ތ. ކަނޑޫދޫގެ ހަކަތައިގެ ނިޒާމަށް އައު ބަދަލުތަކެއް ގެނެސް، ތިމާވެއްޓާ ރައްޓެހި ހަކަތަ ބޭނުންކުރަން ފަށައިފި އެވެ.
ފެނަކަ ކޯޕަރޭޝަނުން ބުނީ، ’ޕޮއިޒްޑް ޕްރޮޖެކްޓް’ގެ ދަށުން އެރަށުގައި 300 ކިލޯވޮޓްގެ ސޯލާ ޕީވީ އަދި 300 ކިލޯވޮޓްގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމެއް ކާމިޔާބުކަމާއެކު ތައާރަފްކޮށް ހަކަތައިގެ ނިޒާމާ ގުޅާލާ މިހާރު ބޭނުންކުރަން ފަށާފައިވާކަމަށެވެ.
މި އައު ނިޒާމާއެކު، ކަނޑޫދޫގެ ކަރަންޓު ވިއުގައަށް ގެނައި ބަދަލުގެ ސަބަބުން ދުވާލުގެ ވަގުތުތަކުގައި 7-8 ގަޑިއިރަށް ޑީސަލް ޖަނަރޭޓަރުތައް ނިއްވާލެވޭނެކަމަށް ފެނަކައިން ބުނެފައި ވެއެވެ. މިއީ ދެމެހެއްޓެނިވި ހަކަތައަށް މަގުފަހިކޮށް، ރަށުގެ ކާބަން ފޫޓްޕްރިންޓް ކުޑަކުރުމަށް އެޅިގެން ދިޔަ މުހިންމު ފިޔަވަޅެކެވެ. އަދި. މި މަޝްރޫޢުގެ ސަބަބުން ކަނޑޫދޫގެ ތިމާވެށި ރައްކާތެރިކުރުމަށާއި، ރަށުގެ ކަރަންޓު އުފެއްދުމުގެ ޚަރަދު ކުޑަކުރުމަށް މަގުފަހިވާނެކަމަށް ފެނަކައިން ދެކެއެވެ.
ތ. ކަނޑޫދޫގައި ސޯލާ ޕީވީ ސިސްޓެމް ހަރުކޮށްފައިވަނީ، އޭޝިއަން ޑެވެލޮޕްމެންޓް ބޭންކް(އޭޑީބީ) ގެ އެހީގައި ކުރިޔަށްގެންދާ “އައުޓަރ އައިލޭންޑް ފޮރ ސަސްޓެއިނަބްލް އެނަރޖީ ޑެވެލޮޕްމެންޓް(ޕޮއިސްޑް) ގެ ދަށުންނެވެ. މި ޕްރޮގްރާމްގެ ދަށުން ކަނޑޫދޫގެ އިތުރުން، ތ. އަތޮޅުގެ ބުރުނީ ފިޔަވައި އެހެން ހުރިހައި ރަށެއްގައި އިޔާދަކުރަނިވި ހަކަތައިން ކަރަންޓް އުފެއްދުމުގެ މަސައްކަތް ކުރިޔަށްގެންދާ ކަމަށް ފެނަކައިން ބުންޏެވެ.
ޕޮއިސްޑް ޕްރޮގްރާމް ހިންގަން ފަށާފައިވަނީ 2023ވަނަ އަހަރުގެ މާޗުމަހުގެ ތެރޭގައެވެ. މި ޕްރޮގްރާމްގެ ސަބަބުން އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުވެ، ދެމެހެއްޓެނިވި ގޮތެއްގައި ހަކަތަ އުފެއްދުމުގެ ގާބިލުކަން އިތުރުވެގެންދާނެ އެވެ. އަދި ރާއްޖެއިން ތެލަށް ބަރޯސާވެފައި އޮންނަ އޮތުން ކުޑަކުރުމަށް ބާރަކަށް ވެގެންދާނެއެވެ.




1 Comment
ނޫނޭ ގަދަ އިނގޭ