަތުރުތައް ކޮންމެހެން ބޭނުން ޖެހޭ ހާލަތެއްގައި ނޫނީ ނުކުުރުމަށާއި، ކޮންމެހެން ކުރަންޖެހޭ ޚަރަދެއް ނޫނީ ނުކުރުމަށް ނިންމާފައިވާކަމަށެވެ.
ކުންފުނީގެ އެތެރޭގައި ކުރާ މަސައްކަތްތަކަށް ދާ ޚަރަދު ކުޑަކުރުން:
މިކަމަށް ކުރާ ޚަރަދުތައް ކުޑަކުރުމަށް ކުރިއަށް އޮތް ދުވަސްތަކުގައި އެފިޝަންސީ އިތުރުކޮށް، ކޮމްޕެނީ ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތް ފަށާނެ ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ. އެގޮތުން އެކުންފުނީގެ ބައެއް މަސައްކަތްތައް އައުޓްސޯސްކޮށްގެން ނުވަތަ އިން ސޯސްކޮށްގެންތޯ ޚަރަދުކުޑަކުރެވޭތޯ ބަލައި ދިރާސާކޮށް އައުޓްސޯސްކުރެވޭނެ މަސައްކަތެއްނަމަ، ނުވަތަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދީގެން ޚަަރަދު ކުޑަކޮށް ކުރިޔަށްގެންދެވޭނަމަ އެގޮތަށް ކުރިޔަށްގެންދާނެކަމަށް ޝަރީފް ވިދާޅުވިއެވެ. އޭގެ ސަބަބަުން ކުންފުންޏަށްވެސް އަދި ރައްޖޭގެ އިގްތިސާދަށްވެސް ނުސީދާގޮތުން ރަނގަޅުފައިދާތަކެއް ވެގެންދާނެކަމަށް ޝަރީފް ވިދާޅުވި އެވެ.
ބޭންކް ޗާޖަސްއަށް ކުރާ ޚަރަދު ކުޑަކުރުން:
ޝަރީފް ވިދާޅުވީ އެކުންފުނީގެ އިންވެސްޓްމެންޓް ބޮޑުކަމުން، އެކުންފުނިން ބޭރަށް ފައިސާ ފޮނުވުން ފަދަ ކަންކަމަށް ކުރާ ފައިސާގެ މުއާމަލާތްތަކުގެ ބޭންކް ޗާޖުތައް ބޮޑުކަމަށެވެ. އެހެންކަމުން ޚަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ބޭންކް ޗާޖުތައް ކުޑަކުރަން އެފަދަ މުއާމަލާތްތައް ކުރަމުންއަންނަ ބޭންކުތަކާއި މަޝްވަރާކުރައްވާނެކަމަށެވެ. އެގޮތުން އެމްއޭސީއެލްގެ ސީއެފްއޯއާއި، ކަމާގޫޅުންހުރި މުވައްޒަފުން ގުޅިގެން ބޭންކ ޗާޖުތައް ކުޑަކުރެވޭނެ ނިޒާމެއް ގާއިމުކުރުމަށް މަސައްކަތް ކުރާނެކަމަށް ޝަރީފް ވިދާޅުވިއެވެ.
ކޮމިއުނިކޭޝަނަށް ކުރާ ޚަރަދު ކުޑަކުރުން:
މުވާސަލާތަށް ޒަމާނީ ގޮތުން އައިސްފައިވާ ބަދަލުތަކާއެކު ވަރަށް އެފިޝިއެންޓްކޮށް ވަރަށް ޚަރަދުކުޑަކޮށް ކޮމިއުނިކޭޝަން ހިންގިދާނެކަން ފާހަގަކުރައްވައި، ޝަރީފް ވިދާޅުވީ، މިއީ، ކޮންމެ މީހަކަށް ނުވަތަ ކޮންމެ މޭޒަކަށް ލޭންޑްލައިނެއް ހުންނަން ޖެހޭ ޒަމާނެއް ނޫންކަމަށެވެ. އަދި އެމްއޭސީއެލްއަކީ ޓެކްނޮލޮޖީއަށް ބިޑެތި އިންވެސްޓްތައް ކޮށްފައިވާ ކުންފުންޏެއްކަން ފާހަނގަކުރައްވައި ޝަރީފް ވިދާޅުވީ، އެ ޔުޓިލައިޒަކޮށްގެން މުވާސަލާތައް ކުރާ ޚަރަދު ވަރަށް ބޮޑު ތަނުން ކުޑަކޮށް، ކޮމިއުނިކޭޝަންގެ ނިޒާމު އިތުރަށް ހަރުދަނާކުރައްވާނެކަމަށެވެ.
”އިރާދަކުރެއްވިއްޔާ ކައިރި މުސްތަގުބަލެއްގައި އަޅުގަނޑުމެންގެ ހާޑްވެއަރ ޑިޕެންޑެންޓް ޕީބީއެކްސް އާ އެއްޗެހި ދުއްވާލައި، ސޮފްޓް ޕީބީއެކްސް ބޭނުންކުރާނަން. އޭގެ މާނައަކީ، މަދުވެގެން ޓެލެފޯނީއަށް ކުރެވޭ ޚަރަދު %60 އަށް ދަށްކުރެވޭނެ މިހާރު އަޅުގަނޑުމެން ކުރާ ޚަރަދު އަޅާކިޔައިފިއްޔާ.“ ޝަރީފް ވިދާޅުވިއެވެ.
އިންވެންޓްރީއަށް ކުރާ ޚަރަދު ކުޑަކުރުން:
އެއާޕޯޓެއް އޮޕަރޭޓްކުރާއިރު ގިނަ އަދަދެއްގެ އުޅަނދުތަކާއި އާލާތްތައް ބޭނުންކުރާއިރު، އެއީ ވަކިވަރެއްގެ ސަރވިސް ލެވެލްއެއްގައި ބަހައްޓަން ޖެހޭ ތަކެތިކަން ފާހަނގަކުރައްވައި ޝަރީފް ވިދާޅުވީ، އެ އުޅަނދުތަކާއި އާލާތްތަކަކީ އޮޕަރޭޝަނަލް ކަންޑިޝަންގައި ހުންނަންޖެހޭ ތަކެއްޗަށްވާއިރު، ސްޕެއާޕާޓްސްއާއި އަދި އެނޫނަސް އެއަށް ބޭނުންވާ އާލާތްތަކުގެ އިންވެންޓަރީ އެއް ގެންގުޅެން ފުދޭ ވަރެއްގެ ޚަރަދެއް ދާކަމަށެވެ. އެހެންކަމުން ޚަރަދުކުޑަކުރަން އަޅާ ފިޔަވަޅެއްގެ ގޮތުން މިހާރު އިންވެންޓަރީ ބަލައި، ސަރިވިސް ޑެލިވަރީއަށް ހުރަސް ނޭޅެގޮތަށް ކުރިޔަށް އޮތް ތާނގައި ކޮންމެހެން ބޭނުންވާ އެއްޗެއް ނޫނީ ނުގެންނަން ނިންމާފައިވާކަމަށް ޝަރީފް ވިދާޅުވި އެވެ.
”އަޅުގަނޑުމެން ދިރާސާ މިކުރަނީ، ބައެއްކަހަލަ އެކިއުޕްމެންޓްތަކަކަކީ، ދުވަސްވެފަހުރުމުގެ ސަބަބުން އޭތ ރިޕްލޭސްމެންޓްތޯ ނުވަތަ ރިޕެއަރކޮށްގެން ކުރިޔަށް ގެންދާނީތޯ ޑިޒިޝަން ނަގަންވެފައި ހުރި އެއްޗެހި. އެހެންވީމައި އަޅުގަނޑުމެން އިންވެންޓްރީ އެކްސެސް ދަށްކޮށްފިއްޔާ އަޅުގަނޑުމެންގެ ޚަރަދު އެންމެ ބޮޑަށް ދަށްކުރެވޭނެ އެއް ދާއިރާއަކަށް މިވީ. ޝަރީފް ވިދާޅުވި އެވެ.
އިވެންޓުތައް ބާއްވަން ކުރާ ޚަރަދު ކުޑަކުރުން:
މުސްތަގުބަލުގައި އިވެންޓްތަކަށް ކުރާ ޚަރަދު ދަށް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އެކުންފުނީގެ އިވެންޓްތައް އައުޓް ސޯސްކުރުމުގެ ބަދަލުގައި ކުންފުނިން އެ އިވެންޓްތައް ރާވާ ހިންގުމަށް ވަނީ ނިންމާފަ އެވެ. އަދި އިވެންޓަކަށް ގިނަވެގެން އެއް ލައްކަ ރުފިޔާ ޚަރަދު ކުރުމަށްވެސް ކަނޑައަޅުއްވާނެކަމަށް ޝަރީފް ވިދާޅުވި އެވެ.
ޝަރީފު ވިދާޅުވީ، ކުންފުނީގެ ޚަރަދުކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމެވިނަމަވެސް، އަދި ކުންފުނި ރީ ސްޓްރަކްޗަރ ކުރިނަމަވެސް މުވައްޒަފުން ކަނޑާލުމުގެ ވިސްނުމެއް ނެތްކަމަށެވެ. އަދި، މުވައްޒަފެއްގެ އިނާޔަތަށް ”ނެގެޓިވް ބަދަލެއް“ ނާންނާނެ ކަމަށާއި މުވައްޒަފުންގެ މުސާރަ ވެސް ކުޑަ ނުކުރައްވާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.



