މާކެޓް ރޭޓުގައި މަސްގަތުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ)އިން އެޅި ފިޔަވަޅަކީ އޭގެ ޒާތުގައި ހުރިހައި ރައްޔިތުންނަށް ދުޅަހެޔޮ އިގްތިސާދީ މާހައުލެއް ގާއިމްކޮށްދޭނެ ކަމެއްކަމުގައި އިނަރ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގު ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރަށާއި، މަސް ގަނެ އެކްސްޕޯޓުކުރުމަށް ހިނގާނޭ ޚަރަދުތަކަށް ބަލައި ކޮންމެ ހަފުތާއަކު ކަނޑައަޅާ ވަކި އަގެއްގައި މަސްވެރިން އަތުން މަސް ގަންނަން އިއްޔެ މިފްކޯއިން ނިންމި ނިންމުމަށް ތައުރީފުކުރައްވައި އެކްސްގައި ފިރާގު ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ، ސަރުކާރުތަކުން މީގެކުރިން މަސްގަންނަ އަގު ކަނޑައަޅަމުން އައިސްފައިވަނީ ސިޔާސީ ވަސީލަތެއްގެ ގޮތުގައި ކަމަށާއި، އޭގެ ސަބަބުން ރައްޔިތުންގެ ޓެކްސްފައިސާ ނަހަމަގޮތުގައި ބޭނުންކުރެވުމުގެ އިތުރުން، މަސްވެރިކަމުގެ ސިނާއަތް ހުއްޓުވުމަަކަށް އައިސްފައިވާކަމަށް ފިރާގު ވިދާޅުވެފައި ވެއެވެ.
”ސިޔާސީ ވަސީލަތެއްގެ ގޮތުގައި ސަރުކާރުން ތަކުން މާޒީގައި މަސްވެރިންގެ ވޯޓު ހޯދުމަށް އާޓިފިޝަލްކޮށް ބޮޑު އަގުތަކެއް ގައި މަސް ގަނަމުން ދިއުމުން މިއީ ، އެކަމުގެ ސަބަބުން އާންމު ރައްޔިތުން ގެ ޓެކްސް ފައިސާގެ ބޭނުން ނުހަމަ ގޮތުގައި ބޭނުން ކުރަމުންގޮސް މުޅިނިޒާމު ހަލާކުވެ ދިއަކަމެއް މުޅި މަސް ވެރިކަމުގެ އިންޑަސްޓްރީ ހުއްޓުވާލި.“ ފިރާގު ވިދާޅުވެފައި ވެއެވެ.
ފިރާގް ވިދާޅުވީ ސިޔާސީ މަގުސަދަކަށްޓަކައި އޭރެއްގެ ސަރުކާރުން ހިތުހުރި ގޮތަކަށް މަސްގަންނަ އަގު ކަނޑައެޅުމުގެ ސަބަބުން ވަކި ގްރޫޕަަކަށް ދައުލަތުގެ ޓެކްސް އިން ނުހައްގު ފައިދާއެއް ލިބުުގެ ފުރުސަތު ފަހިވެގެން ދިޔަކަމަށެވެ. އެހެންކަމުން ދުނިޔޭގެ ބާޒާރުގެ އަގުތަކުގެ މައްޗަށް ބިނާކޮށް މިފްކޯއިން މަސްގަންނަން ނިންމި ނިންމުމަކީ ހުރިހައި ރައްޔިތުންނަށް އޭގެ ޒާތުގައި ފައިދާކުރާނެ ނިންމުމެއްގެ ގޮތުގައި ފިރާގު ސިފަކުރައްވާފައި ވެއެވެ.
”ފަހަރުގައިވެސް މީ އާންމު ރައްޔިތުންނަށް ފުރައްސާރަ ކުރުމެއް ނޫން އިންގޭތޯ. މާކެޓް އޮޅުވާލައި، ޓެކްސް ދައްކާ ފަރާތްތަކުގެ ޚަރަދުގައި ވަކި ގްރޫޕަކަށް ނުހައްގު ފައިދާއެއް އުފެދިގެން ދިޔުމަށް ހުޅުވި ބޮޑު ދޮރެއް. ނަމަވެސް މާކެޓް ރޭޓްތައް ދެމެހެއްޓުމަށް ސަރުކާރުން އާ ނިންމުމަކީ އަގުބޮޑު މުދާ އިތުރަށް އަގުބޮޑު ކޮށް ގަތުން ހުއްޓުވައިގެން އެންމެންނަށް ފައިދާ ކުރާނެ ނިންމުމެއް.“ ފިރާގު ވިދާޅުވެފައި ވެއެވެ.
ފިރާގު އިތުރަށް ވިދާޅުވެފައިވަނީ، މިފްކޯއިން މަސްގަންނަ ރޭޓް ދަމަހައްޓަން އެޅި ފިޔަވަޅަކީ އިންސާފުވެރިކަން އިތުރުކޮށް، ވަސީލަތްތައް މާ ރަނގަޅަށް އަދި ހާމަކަން ބޮޑު ގޮތެއްގައި އިގުތިޞާދު އޭގެ ޒާތުގައި ކުރިއަށް ދިޔުން ކަށަވަރުކޮށްދީ، ހުރިހާ ރައްޔިތުންނަށް ދުޅަހެޔޮ އިގްތިސާދީ މާހައުލެއް ގާއިމްކޮށްދޭނެވެސް ކަމެއްކަމަށެވެ. އަދި، މާކެޓް ރޭޓްތަކަށް ތަބާވުމުން ސަރުކާރުން ދައްކަނީ މާލީ ޒިންމާއާއި ޓެކްސް ދައްކާ ހުރިހާ ފަރާތްތަކާ މެދު ހަމަހަމަ ގޮތެއްގައި އަމަލުކުރުމަށް ވައުދުވެފައިވާ ކަމެވެ.
”މިބަދަލާއި އެކު މިފްކޯގެ ބައެއް (ޒަމާންވީ) ވެރިންނަށް ތަންފުކަކައް ވުރެން ބޮޑަށް ޖީބަށް އުދަނގޫތަކެއް ވާނެ.“ މިފްކޯގެ ކުރީގެ ބައެއް ވެރިން މިފްކޯއިން ނަހަމަގޮތުގައި ފައިސާ ނެގިކަމަށް ތުހުމަތުކޮށް ފިރާގު ވިދާޅުވެފައި ވެއެވެ.
ފިރާގަކީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ(އެމްއޭސީއެލް)ގެ ބޯޑު މެންބަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. ރާއްޖޭގެ އިގުތިސާދީ، މާލީ އަދި ސިނާއީ ތަަރައްގީއަށް އަޅަމުންދާ ފިޔަވަޅުތަކާއި، ހަރަކާތްތަކާއި ދުވެލި ދިރާސާކޮށް ވަޒަންކުރައްވައި، އެކަންކަމުގައި ދެކެވަޑައިގަންނަވާ ގޮތް ހާމަކަންބޮޑުގޮތެއްގައި ސޯޝަލް މީޑިއާގެ މަންސަތަކުގައި ފާޅުކުރައްވަމުން ގެންދަވާ ތަޖުރިބާކާރު ބޭފުޅެކެވެ.



