ސަޢޫދީ ޢަރަބިއްޔާއިން އެ ޤައުމުގެ ފުރަތަމަ އެގްރިފުޑް ޓެކް އެލަޔަންސް ލޯންޗު ކޮށްފި އެވެ.
ސައުދީ އެގްރިފުޑް ޓެކް އެލަޔަންސް (ސަފްޓާ) ގެ ނަމުގައި ތައާރަފުކުރި މި އެލަޔަންސަކީ ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ދަނޑުވެރިކަމާއި ކާބޯތަކެތީގެ ދާއިރާ އައު ގޮތަކަށް ބަދަލުކުރުމަށް އެކުލަވާލާފައިވާ އެލަޔަންސެކެވެ.
އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ސަފްޓާ ލޯންޗުކޮށްދެއްވީ، އެގައުމުގެ ތިމާވެށްޓާއި، ފެން އަދި ދަނޑުވެރިކަމާ ބެހޭ ވުޒާރާގެ ނައިބު ވަޒީރު މަންސޫރު އަލް-މުޝައިތީ އެވެ.
ސަފްޓާގައި އެގައުމުގެ 40 މުއައްސަސާއެއް ބައިވެރިވެފައި ވެއެވެ. އޭގެ ތެރޭގައި ބޮޑެތި ލޯކަލް ކުންފުނިތަކާއި، ޔުނިވަރސިޓީތަކާއި، ދިރާސާ މަރުކަޒުތަކާއި، މާލީ އަދި އިންވެސްޓްމަންޓް ފަންޑުތަކާއި އަދި ނަފާ ނުލިބޭ ޖަމްޢިއްޔާތައް ހިމެނެއެވެ.
ސަފްޓާގެ މައިގަނޑު މަޤްޞަދަކީ އައު އީޖާދުތަކާއި، އެއްބާރުލުމާއި އަދި މުއާޞަލާތުގެ ޤައުމީ މަންސައެއް އުފެއްދުމެވެ. މިގޮތުން ޕްރިސިޝަން އެގްރިކަލްޗަރ، ބަޔޯޓެކްނޮލޮޖީ، ނެނޯޓެކްނޮލޮޖީ، އައު ގޮތްގޮތުގެ ގަސްކާނާ އަދި ބަޔޯޕެސްޓިސައިޑް މެދުވެރިކޮށް ސައުދީއާއި ދުނިޔޭގެ ކާބޯތަކެތީގެ ޑިމާންޑަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަސައްކަތްކުރުމަށް ހަމަޖެހިފައި ވެއެވެ.



