ޓެކްނިކަލް މައްސަލައެއް ކުރިމަތިވި މޯލްޑިވިއަންގެ ފްލީޓްގައި ހިމެނޭ އެއާބަސް އޭ-320 މިއަދު ޚިދުމަތަށް ނެރެން ހަމަޖެހިފައިވާކަމަށް އެ އެއާލައިނުން ބުނެފި އެވެ.
މޯލްޑިވިއަނުން ބުނީ، ކުޑަ ޓެކްނިކަލް މައްސަލައެއްގެ ސަބަބުންނާއި, ކުރިން ތާވަލުކުރެވިފައިވާ އިންޖިނިއަރިންގ ސަރވިސްއަކަށްޓަކައި، އެބޯޓު މަރާމާތުކޮށް މެއިންޓެނަންސް ހެދުމަށް މެލޭޝިއާގެ ސެޕަންގ އިންޖިނިއަރިންގ އަށް ގެންދިޔަކަމަށެވެ. އަދި މަރާމާތަށްފަހު އެއާބަސް މިއަދު ރާއްޖެ ގެނެސްފައިވާކަމަށާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް(ވީއައިއޭ) ގައި އެ އެއާބަސް ޖައްސާފައިވަނީ މިއަދު މެންދުރުފަހު 1:06 ހާއިރުކަމަށް މޯލްޑިވިއަނުން ބުނެފައިވެއެވެ. ބޯޓް މަރާމާތުކުރި ކުންފުންޏަކީ މިފަދަ ސަރވިސްތައް ކުރުމުގައި، 2007 އިން ފެށިގެން އޭޝިއާގެ އެންމެ ލީޑިން ކުންފުންޏެވެ.
އެއާބަސްއަށް ދިމާވި މައްސަލަ ހައްލުކުރުމަށްފަހު، ވަގުތު ނަގާނުލައި ކޮމާޝަލް ދަތުރުތަކުގައި ބޭނުންކުރަން ފަށާނެކަމަށް މޯލްޑިވިއަނުން ބުންޏެވެ. އެގޮތުން މިރޭ 21:00 ގައި ރާއްޖެއިން ބަންގްލަޑޭޝްގެ ޑާކާއަށް ތާވަލު ކުރެވިފައިވާ ދަތުރުގައި ފުރާނީ އެ އެއާބަސްކަމަށް މޯލްޑިވިއަނުން ބުނެފައި ވެއެވެ. މީގެ އިތުރުން، އެއާބަސް އޭ-320 އިން ބައިނަލްއަގުވާމީ ތާވަލުކުރެވިފައިވާ ދަތުރުތައް އަލުން ފަށާނެ ކަމަށްވެސް އެ ކުންފުނިން ބުނެފައި ވެއެވެ.
އެއާބަސްއަށް ޓެކްނިކަލް މައްސަލައެއް ދިމާވީ މިދިޔަ މަހުގެ 25 ގައި، ވީއައިއޭއިން ފުރައިގެން އިންޑިއާއަށް ދަތުރުކުރަމުންދަނިކޮށްނެވެ. އަދި އެ މައްސަލަ ޖެހުމުން އެއާބަސް އަނބުރާ ވީއައިއޭއަށް ޖެއްސިއެވެ. އެއާބަސްއަށް ދިމާވި ޓެކްނިކަލް މައްސަލައާއި ގުޅިގެން އިއްޔެ ޑާކާއަށް ތާވަލު ކުރި Q2-502 އަދި Q2-2502 ފްލައިޓްތައް ކެންސަލްކުރިއެވެ. އަދި، ދިމާވި މައްސަލަ ހައްލުކުރުމަށާއި، ދަތުރު ކެންސަލް ކުރުމުގެ ސަބަބުން އޭގެ އަސަރުކުރި ފަސިންޖަރުންނަށް އެހެން ދަތުރުފަތުރުގެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް އެ ކުންފުނީގެ ޓީމުތަކުން މިހާރު މަސައްކަތްކުރަމުންދާކަމަށް އިއްޔެ މޯލްޑިވިއަނުން ބުނެފައި ވެއެވެ.
އެއާބަސް އޭ320 އަކީ މޯލްޑިވިއަންގެ ފްލީޓުގައި ހިމެނޭ 25 ބޯޓުގެ ތެރެއިން އެއް ބޯޓެވެ. ފްލީޓްގައި ދެން ހިމެނެނީ އޭޓީއާރުގެ ހަތަރު މަތިންދާބޯޓާއި، ޑޭޝް-8 ސީރީޒްގެ ނުވަ އެއާކްރާފްޓްގެ އިތުރުން، 11 ޓްވިން އޮޓަ ސީޕްލޭން އެވެ.



