ފުޅާ ދާއިރާއެއްގައި މާލޭގައި ގަވާއިދާ ޚިލާފަށް ރީޓެއިލް ވިޔަފާރި ކުރަމުން އަންނަ ބިދޭސީއަކު އަތުލައިގަނެފި އެވެ.
މިމީހާ އަތުލައިގަނެފައިވަނީ ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް އިމިގްރޭޝަން އިން ކުރިއަށްގެންދާ އޮޕަރޭޝަނުގެ ތެރެއިން ހިންގި ރެއިޑެއްގަ އެވެ.
އިމިގްރޭޝަނުން ބުނީ، އޭނާ މާލޭގައި އެކިއެކި ކުދި ރީޓެއިލް ފިހާރަތައް ފުޅާދާއިރާއެއްގައި ހިންގަމުންދާ ކަމަށް އިމިގްރޭޝަން އިންޓެލިޖެންސަށް މަޢުލޫމާތު ލިބިގެން ރޭ 23:30 އާއި 00:30 ދެމެދު ޚާއްސަ އޮޕަރޭޝަނެއް ހިންގި ކަމަށެވެ. އަދި، އޮޕަރޭޝަނުގައި އެމީހާ ހައްޔަރުކޮށްފައިވާކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
އެ ބިދޭސީ މީހާއާއެކު އެ ސައިޓުގައި ގަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިއަ ބިދޭސީ 03 ފިރިހެނަކާއި، 01 އަންހެނަކު ވެސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.
ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްދާ އޮޕަރޭޝަންގެ ތެރެއިން، ރޭ ވެސް ހުޅުމާލޭގެ ދެ ތަނެއް ބަލައި ފާސްކޮށް، ގަވާއިދާ ޚިލާފަށް ވިޔަފާރި ކުރަމުންދިއަ 04 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.
ގަވާއިދާ ޚިލާފަށް ރާއްޖޭގައި އެކި ވިޔަފާރިތަކުގައި ޝާމިލުވާ މީހުން ހޯދުމަށް އިމިގްރޭޝަނުން ދަނީ ޚާއްސަ އޮޕަރޭޝަންތައް ހިންގަމުންނެވެ. އެގޮތުން މާލޭގެ ދެމާރުކޭޓަކާއި، ކެފޭތަކާއި، ފިހާރަތަކާއި، ސްޕާތަކުގައި ގަވާއިދާ ޚިލާފަށް މަސައްކަތްކުރަމުން އަންނަ މީހުން ހޯދުމަށް އޮޕަރޭޝަން ހިންގައި ގިނަ އަދަދެއްގެ ބިދޭސީން ވަނީ ހައްޔަރުކޮށްފައެވެ. މީގެ ތެރޭގައި ހުއްދަނެތް ވިޔަފާރި ހަރަކާތްތަކުގައި އުޅޭ މީހުންނާއި، ގަވާއިދާއި ޚިލާފަށް ވިޔަފާރި ކުރާ މީހުން ހިމެނެއެވެ. މީގެ އިތުރުން ޑޮލަރުގެ ވަގުވިޔަފާރި ކުރާ މީހުންނާއި، ހަށި ވިއްކުމުގެ ވިޔަފާރީގައި ޝާމިލުވަމުން އައި ބިދޭސީންތަކެއްވެސް ހިމެނެއެވެ.
މިފަދަ އޮޕަރޭޝަންތަކުގައި މިހާތަނަށް ހައްޔަރުކުރި މީހުންގެ އަދަދު 64 އަށް އަރާފައިވާއިރު، މި އެންމެން ތިބީ އިމިގްރޭޝަންގެ ބެލުމުގެ ދަށުގަ އެވެ. އިމިގްރޭޝަނުން ބުނެފައިވަނީ، އަދިވެސް އިތުރު އޮޕަރޭޝަންތައް ކުރިޔަށްގެންދާނެކަމަށެވެ.
ސިލްސިލާކޮށް އޮޕަރޭޝަން ހިންގަމުން އަންނައިރު ކޮންޓްރޯލަރ އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ވަނީ އިމިގްރޭޝަންގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ އެއްގޮތަށް ޢަމަލު ކުރުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސްކުރައްވާފަ އެވެ. ޝަމްއާން ވިދާޅުވީ، ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނުގެ 30 ވަނަ މާއްދާގެ ދަށުށް ރާއްޖޭގައި ބިދޭސީންނާއެކު މުއާމަލާތްތައް ހިންގާ ދިވެހިން މަސައްކަތްކުރުމުގެ ހުއްދަނެތް ބިދޭސީއަކު ލައްވާ ރާއްޖޭގައި އެއްވެސް މަސައްކަތެއް ކުރުވުމަކީ ކުށެއް ކަމަށެވެ. އަދި އެފަދަ ފަރާތްތައް ގާނޫނުގެ ދަށުން، 50,000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކޮށް އެމީހެއްގެ ޕާސްޕޯޓު ވަކިމުއްދަތަކަށް ހިފެހެއްޓުމުގެ އިޚްތިޔާރު، ކޮންޓްރޯލަރ އޮފް އިމިގްރޭޝަނަށް ލިބިގެންވާކަމަށާއި، އެގޮތަށް އެކަން ތަންފީޒު ކުރައްވާނެކަމަށް ވިދާޅުވެފައި ވެއެވެ.


