ޤައުމަށާއި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކަށް ވާނީ، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖްލިހުގެ އިންތިހާބު އެކު އެކީގައި ބޭއްވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޕީއެންސީ ހަރުގޭގައި މިރޭ ކުރިޔަށް ދިޔަ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ދެ އިންތިހާބު އެއްކޮށް ބޭއްވުމަށް މަގުފަހި ކުރުމަށްޓަކައި މި އަހަރު ނުވަތަ އެންމެ ލަސް ވެގެން އަންނަ އަހަރު ތެރޭގައި ޤާނޫނު އަސާސީއަށް އިސްލާހު ގެންނަން ހުށަހަޅުއްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ދުސްތޫރީ ނިޒާމު ރޭވިފައި އޮންނަ ގޮތުން ވަރަށް ގިން އިންތިހާބު ތައް ބާއްވަން ޖެހޭ ކަމަށެވެ. ނަމަވެސް އެކަންކަން ކުރަން ވާނީ، ޤައުމުގެ ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަށް، ހަރަދު އެންމެ ދެކޮޅު ޖެހޭ ގޮތަށް ކަމަށް ރައީސް މިރޭ ވިދާޅުވިއެވެ.
ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 120 މިލިއަން އަށް ވުރެ ގިނަ ރުފިޔާ ހަރަދުވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އޭގެ ކުރީގައި ބޭއްވުނު ރިޔާސީ އިންތިހާބުގެ ދެ ބުރު ނިމުނު އިރު، 180 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވެފައިވާ ކަމަށް މިރޭ ބޭއްވި ޕީއެންސީ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވިއެވެ.
”މަޖްލިސް އިންތިހާބަށް 120 މިލިއަން ހަރަދުވިއިރު ރިޔާސީ އިންތިހާބުގެ ދެ ބުރު ނިމުނު އިރު 180 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވި. މި ދެ އިންތިހާބު ދޭތެރޭ މި އޮންނަނީ ހައެއްކަ މަސް ދުވަހުގެ ތަފާތު“ ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލައިގެން ބޭއްވުމުން މަދުވެގެން 120 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށާއި، އެއީ ދިވެހި އެތައް ނިކަމެތި އާއިލާއެއްގެ ކަންކަން ދައުލަތަށް ބެލެހެއްޓޭނެހާ ފައިސާ ކަމަށެވެ.
ދެ އިންތިހާބު އެއްކޮށްލުމަށް ޤާނޫނޫ އަސާސީއަށް އިސްލާހު ގެންނާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
”ޤާނޫނު އަސާސީއަށް އިސްލާހު ގެނެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައިގެން. ރައްޔިތުން މިގޮތަށް ނިންމައިދެއްވައިފިޔާ، ޤާނޫނު އަސާސީއަށް އިސްލާހު ގެނެސް 2028 ގައި ދެ އިންތިހާބު އެކުއެކީގައި ބޭއްވުމަކީ އަޅުގަނޑު ދެކޭގޮތުގައި އެންމެ ރަނގަޅު ގޮތް“ – ރައީސް ޑރ. މުއިއްޒު މިރޭ ވިދާޅުވީއެވެ.
ދައުލަތުގެ ހަރަދު ކުޑަ ކުރުމަށްޓަކައި ސަރުކާރުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅުމުންނެވެ. އޭގެ ތެރޭގައި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު މަދު ކުރުން ފަދަ ކަންކަން ހިމެނޭނެ ކަމަށް ސަރުކާރުން ވަނީ މިދިޔަ މަހު އިއުލާނު ކުރައްވާފައެވެ.




