ކެނޭޑިއަން އާރްމް ފޯރސަސް(ސީއޭއެފް) ގެ ވެރިޔާގެ މަގާމަށް އަންހެން ބޭފުޅަކު އައްޔަންކުރައްވަން އެގައުމުގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ނިންމަވައިފި އެވެ.
ޓްރޫޑޯ އެމަގާމަށް އައްޔަންކުރަން ނިންމަވާ އިއްޔެ އިއުލާނު ކުރެއްވީ މިހާރު ސީއޭއެފްގެ ޕްރޮފެޝަނަލް ކޮންޑަކްޓް އެންޑް ކަލްޗަރގެ ވެރިޔާގެ މަޤާމުގައި ހުންނެވި ލެފްޓިނެންޓް ޖެނެރަލް ޖެނީ ކަރިގްނަން އެވެ. އޭނާ އެ މަގާމަށް ރަސްމީގޮތުން އައްޔަންކުރައްވާނީ މިމަހުގެ 18 ވަނަ ދުވަހު އެވެ. ކަރިގްނަން ޗީފް އޮފް ޑިފެންސްގެ މަގާމަށް އައްޔަންކުރައްވަނީ މިހާރު އެމަގާމުގައި ހުންނެވި ޖެނެރަލް ވޭން އެއިރޭ މަގާމުން ރިޓާޔަރކުރެއްވުމަށް ހަމަޖެހުމާއި ގުޅިގެންނެވެ.
އަސްކަރިއްޔާއަށް 35 އަހަރަށްވުރެ ދިގު މުައްދަތަަކަށް ޚިދުމަތް ކުރައްވާފައިވާ ކަރިގްނަންވަނީ ދެ ކޮމްބެޓް އިންޖިނިއަރ ރެޖިމަންޓް އާއި 2 ވަނަ ކެނޭޑިއަން ޑިވިޜަންގެ ކޮމާންޑަރުކަން ކުރައްވާފަ އެވެ. މި މަޤާމުތަކުގައި އޭނާ ވަނީ 10,000 އަށްވުރެ ގިނަ ސިފައިން ލީޑް ކުރައްވާފަ އެވެ.
2008 ވަނަ އަހަރު ކެރިގްނާން ވެގެން ދިޔައީ ސީއޭއެފްގެ ތާރީހުގައި ކޮމްބެޓް އާމްސް ޔުނިޓެއްގެ ކޮމާންޑަރުކަން ކުރެއްވި ފުރަތަމަ އަންހެން ބޭފުޅާއަށެވެ. ޖެހިގެން އައި އަހަރު އަފްޣާނިސްތާނަށް ޑިޕްލޮއި ކުރެއްވި އިރު، ބޮސްނިއާ-ހަރްޒެގޮވިނާ އާއި ސީރިއާގައި ވެސް އޭނާ ޚިދުމަތް ކުރެއްވި އެވެ. މީގެ އިތުރުން 2019 އިން 2020 އަށް އިރާގުގައި އޮންނަ ނޭޓޯ މިޝަންގެ އިސް ކޮމާންޑަރުކަންވެސް ކުރެއްވި އެވެ.
2021 ގައި މިހާރު ހުންނެވި، ސީއޭއެފްގެ ޕްރޮފެޝަނަލް ކޮންޑަކްޓް އެންޑް ކަލްޗަރގެ ވެރިޔާގެ މަގާމަށް ޕްރޮމޯޓްކުަރައްވާފައިވާއިރު، އޭނާ ވަނީ ވޭތުވެދިޔަ ތިން އަހަރު އަސްކަރީ ސަގާފަތް ބަދަލުކުރުމުގެ މަސައްކަތްތައް އިސްވެ ކުރައްވާފަ އެވެ.



