ޓީ- ކްރިކެޓް ވަރލްޑްކަޕްގައި އިންޑިއާގެ ގައުމީ ފިރިހެން ކްރިކެޓް ޓީމަށް ލިބުނު ކާމިޔާބީ ރާއްޖޭގައި ފާހަގަކުރުމަށް ދައުވަތު ދީފި އެވެ.
ޖޫން 29 ވަނަ ދުވަހު ބާބެޑޯސްގައި ބޭއްވި ޓީ- ކްރިކެޓް ވަރލްޑްކަޕްގެ ފައިނަލް މެޗުގައި ދެކުނު އެފްރިކާ ބަލިކޮށް އިންޑިއާއިން ވަނީ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފަ އެވެ. މިއީ، 13 އަހަރަށް ފަހު އިންޑިއާއިން މިތަށީ ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އިންޑިއާއިން މި މުބާރާތުގެ ތަށި ފުރަތަމަ ފަހަރަށް ކާމިޔާބުކުރީ 2007 ވަނަ އަހަރެވެ. އިންޑިއާ ޓީމުން ހޯދި އިތުރު ކާމިޔާބީތަކުގެ ތެރޭގައި ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވިރާޓް ކޯލީއަށް އަދި މުޅި ސީރީޒްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ޖަސްޕްރިތު ބުމްރާހްއަށް ވަނީ ލިބިފަ އެވެ.
އިންޑިއާ ޓީމުން މި ހޯދި ކާމިޔާބީއާއި ގުޅިގެން، އެގައުމުގެ ”ދަ ބޯޑް އޮފް ކޮންޓްރޯލް ފޮރ ކްރިކެޓް އިން އިންޑިއާ“(ބީސީސީއައި) އިން ވަނީ ވިކްޓަރީ ޕެރޭޑެއް ބޭއްވުމުގެ އިތުރުން ޓީމަށް 125 ކްރޯޑްގެ ފައިސާގެ އިނާމެއްވެސް ދީފަ އެވެ. ކްރިކެޓަކީ އިންޑިއާ ރައްޔިތުންގެ މެދުގައި އެންމެ މަގްބޫލު ކުޅިވަރަށްވީއިރު، ޓީމުން ހޯދި ކާމިޔާބީ އެކި ފެންވަރުގައި އިންޑިއާގެ އެކި ކަންކޮޅުތަކުގައި ދަނީ ފާހަނގަކުރަމުންނެވެ.
އިންޑިއާގެ ޓީމުގެ މި ކާމިޔާބީގައި ބައިވެރިވުމަށް ރާއްޖެއިންވެސް ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން، މޯލްޑިވްސް މާކެޓިން އެންޑް ޕަކްބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ(މަޓީ) އިން ވަނީ އިންޑިއާ ޓީމަށް ދައުވަތު އަރުވާފަ އެވެ. ރާއްޖޭގެ ހިތްފަސޭހަ މާހައުލުގައި ކާމިޔާބީ ފާހަނގަކުރުމަށް އެ ޓީމަށް ރާއްޖެ އައުމަށް ދައުވަތު ދީފައިވީ ނަމަވެސް، ހުށަހެޅުން އަދި ސާފެއް ނުވެއެވެ.
އިންޑިއާގެ ޓީމް ރާއްޖެ އަތުވެއްޖެނަމަ މިއީ ރާއްޖޭގެ ޓޫރިޒަމް މާކެޓްކޮށްލަން ލިބިގެންދާ ރަނގަޅު ފުުރުސަތަކަށް ވެގެންދާނެއެވެ. އެމްއެމްޕީއާރްސީން ދަނީ އިންޑިއާ މާކެޓްގައި ރާއްޖެ ޕްރޮމޯޓްކުރަން ގިނަ ހަރަކާތްތަކެއް ބާއްވަމުންނެވެ. ސަބަބަކީ ކުރިން ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގެ އެއްވަނައިގަ އޮތް އިންޑިއާގެ ފަތުރުވެރިން ރާއްޖެ އަންނަ މިންވަރު ބޮޑުތަނުން މަދުވެފައިވާތީ އެވެ.



