ކުންފުނީގެ ޚިދުމަތް އެހެން ހަރުފަތަކަށް ގެންދިއުމަށްޓަކައި, ކުންފުނީގެ ޚަރަދުތައް ކުޑަކުރުމާއެކު ދުވެލި ބާރުކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ(ސްޓެލްކޯ) ގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ފަހުމީ މިހެން ވިދާޅުވީ، އެކުންފުނީގެ މެނޭޖަރުންނަށް ޚާއްސަކޮށްގެން ކުރިޔަށްގެންދިޔަ ތަމްރީން ޕްރޮގްރާމް ނިންމާލުމަށް ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ރަސްމިއްޔާތުގައި ފަހުމީ ދެއްކެވި ވާހަކަފުޅުގައި ރައްޔިތުންނަށް ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދީ، އެ ހިދުމަތް އެހެން ހަރުފަތަކަށް ގެންދިއުމަށްޓަކައި، ހުރިހާ މުވައްޒަފުންގެ ފިކުރަކީވެސް ގައުމީ އެއް ފިކުރަކަށް ވާންޖެހޭނެ ކަމަށާއި، ކުންފުނީގެ ހަރަދުތައް ކުޑަކުރުމާއިއެކު، ކުންފުނީގެ ދުވެލި ބާރުކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭކަން ފާހަނގަކުރެއްވި އެވެ. އަދި ސްޓެލްކޯއަކީ، ވަސީލަތްތަކާއި، މެނޭޖްމަންޓާއި މުވައްޒަފުންގެ ތައުލީމާއި، ގާބިލްކަމަށްބަލައި، ރާއްޖޭގެ އެއްވަނަ ކުންފުނީގެ މަގާމަށް އެރިދާނެ ކުންފުންޏެއްކަން ފާހަނގަކުރައްވައި، ކުންފުނީގެ ހުރިހާ ސްޓޭޝަން މެނޭޖަރުންވެސް ޑެވެލޮޕްމަންޓް ޕްރޮގްރާމްއިން ދަސްވި އެއްޗެއްގެ ބޭނުން ހިފައިގެން އެމަގަށް މަސައްކަތް ކުރަން އިލްތިމާސްކުރައްވި އެވެ. މީގެ އިތުރުން އަބަދުވެސް މުވައްޒަފުންގެ އަގު ވަޒަން ކުރުމަށާއި، އެމުވައްޒަފުންނާއި ގާތް ގުޅުމެއް ބޭއްވުމުގެ އިތުރުން ރައްޔިތުންނަށް ފުރިހަމަ ހިދުމަތެއް އަބަދުވެސް ދިނުމުގެ ރޫހު އާލާކުރެއްވިއްޖެ ނަމަ މިހާރަށްވުރެ ކުރިއަރައިދާނެ ކަމަށް ފަހްމީ ވިދާޅުވި އެވެ.
”ކުންފުންޏަށް ބަދަލު ގެންނަންޖެހޭ ވަގުތު އަތުވެއްޖެ. އެ ބަދަލަކީ މިއައްވުރެ ބޮޑު ކުރިއެރުންތަކެއް ހޯދުން. އެ ކުރިއެރުންތައް ހޯދޭނެ. އަޅުގަނޑު މިހިރީ ހޯދައިދޭން ތިބޭފުޅުންނާއިއެކު މަސައްކަތް ކުރަން. އަޅުގަނޑު މަސައްކަތް ކުރާނީ ތިހުރިހާ ބޭފުޅުން ގޮވައިގެން. އެހެންވީމަ އެ ބަދަލު ގެނައުމުގެ ރޫހުގަ. އެ ބަދަލު ގެނައުމުގެ ވިސްނުމުގައި އަޅުގަނޑުމެން މި ބައްދަލުވުން ނިންމާލަން ވާނީ. އެ ބަދަލުތައް ފެންނަންވާނެ މުސްތަގުބަލުގައި. އަޅުގަނޑު ޔަގީންކުރަނީ، އުމްމީދު ކުރަނީ ކުންފުންޏަށް ބަދަލުއަންނަތަން ދުރުނޫން މުސްތަގުބަލެއްގައި ފެނިގެންދާނެ ކަމަށް“ ފަހުމީ ވިދާޅުވި އެވެ.
ޑިވެލޮޕްމަންޓް ޕްރޮގްރާމް ފޯ ސްޓޭޝަން މެނޭޖާރސް“ ގެ ނަމުގައި ޖޫން 30 އިން ޖުލައި 4 އަކަށް ކުރިއަށް ގެންދިޔަ ތަމްރީނުގައި 33 ރަށަކުން ސްޓޭޝަން މެނޭޖަރުން ބައިވެރިވި އެެވެ. އެ ތަމްރީން ޕްރޮގްރާމްގައި، ލީޑަރޝިޕް ހުނަރާއި، ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަ ބަދަލުތަކުން ހަކަތަ ރައްކާތެރިކުރުމަށް ކުރެވިދާނެ ކަންކަމަށް ރައްޔިތުން ހޭލުންތެރިކުރުމާއި ގުޅޭގޮތުން ބައިވެރިންނާ މައުލޫމާތު ހިއްސާކޮށްފައި ވެއެވެ. އަދި، ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ދިމާވާ ދަތިތަކަށް އަލިއަޅުވާލައި، އެ ދަތިތައް ހައްލުކޮށް ހިދުމަތް ފުރިހަމަކަމާއިއެކު އަވަސްކުރުމަށް ކުރެވިދާނެ ކަންކަމާއި މެދު މަޝްވަރާކޮށްފައި ވެއެވެ.




