ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން(އެސްޓީއޯ)އިން ވިއްކާ އެސްޓްރާޒެނެކާ ބްރޭންޑްގެ ބޭސްތަކުގެ މައުލޫމާތު ދޭން ޚާއްސަ ކޮންފަރެންސެއް ބާއްވަފި އެވެ.
އެސްޓީއޯއިން ވިއްކާ އެސްޓްރާޒެނެކާ ބްރޭންޑްގެ ބޭސްތަކުގެ ތެރެއިން އެއް ބޭހަކީ، ހަކުރުބަލީގެ ދެވަނަ ސްޓޭޖް ގެ ބަލިމީހުންނަށް ފަރުވާކުރުމަށް ޚާއްސަ ބޭހެކެވެ. އެ ބޭހަކީ ލޭގައި ހިމެނޭ ގުލޫކޯޒް ލެވެލް ކޮންޓްރޯލް ކުރުމަށް މުހިއްމު ރޯލެއް އަދާ ކުރާ ބޭހެއްކަމުގައި އެމެރިކާގެ އެފްޑީއޭއިންވަނީ ނިންމާފަ އެވެ.
އެސްޓީއޯ މެޑިކަލް ސާވިސަސް އިން އިންތިޒާމުކޮށްގެން މިދިޔަ ހުކުރު ދުވަހު ކްރޮސްރޯޑްގައި ކޮންފަރެންސެއް ބޭއްވީ، އެކަމުގެ މުހިންމު މައުލޫމާތު ރާއްޖޭގެ ސިއްހީ ދާއިރާގެ މަސައްކަތްތެރިންނާ ހިއްސާކޮށް އެބޭފުޅުން އިތުރަށް އެ ބޭހަށް ހޭލުންތެރިކުރުވުމަށެވެ. އެސްޓްރާޒެނެކާ ބްރޭންޑްގެ މި ބޭސް ރާއްޖޭގެ މާކެޓަށް އެސްޓީއޯއިން ތައާރަފުކުރީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.
އެސްޓީއޯއިން ބޭއްވި އެ ކޮންފަރެންސްގައި އެސްޓްރާޒެނެކާ ބްރޭންޑްގެ ބޭހުގެ މައުލޫމާތު ހިއްސާކުރުމުގެ އިތުރަށް ހަކުރު، ކިޑްނީ، އަދި ހިތުގެ ބަލިތަކަށް ޚާއްސަ ބޭސްތަކާ ގުޅޭގޮތުން ރާއްޖޭގެ ޑޮކްޓަރުންނާއި ނަރުހުންނަށް މައުލޫމާތު ހިއްސާކޮށްފައި ވެއެވެ.
100 އަށް ވުރެ ގިނަ ސީއްހީ ދާއިރާގެ މަސައްކަތްތެރިން ބައިވެރިވި މި ކޮންފަރެންސްގައި ރާއްޖޭގެ ފުންނާބު އުސް ސްޕެޝަލިސްޓް ޑޮކްޓަރުން ކަމުގައިވާ ޑރ. މުހައްމަދު ސިރުހާން، ޑރ. އިބްރާހިމް ޝިހާމް، އަދި ޑރ. ޝަނީޒް ނަޖްމީ ބައިވެރިވަޑައިގެންވިއެވެ. އެ ބޭފުޅުންވަނީ ހަކުރު، ކިޑްނީ، އަދި ހިތުގެ ބަލިތަކާބެހޭ މުހިންމު މައުލޫތު ކޮންފަރެންސްގެ ބައިވެރިންނާ ހިއްސާ ކުރައްވާފަ އެވެ.
އެސްޓީއޯ މެޑިކަލް ސާވިސަސް އަކީ އަބަދުވެސް ސިއްހީދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް ދާއިރާއާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކޮށްދީ ދާއިރާ ކުރިއެރުވުމަށް ގިނަގިނަ މަސައްކަތްތަކެއް ކުރަމުންއަންނަ ކުންފުންޏެކެވެ. އެސްޓީއޯ މެޑިކަލް ސާވިސަސް ގެ މައިގަނޑު މަގުސަދަކީ ދިވެހި ރައްޔިތުންނަށް ފެންވަރު ރަނަގަޅު ބޭހާއި ވަސީލަތްތައް ފޯރު ކޮށްދީ ސިއްހީދާއިރާގެ ފެންފަރު އިތުރަށް ކުރިއެރުވުންކަމަށް އެސްޓީއޯއިން ބުނެފައި ވެއެވެ.




