މަސްވެރިން މިފްކޯއަށް ކިރުވާފައިވާ މަހަށް މިހާތަނަށް ދައްކަންޖެހިފައިވާ ފައިސާ މާދަން ދޫކުރާނެކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އިން ބުނެފި އެވެ.
މިފްކޯއިން މިއަދު މީޑިއާތަކާ ހިއްސާކުރެއްވި ބަޔާނެއްގައި ބުނެފައިވަނީ، ސަރުކާރާއި މިފްކޯއާއި ގުޅިގެން ކުރި މަސައްކަތުން މާދަމާ މަސްވެރިންނަށް ފައިސާ ދޫކުރެވިގެންދާނެކަމަށެވެ. މިފްކޯއިން ބުނީ، މާދަން ދޫކުރަނީ މިހާތަނަށް ލާފައިހުރި ޕެންޑިންގް ބިލްތަކުގެ ފައިސާކަމަށެވެ.
މާދަން މަސްވެރިންނަށް ދޫކުރާ ފައިސާއާއެކު، މިއަހަރުގެ މިހާތަނަށް އައިއިރު ސަރުކާރުން މަސްވެރިންނަށް ދޫކުރި ފައިސާގެ އަދަދު 353 މިލިއަން ރުފިޔާއަށް އަރާނެއެވެ. މީގެ އިތުރުން، މިފްކޯއަށް ލިބިފައިވާ އާމްދަނީން މަސްވެރިން ކިރުވާފައިވާ މަހަށް އިތުރު 389 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ.
”ތެލާއި އައިސްއަށް ދީފައިވާ ކުރެޑިޓު ހިމެނޭހެން 831 މިލިއަން ރުފިޔާ މިއަހަރު ވަނީ މަސް ދޯނިފަހަރަށް ދޫކުރެވިފައި. މިހާރު މަސް ގަންނަމުންދާގޮތަށް މާކެޓު އަގަށް ރިއާޔަތްނުކޮށް މަސްވެރިންގެ އަތުން މަސްގަނެ ޕްރޮސެސްކޮށް އެކްސްޕޯޓުކުރަމުން ދިއުމަކީ މާލީގޮތުން ދެމެހެއްޓެނިވި ކަމެއްނޫން.“ މިފްކޯއިން ބުނެފައި ވެއެވެ.
މިފްކޯގެ ބަޔާނުގައި ބުނެފައިވަނީ، މިފްކޯއިން ބައިނަލްއަގްވާމީ ބާޒާރުގައި މަސްވިއްކުމަށްފަހު ލިބޭ އާމްދަނީއަށްވުރެ މަސްވެރިންގެ އަތުން ގަންނަ މަހަށް ދައްކަންޖެހޭ ފައިސާއާއި މަސް ގަނެ، ޕްރޮސެސްކޮށް، ވިއްކުމަށް ހިނގާ ޚަރަދު ބޮޑުތަނުން އިތުރުވާތީ ކުންފުންޏަށް އިތުރަށް ބޭނުންވާ ފައިސާ މިހާތަނަށް ހަމަޖައްސާފައިވަނީ ލޯނު ނަގައިގެންނާއި ސަރުކާރުގެ އެހީގައި ކަމަށެވެ.
މަސްވެރިން މިފްކޯއަށް ކިރުވި މަހަށް ފައިސާދިނުމުގައި ލަސްތަކެއް ވުމާއި ގުޅިގެން އެކަމާއި ނުރުހުން ފާޅުކޮށް މިފްކޯގެ އައްޑޫ ސިޓީ ފިޝަރީޒް ކޮމްޕްލެކްސްގައި އައްޑޫ މަސްވެރިން ދަނީ އިހުތިޖާޖުކުރަމުންނެވެ. މަސްވެރިން އިހުތިޖާޖު ކުރާތާ މިއަދަށް މިއީ 10 ވަނަ ދުވަހެވެ. މަސްވެރިން ބުނީ އެމީހުންނަށް ދޭން ހުރި ފައިސާ އެއްކޮށް މިފްކޯއިން ދޫނުކުރަނީސް އިހުތިޖާޖު ހުއްޓާނުލާނެކަމަށާއި، ކުރިޔަށް އޮތް ތާނގައި އެމީހުން އަތުން މިފްކޯއިން ގަންނަ މަހަށް ފައިސާ ދައްކާނެ ދުވަހެއްވެސް މިފްކޯއިން ބުނަން ޖެހޭނެކަމަށެވެ.



