ތުރުކީ އާއި އޮސްޓްރިއާ ރޭ ބައްދަލުކުރި މެޗުން 1-2 އިން މޮޅުވެ، ޖަރުމަނުވިލާތުގައި މިހާރު ކުރިއަށްދާ ޔޫރޯ 2024 ގެ ކުއާޓަރ ފައިނަލަށް ތުރުކީ ދަތުރުކޮށްފިއެވެ. ކުއާޓަރ ފައިނަލުގައި ތުރުކީ ބައްދަލު ކުރާނީ ރޭ ރޮމޭނީއާ އާއި ކުޅެ 0-3 އިން މޮޅުވި ނެދަލޭންޑްސް އާއެވެ.
ތުރުކީ އާއި އޮސްޓްރިއާ ބައްދަލުކުރި ރޭގެ މެޗު ފެށިގެން 1 މިނެޓުގެ ތެރޭގައި ތުރުކީން ވަނީ ކުރި ހޯދާފައެވެ. ޕެނަލްޓީ ބޮކްސް ތެރެއަށް އައި ބޯޅައެއް ތުރުކީގެ ޑިފެންޑަރު މެރިހް ޑެމިރާލް ގޯލުގެ މަތީ ކަނަށް ފޮނުވާލާ، އެ ޓީމުން 1 ގޯލުގެ ލީޑެއް ނެގިއެވެ.
ފުރަތަމަ ހާފުގައި އޮސްޓްރީއަށް ވެސް ގޯލް ޖެހުމަށް ރަނގަޅު ފުރުސަތަކެއް ލިބިގެން ދިޔައެވެ. ފުރަތަމަ ހާފުގެ އިތުރުވަގުތުގެ 2 ވަނަ މިނެޓުގައި ޕެނަލްޓީ ބޮކްސް ތެރެޔަށް އައި ބޯޅައެއް އޮސްޓްރިއާގެ މިޑްފީލްޑަރު ކްރިސްޓޯފް ބައުމްގާޓްނަރ ގޯލް ތެރެޔަށް ފޮނުވާލަން މަސައްކަތަ ކުރި ނަމަވެސް، އޭނާގެ ޝޮޓު ދިޔައީ ގޯލުގެ ކަނާތްފަރާތު ދަނޑި ކައިރިން ބޭރަށެވެ.
ދެ ވަނަ ހާފުގެ 51 ވަނަ މިނެޓުގައި އޮސްޓްރިއާއަށް މެޗުގެ ނަތީޖާ އެއްވަރު ކޮށްލަން ލިބުނު ރަނުގެ ފުރުސަތެއް ނަގާލީ އެ ޓީމުގެ ކެޕްޓަން އަރްނައުޓޮވިޗް އެވެ. ތުރުކީ ގެ ގޯލު ކުރިމަތިން ގާތްގަނޑަކަށް ހުސްކޮށް އަރްނައުޓޮވިޗަށް ލިބުނު މި ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ތުރުކީގެ ގޯލްކީޕަރު ގުނޮކް ފަސޭހަ ކަމާއިއެކު މަތަކުރިއެވެ. އެ ޝޮޓު އެއަށް ވުރެ މާ ރަނގަޅަށް އަރްނައުޓޮވިޗަށް ގޯލުގެ ތެރެޔަށް ފޮނުވާލެވެން އޮތް ކަމަށް ބުނެ ގިޔަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކޮށްފައެވެ.
އޭގެ 8 މިނެޓު ފަހުން ރެއާލް މެޑްރިޑް އަށް ކުޅޭ ޒުވާން ތަރި އަރްދާ ގުލަރ ނަގައިދިން ކޯނަރެއް ބޮލުން ގޯލުގެ ތެރެޔަށް ފޮނުވާލާ ތުރުކީ އަށް ދެވަނަ ލަނޑުވެސް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޑިފެންޑަރު މެރިހް ޑެމިރާލް އެވެ.
މެޗުގެ 66 ވަނަ މިނެޓުގައި އޮސްޓްރިއާއިން ގޯލެއް ޖަހާ މެޗުގެ ނަތީޖާ 1-2 އަށް ބަދަލުކޮށްލިއެވެ. އޮސްޓްރިއާ އަށް ލިބުނު ކޯނަރަކުން އައި ބޯޅައެއް ގޯލުގެ ތެރެޔަށް ފޮނުވާލީ އޮސްޓްރިއާގެ ފޯވަޑު މައިކަލް ގްރެގޮރިޗް އެވެ.
މީގެ އިތުރުންވެސް މެޗު ނިމެން ކައިރިވެފައި ވަނިކޮށް އޮސްޓްރިއާއަށް ލަނޑު ޖަހަން ގިނަ ފުރުސަތު ތަކެއް ލިބުނެވެ.
މެޗު ގެ 90 މިނެޓު ނިމި، އިތުރުވަގުތުގެ 4 ވަނަ މިނެޓުގައި ތުރުކީ ގެ ޕެންލްޓީ ބޮކްސް ތެރެޔަށް އޮސްޓްރިއާއިން ނަގައިދިން ހުރަހެއް، އެ ޓީމުގެ ބައުމްގާޓްނަރ ބޮލުން ގޯލުގެ ތެރެޔަށް ފޮނުވާލަން މަސައްކަތް ކުރި ނަމަވެސް ތުރުކީ ގެ ކީޕަރު މެރްޓް ގުނޮކް ވަނީ ހުށިޔާރުކަމާއި އެކު އެ ޝޮޓު މަތަކޮށްފައެވެ.

ގިނަ ބަޔަކު މިހާރު ބުނަމުން ދަނީ ގުނޮކް ގެ މި ސޭވް އަކީ ޔޫރޯ 2024 ގެ އެންމެ މޮޅު ސޭވް ކަމަށެވެ. މި މުބާރާތުގެ ކުއާޓަރ ފައިނަލަށް ދިޔުމަށް ތުރުކީ އަށް މަގު ކޮށައިދިނީ ކީޕަރު ގުނޮކްގެ މި މޮޅު ސޭވް އޭ ބުނުމަކުން ގޯހަކަށް ނުވާނެއެވެ.
ތުރުކީ އާއި ނެދަލޭންޑްސް ބައްދަލު ކުރާ ޔޫރޯ ގެ ކުއާޓަރ ފައިނަލް މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ 12 ޖަހާއިރުއެވެ.




