ފުވައްމުލައް ސިޓީގައި ދިރިއުޅޭ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް އަދި ދިމާވާ މައްސަލަތަކުގެ މައުލޫމާތު އެސިޓީގެ ކައުންސިލާއި އޮންލައިންކޮށް ހިއްސާކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ޕޯޓަލް ’އަފުން ސިޓީ‘ ޕޯޓަލް އިފްތިތާހުކޮށްފިއެވެ.
ފުވައްމުލައް ސިޓީ ކައުންސިލުން ބުނީ މި ޕޯޓަލް އަކީ ރައްޔިތުންނަށް ވީހާވެސް ލުއި ފަސޭހަކޮށް އަދި ހަރުދަނާ ގޮތެއްގައި ރައްޔިތުންގެ ޝަކުވާތައް ހިއްސާކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ޕޯޓަލް އެއް ކަމަށެވެ.
މި ޕޯޓަލް ފަރުމާ ކޮށްފައިވަނީ މައިގަނޑު 9 ދާއިރާއަކުން މައްސަލަ ހުށަހެޅޭ ގޮތަށެވެ. އެއީ ކުނި އުކާލުމާއި ގުޅޭ މައްސަލަތަކާއި, ގަސްގަހާގެއްސާއި ގުޅޭ ކަންބޮޑުވުންތަކާއި, މުދަލަށާއި ތަންތަނަށް ގެއްލުން ދިނުމާއި ގުޅޭ މައްސަލަތަކާއި, އެސިޓީގައި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވާ އެކި ކަހަލަ ދަތިތަކުގެ މައްސަލަތަކެވެ. މީގެ އިތުރުން މިސްކިތްތަކާއި, ޕާކުތަކާއި ކުޅިވަރު ބިންތަކާއި, މަގުތަކާއި މަގު ބައްތިތަކާއި ގުޅޭ މައްސަލަތަކާއިި, ނުގަވައިދުން މަގުތަކުގައި ޕާކުކޮށްފައި ހުންނަ އުޅަނދުތަކުގެ މައްސަލަތައް ރިޕޯޓު ކުރުމާއި މަގުމަތީގެ ގަވާއިދުތަކާއި ގުޅޭ މައްސަލަތަކެވެ.
މީގެ އިތުރުން މިސްކިތްތަކާއި, ޕާކުތަކާއި ކުޅިވަރު ބިންތަކާއި, މަގުތަކާއި މަގު ބައްތިތަކާއި ގުޅޭ މައްސަލަތަކާއިި, ނުގަވައިދުން މަގުތަކުގައި ޕާކުކޮށްފައި ހުންނަ އުޅަނދުތަކުގެ މައްސަލަތައް ރިޕޯޓު ކުރުމާއި މަގުމަތީގެ ގަވާއިދުތަކާއި ގުޅޭ މައްސަލަތަކެވެ. ފުވައްމުލައް ސިޓީގައި ބިނާކުރާ އިމާރާތްތަކާއި ގުޅޭ މައްސަލަތަކާއި, އިމާރާތްކުރުމުގައި އަޅަންޖެހޭ ސަލާމަތީ ވަސީލަތްތަކާއި ގުޅުންހުރި މައްސަލަތަކާއި ބިންތަކާއި ގުޅޭ މައްސަލަތަކުގެ އިތުރުން ޖަނަވާރާއި, ކާޅު, ވާ ފަދަ ދޫނިތަކުގެ އިތުރުން ހުވަނި ފަދަ ސޫފާސޫފީގެ ސަބަބުން ދިމާވާ މައްސަލަތައްވެސް ރިޕޯޓުކުރުމަށް މިޕޯޓަލްގައިވަނީ ހާއްސަ ދާއިރާތަށް ކަނޑައަޅައިފައެވެ. މީގެ އިތުރުން 9 ދާއިރާއިން ދާއިރާއަކަށް އެކަށީގެން ނުވާ ފަދަ މައްސަލަތައް ’އެހެނިހެން‘ މެދުވެރިކޮށް ހުށަހެޅޭނެ ކަމަށްވެސް އެކައުންސިލުންވަނީ ހާމަކޮށްފައެވެ.
”އަޅުގަނޑުމެން ފުވައްމުލައް ސިޓީ ދެކެން ބޭނުންވަނީ ދުވަހެއް ދުވަހަކަށް ސްމާޓް ސިޓީއެއްގެ ހަގީގީ ކުލަ ޖެހެމުން އަންނަ ސިޓީއެއްގެ ގޮތުގައި. އެލަނޑުދަނޑިއަށް ވާސިލުވުމަށް އަޅުގަނޑުމެން ކުރަމުން މިދާ މަސައްކަތްތަކުގެ ވަރަށް ބޮޑު އަސާސެއް ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަށް ޑިޖިޓަލައިޒްކުރުން. އަސާސީ ހިދުމަތެއް ހޯދުމަށް ކަމުގައިވީ ނަމަވެސް, މައުލޫމާތު ހޯދައި ލިބިގަތުމަށްވިއަސް, ރައްޔިތުންގެ ކަންބޮޑުވުމެއް ނުވަތަ މައްސަލައެއް ހުށަހަޅަންވިއަސް ގޭގައި ތިއްބަވައިގެން ލުއިފަސޭހަކޮށް އެކަން ކުރެވެން އޮތުމަކީވެސް ވަރަށް ގިނަ ތަކުލީފުތަކަކުން ލިބިދޭ ލުޔެއް.“ ފުވައްމުލައް ސިޓީ ކައުންސިލްގެ މީޑިއާ އޮފިސަރ އިބްރާހިމް އަލީފް ވިދާޅުވިއެވެ.
އަލީފް އިތުރަށް ވިދާޅުވި ގޮތުގައި އިފްތިތާހް ކުރެވިގެން މިދިޔަ ޕޯޓަލް ރައްޔިތުން ވަރަށް އަވަހަށް ވަރަށް ބޮޑަށް ބަލައިގަނެފައިވާ ކަމަށެވެ. އެގޮތުން ގިނަ ފަރާތްތަކަކުން ކައުންސިލުން މިއިފްތިތާހްކުރި ’އަފުން ސިޓީ‘ ޕޯޓަލްއަށް ތައުރީފުކޮށްފައިވާ ކަމަށާއި އުއްމީދަކީ މިޕޯޓަލްގެ އެހީގައި ފުވައްމުލައް ސިޓީއަކީ އެންމެންނަށް ރައްކާތެރި, ސާފު އަދި ރީތި ތަނަކަށް ހެދުމަށް ހުރިހާ ރައްޔިތުންގެވެސް ފުރިހަމަ އެއްބާރުލުން ލިބިގެން ދިއުން ކަމަށެވެ.
’އަފުން ސިޓީ‘ މެދުވެރިކޮށް ޝަކުވާ ހުށަހެޅުމަށް ފުރަންޖެހޭ މައުލޫމާތުތަކުގެ ތެރޭގައި ބޭނުންވާ ދާއިރާ އިހުތިޔާރު ކުރުމާއި, އެމައްސަލައަކާއި ގުޅުންހުރި އެޑްރެސް, އަދި މައްސަލައާއި ގުޅުންހުރި މައުލޫމާތު ހިމެނެއެވެ. މީގެ އިތުރުން މައްސަލަ ހުށަހަޅާ ތަން ގޫގުލް މެޕް މެދުވެރިކޮށް ފާހަގަކުރެވެން އިންނައިރު, މައްސަލައާއި ގުޅުން ހުރި ފޮޓޯ ނުވަތަ ޑޮކިއުމެންޓްތައް ހުށަހެޅެން ހުރެއެވެ. މީގެ އިތުރުން މައްސަލައާއި ގުޅިގެން މައުލޫމާތު ހޯދުމަށް ގުޅަންޖެހިއްޖެ ހާލަތެއްގައި ގުޅޭނެ ނަމްބަރަކާއި ނަމެއް ލިޔުއްވުމަށްފަހު މައްސަލަ ހުށަހެޅުމުން އެފަރާތަކަށް މައްސަލަ ރަޖިސްޓަރ ކުރެވި އެކަމުގެ ޓިކެޓް ނަމްބަރެއް ލިބިގެންދާނެކަމަށް ކައުންސިލުންވަނީ މައުލޫމާތުދީފައެވެ. އަދި މިޓިކެޓް ނަމްބަރު މެދުވެރިކޮށް މައްސަލައާއި ގުޅުންހުރި އަދާހަމަ ފަހުން ބަލައިލެވޭނެ ކަމަށްވެސް ކައުންސިލުން މައުލޫމާތު ދިނެވެ.
ފުވައްމުލައް ސިޓީ ކައުންސިލުން މިހާރުވެސް އަންނަނީ އެސިޓީގައި ދިރިއުޅޭ ރައްޔިތުންގެ ބައިވެރިވުމާއި ޚިޔާލާއި މަޝްވަރާ އެސިޓީއާއި ގުޅުންހުރި އެކި ކަންތައްތަކުގައި ހޯދުމަށާއި، ކައުންސިލުން ނިންމާ ނިންމުންތަކާއި ހަރަކާތްތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމުގެ މަގުސަދުގައި ’އަފުން އަޑޮ‘ ނަމަކަށް ކިޔާ ޕޯޓަލް އެއް ހިންގަމުންނެވެ.
މިޕޯޓަލް ފަރުމާކޮށްފައިވަނީ ފުވައްމުލަކާއި ގުޅުންހުރި މައުލޫތަކާއިމެދު ބަހުސްކޮށް ޚިޔާލު ބަދަލު ކުރުމާއި އެކިކަހަލަ މައުޟޫއު ތަކާ ގުޅޭ ޕޯލްތައް ބޭއްވި ރައްޔިތުންގެ ޚިޔާލު ހޯދަން މަގުފަހިވެގެންދާ ގޮތަށެވެ. އަދި މީގެ އިތުރުން މިޕޯޓަލް މެދުވެރިކޮށް ކައުންސިލުން ހަދާ ގަވާއިދުތަކާއި އުސޫލްތައް ހެދުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރެވޭއިރު އެކިދާއިރާތަކާއި ގުޅުންހުރި ޕްރޮޕޯޒަލްތައް ހުށަހަޅާ، އެއަށް ޚިޔާލު ހޯދާ މަޝްވަރާ ކުރުމުގެފުރުސަތުގެ އިތުރުން މިޕޯޓަލްއިން ބަޖެޓް ހެދުމުގައިވެސް ރައްޔިތުންގެ ބައިވެރިވުން އިތުރުކުރެވެއެވެ. މާޗު މަހު އިފްތިތާހް ކުރެވުނު ’އަފުން އަޑޮ‘ ޕޯޓަލް އަދި މި ހަފުތާގައި އިފްތިތާހްކުރެވުނު ’އަފުން ސިޓީ‘ ޕޯޓަލް އަށްވެސް ވަދެވެނީ އީފާސް މެދުވެރިކޮށެވެ.



