ސައުދީ އަރަބިއްޔާގެ ސެންޓްރަލް ޙައްޖު ކޮމިޓީ (ސީއެޗްސީ) އިން އަންނަ އަހަރުގެ ހައްޖު މޫސުމަށް ދުރާލާ ތައްޔާރުވުމުގެ ގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ.
އިއްޔެ މައްކާގައި ބޭއްވި މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ މައްކާގެ އަމީރުގެ ނައިބު އަދި ސީއެޗްސީގެ ޑެޕިއުޓީ ޗެއަރމަން ސައުދު ބިން މިޝްޢަލް އެވެ.
މި ބައްދަލުވުމުގައި މިއަހަރުގެ ޙައްޖު މޫސުމުގައި ހާސިލުކުރެވުނު ރަނގަޅު ނަތީޖާތަކުގެ ބޭނުން ހިފައި، ޙައްޖު ހިންގުމުގެ ނިޒާމު އިތުރަށް ތަރައްޤީކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައި ވެއެވެ. އަދި ޙާޖީންގެ ތަޖުރިބާ އިތުރަށް ރަނގަޅުކޮށް، އަންނަ އަހަރުގެ ޙައްޖު މޫސުމުގައި އެމީހުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ބައްދަލުވުމުގައި އެއްބަސްވެވަޑައިގެންފައި ވެއެވެ.
މި ބައްދަލުވުމުގައި ޕްރިންސް ސައުދު ބިން މިޝްޢަލް ވިދާޅުވީ 2024 ވަނަ އަހަރުގެ ޙައްޖު މޫސުމުގައި ކޮމިޓީގެ މެންބަރުން ކުރެއްވި މަސައްކަތްތަކަށް މައްކާގެ އަމީރު ޚާލިދު އަލް-ފައިސަލް ޝުކުރުވެރިވެ، އެކަން އަގުވަޒަންކުރައްވާ ކަމަށެވެ. އަދި ހާޖީންނަށް ހަޖުގެ މަތިވެރި އަޅުކަން ފަސޭހަކަމާއި، ރައްކާތެރިކަމާއި، ހިތްހަމަޖެހުމާއެކު އަދާކުރުމަށް އެންމެ ރަނގަޅު ޚިދުމަތްތައް ފޯރުކޮށްދެވުނުކަން ފާހަގަކުރެއްވި އެވެ.
މި ބައްދަލުވުން ބޭއްވުނީ މައްކާގެ އަމީރު ޚާލިދު އަލް-ފައިސަލްގެ އިރުޝާދުގެ ދަށުންނެވެ.



