މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ބައްސާމު އާދަމް މަގާމުން ވަކިކޮށްފި އެވެ.
ބައްސާމް ވަކިކުރީ ކޮން ސަބަބަކާހުރެ ކަމެއް، އެމްއެމްޕީއާރްސީންނާއި، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑް(ޕީސީބީ) އިން އަދި ހާމަކޮށްފައެއް ނުވެއެވެ. ބައްސާމަކީ އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ކުރިން ހުންނެވި ފާތުމަތު ތައުފީގު މަގާމުން ވަކިކުރުމަށްފަހު، އާ މެނޭޖިންގ ޑިރެކްޓަރަކު އައްޔަންކުރަން ދެން ކުންފުނި ހިންގެވުމުގެ ޒިންމާ ނަންގަވަމުން ގެންދެވި ބޭފުޅާ އެވެ.
ބައްސާމުގެ އިތުރުން، އެ ކުންފުނީގައި އެންމެ ގިނަ ދުވަސްވީ މުވައްޒަފު، ޗީފް އޮފް ކޯޕަރޭޓް އެފެއާޒް އިބްރާހިމް އާސިމްވެސް ވަނީ ވަކިކޮށްފަ އެވެ. އާސިމް މަގާމުން ވަކިކުރެއްވީ ކޮންސަބަބަކާހުރެ ކަމެއްވެސް އަދި ސާފެއް ނުވެއެވެ.
ބައްސާމްއާއި އާސިމް މަގާމުން ވަކިކޮށްފައިވާއިރު، މީގެ ތިން ދުވަސްކުރިން އެމްއެމްޕީއާރްސީގެ ބޯޑު މެންބަރުކަމަށް އަބްދުލް ސަމީއު އިމާދާއި އައިޝަތު ހަމީދު ވަނީ އައްޔަނުކޮށްފަ އެވެ.
ރައީސް ޑރ. މުއިއްޒު ވަނީ، މިއަހަރުގެ ދައުލަތުގެ ބަޖެޓް ފައިނޭންސް ކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގައި ދަތިތަކެއް ކުރިމަތިވެފައިވާތީ ސަރުކާރުގެ ރިކަރެންޓް ޚަރަދު ކުޑަކުރުމަށްޓަކައި ސިޔާސީ މަގާމުތަކުގެ އަދަދު މަދުކޮށް ގިނަ ފިޔަވަޅުތަކެއް އެޅުއްވުަމަށް ނިންމަވާފަ އެވެެ.



