ސަރުކާރު މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ)އިން މި ހަފުތާގައި މަސް ގަންނަ އަގު ކަނޑައަޅައި އިއުލާނުކޮށްފި އެވެ.
މިފްކޯއިން މި ހަފުތާގެ އަގު ކަނޑައަޅައި އިއުލާނުކޮށްފައި މިވަނީ ބައިނަލްއަގުވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރަށާއި، މަސް ގަނެ އެކްސްޕޯޓުކުރުމަށް ހިނގާނޭ ޚަރަދުތަކަށް ބަލައި ކޮންމެ ހަފުތާއަކު ކަނޑައަޅާ އަގެއްގައި މަސްވެރިން އަތުން މަސް ގަންނަން އިއްޔެ އެކުންފުނިން ނިންމި ނިންމުމާއި ގުޅިގެންނެވެ. އެގޮތުން 1 ޖުަލައިއިން ފެށިގެން 5 ޖުލައި ގެ ނިޔަލަށް މިފްކޯގެ ސެންޓަރުތަކުންނާއި، ބޯޓު ފަހަރުން މަސް ގަންނަ އަގުތަކަކީ:
1.5 ކިލޯއިން މަތި
- އައިސް މަސް، ކަނޑު މަހާއި ކަންނެލި 16 ރުފިޔާ
- އާދައިގެ މަސް،(އައިސް ނާޅާް) ކަނޑު މަހާއި ކަންނެލި 14 ރުފިޔާ
1.5 ކިލޯއިން ދަށް
- އައިސް މަސް، ކަނޑު މަހާއި ކަންނެލި 7 ރުފިޔާ
- އާދައިގެ މަސް،(އައިސް ނާޅާް) ކަނޑު މަހާއި ކަންނެލި 5 ރުފިޔާ
މިފްކޯއިން ކޮންމެ ހަފުތާއަކު މަސް ގަންނަ ވަކި އަގެއް ކަނޑައަޅާފައި މިވަނީ، މިހާރު އެކުންފުނިން މާކެޓު އަގަށް ރިއާޔަތްނުކޮށް މަސްވެރިންގެ އަތުން މަސްގަނެ ޕްރޮސެސްކޮށް އެކްސްޕޯޓުކުރަމުން ދިއުމަކީ މާލީގޮތުން ދެމެހެއްޓެނިވި ކަމެއްނޫންކަމަކަށްވާތީ، އެ ކަމަށް ދާއިމީ ހައްލެއް ހޯދުމުގެގޮތުންނާއި، މަސްވެރިންގެ އަތުން ގަންނަ މަހަށް ދޭންޖެހޭ ފައިސާ ގަވާއިދުން ދެވޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ ބޭނުމުގަ އެވެ. އެހެންކަމުން މިއަދުން ފެށިގެން މިފްކޯއިން މަސްވެރިން އަތުން މަސް ގަންނަމުންދާނީ ބައިނަލްއަގުވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރަށާއި މަސް ގަނެ އެކްސްޕޯޓުކުރުމަށް ހިނގާނޭ ޚަރަދުތަކަށް ބަލައި ކޮންމެ ހަފުތާއަކު ކަނޑައަޅާ ވަކި އަގެއްގައިކަމަށާއި، ކަނޑައަޅާ އަގުތައް ކޮންމެ ހަފުތާއަކު އާއްމުކޮށް އިއުލާނު ކުރަމުންގެންދާނެ ކަމަށް މިފްކޯއިން ބުނެފައި ވެއެވެ.
ސަރުކާރާއި މިފްކޯއާއި ގުޅިގެން ކުރި މަސައްކަތުން މިހާރު މަސްވެރިންނަށް ނުދެވި ހުރި ފައިސާ މިއަދު އިންތިޒާމު މިހާރުވަނީ ހަމަޖައްސާފަ އެވެ. މިފްކޯއިން ބުނީ، މިއަދު ދޫކުރަނީ މިހާތަނަށް ލާފައިހުރި ޕެންޑިންގް ބިލްތަކުގެ ފައިސާކަމަށެވެ. މިއަދު މަސްވެރިންނަށް ދޫކުރާ ފައިސާއާއެކު، މިއަހަރުގެ މިހާތަނަށް އައިއިރު ސަރުކާރުން މަސްވެރިންނަށް ދޫކުރި ފައިސާގެ އަދަދު 353 މިލިއަން ރުފިޔާއަށް އަރާނެއެވެ. މީގެ އިތުރުން، މިފްކޯއަށް ލިބިފައިވާ އާމްދަނީން މަސްވެރިން ކިރުވާފައިވާ މަހަށް އިތުރު 389 މިލިއަން ރުފިޔާ އަދި ތެލާއި އައިސްއަށް ދީފައިވާ ކުރެޑިޓު ހިމެނޭހެން 831 މިލިއަން ރުފިޔާ މިއަހަރު ވަނީ މަސް ދޯނިފަހަރަށް ދޫކޮށްފަ އެވެ.
މިފްކޯއިން ބުނީ، އެކުންފުނީގެ އެފިޝަންސީ އިތުރުކޮށް، އާމްދަނީ އިތުރުކުރެވޭނެ އިތުރުގޮތް ގޮތް ބަލައި، ޚަރަދުތައް ކުޑަކުރުމަށް ހަރުދަނާ ފިޔަވަޅުތައް ސަރުކާރުގެ ކަމާއި ގުޅޭ ވުޒާރާތަކާއި ގުޅިގެން އަޅަމުންދާނެކަަމަށެވެ. އަދި، މިކަމުގެ ތަފްސީލުތައް މީޑިއާއާއި ގަވާއިދުން ހިއްސާކުރަމުންދާނެ ކަމަށްވެސް މިފްކޯއިން ބުނެއެވެ.



