ކޮޕާ އެމެރިކާގެ ކުއާޓަރ ފައިނަލުގައި އާޖެންޓީނާ އާއި އިކުއެޑޯރ ބައްދަލު ކުރި މެޗުން މޮޅެވެ އާޖެންޓީނާ އެ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
މެޗުގެ 35 ވަނަ މިނެޓުގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ގެ ކޯނަރަކުން އެ ޓީމަށް ފުރަތަމަ ގޯލު ކާމިޔާބު ކޮށްދިނީ ޑިފެންޑަރު ލިސާންޑްރޯ މާޓިނޭޒް އެވެ.
ދެވަނަ ހާފުގައި އިކުއެޑޯރ އަށް ނަތީޖާ އެއްވަރު ކޮށްލަން ރަނުގެ ފުރުސަތެއް ލިބުނެވެ. މެޗުގެ 60 ވަނަ މިނެޓުގައި އާޖޭންޓީނާގެ ޕެނަލްޓީ އޭރީއާ ތެރެއިން އެ ޓީމުގެ މިޑްފީލްޑަރު ރޮޑްރިގޯ ޑެ ޕައުލްގެ އަތުގައި ބޯޅަ ޖެހުނު ކަމަށް ރެފްރީ ނިންމާ، އިކުއެޑޯރ އަށް ޕެނަލްޓީއެއް ދިނެއެވެ. އިކުއެޑޯރ ގެ ތަޖުރިބާކާރު ކެޕްޓަން ވެލެންސިއާ ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލުގެ ދަނޑީގައި ޖެހިފައި ބޭރަށެވެ.
މެޗުގެ 95 ވަނަ މިނެޓު ތެރޭގައި އިކުއެޑޯރ އިން ނަގައިދިން ހުރަހެއް ގޯލުގެ ތެރެޔަށް ފޮނުވާލާ، މެޗު ނިމެން ދަނިކޮށް ނަތީޖާ އެއްވަރު ކޮށްދިނީ އެ އިކުއެޑޯރ ޓީމުގެ ރޮޑްރިގޭޒްއެވެ.

ކޮޕާ އެމެރިކާގެ ގަވައިދު ބުނާ ގޮތުން 90 މިނެޓު (އިތުރު ވަގުތު ލައިގެން) ތެރޭގައި މެޗުގެ ނަތީޖާ އެއްވަރު ވެއްޖެ ނަމަ، އެކްސްޓްރާ ޓައިމްގެ ދެ ހާފު ނުކުޅެ، ދާނީ ސީދާ ޕެނަލްޓީ އަށެވެ.
އެގޮތުން ޕެނަލްޓީ ޝޫޓްއައުޓް ފަށާ، އާޖެންޓީނާގެ ފުރަތަމަ ޕެނަލްޓީ ނަގައިދިނީ އެ ޓީމުގެ ކެޕްޓަން މެސީ އެވެ. މެސީގެ ޕެނަލްޓީ ދިޔައީ ގޯލުގެ މަތީ ދަނޑީގައި ޖެހިފައި ބޭރަށެވެ. އިކުއެޑޯރ އިން ފޮނުވާލި ހަތަރު ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ އާޖެންޓީނާގެ ގޯލްކީޕަރު އެމީ މާޓިނޭޒް މަތަކުރިއެވެ. އާޖެންޓީނާގެ 5 ޕެނަލްޓީގެ ތެރެއިން 4 ޕެނަލްޓީ ކާމިޔާބު ކޮށް ކޮޕާ އެމެރިކާގެ ސެމީ ފައިނަލަށް އެ ޓީމު ދަތުރުކުރީ 2-4 ގެ ޕެނަލްޓީ ނަތީޖާ އަކުންނެވެ.

މިދިޔަ ވޯލްޑު ކަޕްގައިވެސް އާޖެންޓީނާ އަށް ތަށި ނަގައިދިނުމުގައި ބޮޑު ދައުރެއް އަދާ ކުރި އެ ޓީމުގެ ޕެނަލްޓީއަށް ފަރިތަ ކީޕަރު އެމީ މާޓިނޭޒް އަށް ގިނަ ބަޔަކު ދަނީ ތައުރީފު ކުރަމުންނެވެ. އާޖެންޓީނާގެ ރޮޑްރިގޯ ޑެ ޕައުލް ބުނީ މާޓިނޭޒް އަކީ އެ ޓީމުގެ މުހިންމު ”ހީރޯ“ އެއް ކަމަށެވެ.
ކޮޕާ އެމެރިކާގެ ސެމީ ފައިނަލުގައި އާޖެންޓީނާ ބައްދަލު ކުރާނީ، މާދަމާ ފަތިހު ރާއްޖެ ގަޑިން 06:00 ގައި ވެނެޒުއެލާ އާއި ކެނެޑާ ބައްދަލު ކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.



