ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އާރުޑީސީ)ގެ ”ބިނާވެހި“ ޕްރޮގްރާމުގެ ދެވަނަ ބުރު ފަށައިފި އެވެ.
އާރްޑިސީން ބުނީ ިއިއްޔެ ދެވަނަ ބުރުގެ ކިޔެވުން ފެށީ އުމުރުން 16-21 ދެމެދު 6 ޒުވާނުންނާއެކުގައި ކަމަށެވެ.
މި ޕްރޮގްރާމް 6 މަސް ދުވަހަށް ކުރިޔަށްގެންދާއިރު، ޕްރޮގްރާމްގެ ކޮންމެ ބައިވެރިޔަކަށް މަހު އެލަވަންސްގެ ގޮތުގައި 5000 ރުފިޔާގެ އެލަވެންސެއް ދޭނެކަމަށް އާރްޑީސީން ބުނެފައި ވެއެވެ.
މި ޕްރޮގްރާމުގައި، މަސައްކަތުގެ މާހައުލަށް ދަރިވަރުން ހާނުވައި، މަސައްކަތުގެ މާހައުލަށް ނިކުންނަންވާއިރަށް ދާއިރާގައި ތަޖުރިބާ ހުރި ފަރާތްތަކާއެކު މަސައްކަތް ކުރުމުގެ ފުރުޞަތު ހޯދައިދޭނެއެވެ. އެގޮތުން، ތަފާތު 12 ދާއިރާއަކުން ތަރުޖިބާ ހޯދުމުގެ މަގު ޕްރޮގްރާމްގެ ބައިވެރިންނަށް ތަޖުރިބާކުރުމުގެ ފުރުސަތު ލިބެއެވެ. އޭގެެތެރޭގައި، އެކޮމަޑޭޝަން ފެސިލިޓީ މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، ސެކިއުރިޓީ އެންޑް ސޭފްޓީ، އިންވެންޓްރީ، އައި.ސީ.ޓީ، ލޮޖިސްޓިކްސް، ޕްރޮޑަކްޝަން، އެޗް.އާރ، ޕްރޮޖެކްޓް މެނޭޖްމަންޓް، ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން، ސޭލްސް އެންޑް މާކެޓިންގ، ޕަބްލިކް ރިލޭޝަންސް ހިމެނެއެވެ. މީގެ އިތުރުން ވެސް މަސައްކަތްތަކަށް އަހުލުވެރިވުމަށް މަސައްކަތުގެ ތަޖުރިބާ ދަތުރުތަކުގައި ބައިވެރިކޮށް، އާރްޑީސީއަށް ލިބޭ އެކި ތަމްރީނު ފުރުސަތުތަކުގައި ބައިވެރިވުމުގެ ފުރުސަތު ޕްރޮގްރާމުގެ ބައިވެރިންނަށް ލިބިގެންދާނެއެވެ.
އާރްޑީސީގެ ކޯޕަރޭޓިވް އެޑިއުކޭޝަން ބިނާވެހި ޕްރޮގްރާމަކީ ޘާނަވީ އިމްތިހާނަށްފަހު މަތީ ޘާވަނީ ތައުލީމު ފެށުމާ ދޭތެރޭ ނުވަތަ މަތީ ޘާނަވީ އިމްތިހާނަށްފަހު ކޮލެޖްތަކުގައި ކިޔަވަމުންދާ ދަރިވަރިވަރުންނަށް ނުވަތަ ތަޢުލީމު ދޭ މަރުކަޒުތަކަށް ހާޒިރުނުވާ ކުދިންނަށް އެކި ދާއިރާތަކުން މަސައްކަތުގެ ހުނަރާއި ތަމްރީނު އަދި ތަޖުރިބާ ހުރި ފަރާތްތަކާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން އާރްޑީސީން ހިންގާ ޕްރޮގްރާމެކެވެ.
ބިނާވެހި ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި ޖުމްލަ 11 ދަރިވަރުން ބައިވެރިވެ، އޭގެތެރެއިން 5 ދަރިވަރަކު ޕްރޮގްރާމް ނިންމައި ސެޓިފިކެޓް ހާސިލުކޮށްފައި ވެއެވެ.



