މާލޭ ވޭސްޓް ޓްރާންސްފަރ ސްޓޭޝަނަށް ކުނިގެންދާ އުޅަނދުތަކުން ކުނި ހުސްކޮށްދިނުމުގެ ޚިދުމަތް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން(ވެމްކޯ) އިން މިއަދު ފަށައިފި އެވެ.
ވެމްކޯއިން ބުނީ، މާލޭ ވޭސްޓް ޓްރާންސްފަރ ސްޓޭޝަނުން ޚިދުމަތް ހޯދާ އުޅަނދުތަކުގެ ތެރެއިން އަމިއްލަ ޒާތުގައި ކުނި ހުސްނުކުރެވޭ އުޅަނދުތަކުން މިއަދުން ފެށިގެން ވެމްކޯ މުވައްޒަފުން ކުނި ހުސްކޮށްދޭގޮތަށް ނިންމާފައިވާކަމަށާއި، އެ ޚިދުމަތަށް ފީއެއް ނަގާނެކަމަށެވެ. މި ޚިދުމަތް ތައާރަފުކުރީ މާލޭ ވޭސްޓް ޓްރާންސްފަރ ސްޓޭޝަނުން ޚިދުމަތް ހޯދާ އުޅަނދުތަކުގެ ކިއު މެނޭޖްކުރުމާއިއެކު، ކަސްޓަމަރުންނަށް ވީހާވެސް އަވަހަށް ޚިދުމަތް ފޯރުކޮދިނުމުގެ އިތުރުން ކުނި މެނޭޖްކުރުމާއި، ވެމްކޯގެ އަމަލީ މަސައްކަތްތައް ހަރުދަނާ ކުރުމުގެ ބޭނުމުގަ އެވެ.
އަމިއްލަ ޒާތުގައި ކުނި ހުސްނުކުރެވޭ އުޅަނދުތަކަށް ވެމްކޯގެ މުވައްޒަފުން ކުނި ހުސްކޮށްދިނުމަށް ޚިޔާރުކުރެވޭ ޚިދުމަތެއް ތައާރަފްކޮށް، އެކަމަށް ފީއެއްވެސް ވަނީ ކަނޑައަޅާފަ އެވެ.
ވޭން/ޕިކަޕް/ލޮރީން ކުނި ހުސްކޮށްދޭން ކަނޑައަޅާފައިވާ ފީ:
350-0 ކިލޯ ގްރާމް: 50 ރުފިޔާ
1500-351 ކިލޯ ގްރާމް: 75 ރުފިޔާ
1501 ކިލޯ ގްރާމަށްވުރެ ބަރުނަމަ: 100 ރުފިޔާ
ވެމްކޯއިން ބުނީ، މާލޭ ޓްރާންސްފަރ ސްޓޭޝަނުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ޓްރާންސްފަރ ސްޓޭޝަނުން ޚިދުމަތް ހޯދާ ފަރާތްތަކުގެ ތެރެއިން %70 އަކީ ވިޔަފާރީގެ އުސޫލުން ކުނިއުކާލާ ފަރާތްތަކާއި، ޓެކްސީގެ ގޮތުގައި ބޭނުންކުރަމުންދާ ވޭން/ޕިކަޕް/ލޮރީ ކަަމަށެވެ. މި އުޅަނދުތަކަކީ އަމިއްލަޒާތުގައި ހުސްނުކުރެވޭ އުޅަނދުތަކެއް ކަމުން، އުޅަނދަށް ބަރުކޮށްފައިވާ ކުނި ހުސްކުރަން ޖެހޭނީ ވޭން/ޕިކަޕް/ލޮރީ ގައި ތިބޭ ލޭބަރުންކަން ވެމްކޯއިން ފާހަނގަކޮށްފައި ވެއެވެ. އަދި އާއްމުގޮތެއްގައި ޓެކްސީގެ ގޮތުގައި ބޭނުންކުރާ އުޅަނދުގައި ޑްރައިވަރު ފިޔަވައި އެހެން ފަރާތެއް ނުހުންނަކަންވެސް ވެމްކޯއިން ފާހަނގަކޮށްފައި ވެއެވެ. ވެމްކޯއިން ފީއަކާއެކު އެފަދަ އުޅަނދުތަކުން މުވައްޒަފުން ލައްވާ ކުނި ހުސްކޮށްދޭން ނިންމީވެސް އެސަބަބާ ހުރެއެވެ.
މާލޭ ވޭސްޓް ޓްރާންސްފަރ ސްޓޭޝަނަށް ކުނިގެންދާ އުޅަނދުތަކުން ވެމްކޯގެ މުވައްޒަފުން ލައްވާ ކުނި ހުސްކޮށްދިނުމުގެ ފުރުސަތު ހުޅުވާލިނަމަވެސް، އަމިއްލައަށް ކުނި ހުސްކުރުމަށް އެދޭ ފަރާތްތަކަށް އުޅަނދުން ކުނި ހުސްކުރުމަށް 7 މިނެޓްގެ ވަގުތެއްދޭން ވެމްކޯއިން ވަނީ ނިންމާފަ އެވެ.
މާލޭ ވޭސްޓް ޓްރާންސްފަރ ސްޓޭޝަން މިއަދު އޮޕަރޭޝަނަލައިޒް ކުރުމާއި އެކު ދުވަހުން ދުވަހަށް މާލޭ ޓްރާންސްފަރ ސްޓޭޝަނަށް ގެންދާ ކުނި، ކޮންޓެއިނަރުތަކުގައި ކ. ތިލަފުއްޓަށް ގެންދިއުމަށް މަސައްކަތްވެސް މިހާރު ވަނީ ފަށާފައެވެ.



