ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ޕޮލިސް ކުލަބް ގުޅިގެން ބޭސިކް ފުޓްސަލް ރެފްރީ ކޯހެއް ހިންގައިފި އެވެ.
މިދިޔަ މަހުގެ 27 އިން މިމަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ ބޭސިކް ފުޓްސަލް ރެފްރީސް ކޯހުގައި ފުލުހުންގެ ޚިދުމަތުގެ 33 މުވައްޒަފުން ބައިވެރިވި އެވެ. އޭގެތެރެއިން ކޯސް ފުރިހަމަކޮށް، ކަނޑައަޅާފައިވާ މިންގަނޑަށް ފާސްވެ ލިޔުން ހާސިލުކޮށްފައިވަނީ 24 މުވައްޒަފުންނެވެ. ކޯހުގެ ފާސްވި މުވައްޒަފުންގެ ތެރޭގައި ދެ އަންހެން މުވައްޒަފުން ހިމެނެއެވެ.
ރޭ ސާޖަން އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ ގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ ކޯސް ފުރިހަމަކުރި މުވައްޒަފުންނަށް ހަނދާނީލިޔުން ހަވާލުކޮށްފަ އެވެ. އެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ސްޓޭޓް މިނިސްޓަރ ޢަބްދުލް ރައްޒާޤު އިބްރާހިމް އެވެ.
މިރަސްމިއްޔާތުގައި ޕޮލިސް ކުލަބުގެ ރައީސް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރަޝީދު އާއި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޑިރެކްޓަރ އޮފް ރެފްރީސް އަޙްމަދު ޤާސިމްއާއި، ޕޮލިސް ކުލަބުގެ ޖެނެރަލް ސެކްރެޓަރީ އިންސްޕެކްޓަރ އޮފް ޕޮލިސް ޢަލީ އިބްރާހިމް އާއި، ކޯހުގައި ކިޔަވައި ދެއްވި މުދައްރިބުންނާއި ބައިވެރިިން ބައިވެރިވި އެވެ.
ބޭސިކް ފުޓްސަލް ރެފްރީ ކޯހަކީ ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ފުޓްސަލް ރެފްރީކަން ކުރުމުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ މުވައްޒަފުންނަށް އެފުރުސަތު ހޯދައި ދިނުމުގެ ގޮތުންނާއި، ކުޅިވަރުގެ ދާއިރާއިން މީހުން ބިނާކުރުމަށްޓަކައި ޕޮލިސް ކުލަބުން ކުރަމުންދާ މަސައްކަތުގެ ދަށުން ހިންގި ކޯހެއްކަމަށް ފުލުހުން ބުނެފައިވެއެވެ.



