މާލެ ސިޓީގެ އިޙްތިޞާސްގައި ހިމަނާފައިވާ ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްގީކުރާ ރަސްމާލެ މަޝްރޫއުގެ ބިން ހިއްކުމުގެ މަސައްކަތް އަލުން ފަށައިފި އެވެ.
މަޝްރޫއުގެ ކޮންޓްރެކްޓަރ، އިނގިރޭސިވިލާތުގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީ) އިން ބުނީ، މިއަދު ރަސްމާލޭގެ ބިންހިއްކަން ފަށާފައިވާކަމަށެވެ. އެގޮތުން، މި ފޭސްގައި ހިއްކާނީ 29 ހެކްޓަރުގެ ސަރަަހަދެއްކަމަށާއި، މިހާރު މަސައްކަތް ރޭވިފައިވާގޮތަށް ކުރިޔަށްދާނަމަ، މި މަސް ނިމެންވާއިރަށް މަސައްކަތް ނިންމާލެވޭނެ ކަމަށް ސީއެމްސީން ބުންޏެވެ.
ރަސްމާލެ މަޝްރޫއުގެ ދަށުން، 8 މަސްދުވަހުން ބިން ހިއްކުމުގެ ހުރިހާ މަސައްކަތެއް ނިންމާގޮތަށް، ބިން ހިއްކުމުގެ މަސައްކަތް ފެށީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 18ވަނަ ދުވަހުއެވެ. އެއީ، 1153 ހެކްޓަރުގެ ބިން މިއަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ހިއްކާގޮތަށެވެ. އެހެންނަމަވެސް ރާއްޖެއަށް ދިމާވި ގާހުދުވުމުގެ މައްސަލައާއި ގުޅިގެން އީޕީއޭއިން ބިން ހިއްކުމުގެ މަސައްކަތް ވަގުތީގޮތުން ހުއްޓާލަން ދިން އިރުޝާދާއެކު، މަސައްކަތް ހުއްޓާލުމަށް ފަހު މިއަދު އަލުން ވަނީ ބިން ހިއްކަން ފަށާފަ އެވެ. ސީއެމްސީން މަޝްރޫއުގެ މަސައްކަތް އަލުން ފެށީ މަސައްކަތުގެ ބަދަލުގެ ގޮތުގައި އެއްވެސް ބިމެއް ނުނަގާގޮތަށް ކަމަށް އެކުންފުނީގެ މެނޭޖްމެންޓުން ބުންޏެވެ.
ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްގީކުރާ ރަސްމާލެއަކީ ތިމާވެއްޓާ ރައްޓެހި، މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންވެރި ލޯ ކާބަން، ސޭފް އައިލެންޑް ކޮންސެޕްޓަށް ފެތޭ އެކޯސިޓީއެކެވެ. މިއީ، ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ގެނައުމުގެ އިތުރުން، މުޖުތަމަޢުގައި ތިބި އެހީތެރިކަން ބޭނުންވާ މީހުންނަށް ފަސޭހައިން ޚިދުމަތްތައް ހޯދޭނެހެން ފަރުމާކޮށްފައިވާ ”އިންކްލޫސިވް“ ސިޓީއެއްކަމަށް ސަރުކާރުން ބުނެފައި ވެއެވެ.




