ހުޅުމާލޭ ރަށު މާރުކޭޓުން 5 ގޮޅި ކުއްޔަށް ދޫކުރަން ހައުންސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ)ން ނިންމައިފި އެވެ.
ބީލަން އުސޫލުން 2 އަހަރު ދުވަހުގެ މުއްދަތަކަށް ކުޔަށްދިނުމަށް އެޗްޑީސީން ނިންމާފައިވަނީ 73.33 އަކަފޫޓުގެ 5 ގޮޅި އެވެ. ކުއްޔަށްދޭ ގޮޅިތަކުގެ ބީލަން ފެށޭ އަގަކީ މަހަކު 3،500 ރުފިޔާކަމަށް ކަނޑައަޅާފައިވާއިރު، ގޮޅީ ހިންގުމަށް ކުއްޔަށް ދޭނީ ބީލަމުގެ އުސޫލުން ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ އަގު ހުށަހަޅާ ފަރާތަކަށް ކަމަށް އެޗްޑީސީން މިކަމާއި ގުޅޭގޮތުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައި ވެއެވެ.
އެޗްޑީސީން މިހާރު ވަނީ ގޮޅިތައް ކުއްޔަން ނަގަން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. ބީލަންގެ ކަންކަން މިމަހުގެ 15 ވަނަ ދުވަހު ރެެހެންދި ސްކޫލްގައި ކުރިޔަށް ގެންދަން ހަމަޖެހިފައިވާއިރު، އެދުވަހުގެ ހެނދުނު 09:00- 10:00އަށް ބީލަން ހުށަހެޅުމުގެ ފުރުސަތުދޭއިރު، ބީލަން ހުޅުވަން ނިންމާފައިވަނީ 11:30 ޖަހާއިރުއެވެ. އެޗްޑީސީން ބުނީ ބީލަން ހުޅުވަން ފަށާނީ، ބީލަން ހުށަހެޅުމަށްޓަކައި 11 ޖެހުމާއި ހަމަޔަށް ދޫކުރެވިފައިވާ ޓޯކެން ނަންބަރުތަކުން ފޯމު ބަލައިގަތުމަށް ފަހުގައި ކަމަށެވެ. އަދި ބީލަމަށް ހޮވޭ ފަރާތްތަކަށް މިމަހުގެ 18 ވަނަ ދުވަހު އެމީހުން ކުއްޔަށް ނަގާނެ ގޮޅި އިޚުތިޔާރުކުރުމުގެ ފުރުސަތު ދޭނެކަމަށެވެ.
އެޗްޑީސީން ބުނީ، ގޮޅި ކުއްޔަށް ލިބުނު މީހުންނަށް އެކަން ރަސްމީކޮށް އަންގާތާ ރަސްމީ ފަސް ދުވަހުގެ ތެރޭގައި ލީޒް ޑިޕޮޒިޓްގެގޮތުގައި 3 މަހުގެ ކުލި އަދި ކުލީ އެއްބަސްވުމުގައި ސޮއިކުރާތާ ރަސްމީ ހަތް ދުވަހުގެ ތެރޭގައި ގޮޅި ހަވާލުކުރާނެކަމަށެވެ.
ގޮޅި ކުއްޔަށް ހިފަން ބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ހުށަހަޅަންޖެހޭ މައުލޫމާތާއި އަމަލުކުރަންވާ ގޮތުގެ ތަފުސީލު އެޗްޑިސީ ވެބްސައިޓުން ބަލާލެވޭނެއެވެ.




