ދުނިޔޭގެ އެކި ސަރަހައްދުތަކުން އޭވިއޭޝަން ދާއިރާގެ އިސް މަންދޫބުން ބައިވެރިވާ އެއަރ ސަރވިސް ވޯލްޑް ކޮންގްރެސް ފަށައިފި އެވެ.
މިއަދުން ފެށިގެން ބުރާސްފަތި ނިޔަލަށް ކުރުނބާ މޯލްޑިވްސްގައި ކުރިޔަށްދާ މި ކޮންގްރެސްގައި، ޖުމްލަ 27 އެއަރލައިން އަދި 17 އެއަރޕޯޓްއާއެކު ވައިގެ ސިނާއަތުގެ އެކި ފަންތީގެ ކުންފުނިތަކުގެ 150 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެފައި ވެއެވެ.
އެއަރ ސަރވިސް ވޯލްޑް ކޮންގްރެސްގެ އެކި ހަރަކާތްތައް 3 ރިސޯޓެއްގަައި ކުރިއަށް ގެންދާނެއެވެ. އެގޮތުން ކޮންގްރެސްއަށް ވަޑައިގެންނެވި މަންދޫބުންނަށް މަރުހަބާ ކިޔުމަށް ޝެރެޓަން މޯލްޑިވްސް ފުލްމޫން ރިސޯޓް އެންޑް ސްޕާގައި އިއްޔެ ހަވީރު ޚާއްސަ އިވެންޓެއް ބާއްވާފައި ވެއެވެ. އަދި، ނެޓްވޯރކިންގެ ޚާއްސަ އިވެންޓެއް ކްރޮސް ރޯޑްސްގެ ސައީ ލެގޫން މޯލްޑިވްސްގައި ކުރިއަށްގެންދިއުމަށްވެސް ހަމަޖެހިފައި ވެއެވެ. ކޮންގްރެސްގެ ރަސްމީ ބައިތައް އަދި ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ ކުރުނބާ މޯލްޑިވްސްގައި ކަމަށް ކޮންގްރެސް ހޮސްޓް ކުރާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް(އެމްއޭސީއެލް) އިން ބުނެފައި ވެއެވެ.
މީގެ އިތުރުން، މި އިވެންޓްގައި ބައިވެރިވާ މަންދޫބުންނަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ނޫވިލު ސީޕްލޭން ޓަރމިނަލްގެ ޓުއަރއެއް އިއްޔެ ހެދުނު ދިނެވެ. މި ހަރަކާތުގެ ތެރެއިން ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޝަން ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ކޮންގްރެސްގެ ބައިވެރިންނަށް ދީފައި ވެއެެވެ.
އެއަރ ސަރވިސް ވޯލްޑް ކޮންގްރެސްއާއެކު ރާއްޖޭގެ ކުރިއަރަމުން އަންނަ ވައިގެ ސިނާއަތާއި ގުޅޭ މައުލޫމާތު މި ސިނާއަތުގައި މަސައްކަތް ކުރާ އެހެންގަައުމުތަކުގެ އިސްފަރާތްތަކަށް ލިބިގެންދާނެ އެވެ. މިއާއިއެކު މިދާއިރާ އިތުރަށް ތަރައްޤީކުރުމަށް ސަރުކާރާއި އަމިއްލަ ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތްތަށް އިތުރު ފުރުސަތުތަކެއް ފަހިވެގެން ދާނެއެވެ.
ރާއްޖޭގެ ވައިގެ ސިނާއަތަކީ، ފަތުރުވެރިކަމުގެ ސިނާއަތާއި ގުޅި ލާމެހިގެން ކުރިއަށްދާ ސިނާއަތަކަށް ވުމާއިއެކު، މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރސީ)އާއި ގުޅިގެން ފަތުރުވެރިކަން އިޝްތިހާރުކުރުމަށް މި ކޮންގްރެސްގެ ތެރޭގައި މަސައްކަތްތަކެއް ކުރެވިގެން ދާނެއެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ އެކި ދާއިރާތަކާއި ގުޅުންހުރި މައުލޫމާތު ދިނުމަށް ޚާއްސަ ސްޓޯލްއެއް ވަނީ ތައްޔާރުކޮށްފަ އެވެ.
އެއަރ ސަރވިސް ވޯލްޑް ކޮންގްރެސްއަކީ ސިނާއަތުގެ އެކިއެކި ފަރާތްތަކާއި ގުޅުންބަދަހި ކުރަން އަދި ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ވިޔަފާރިތަކުގެ މެދުގައި އޮންނަ ބައްދަލުވުމެކެވެ. މި އިންވެންޓް ފުރަތަމަ ބާއްވާފައިވަނީ 2010 ވަނަ އަހަރު އެވެ. މިއީ މި ކޮންގްރެސް ބާއްވާ 7 ވަނަ ފަހަރެވެ. މި ކޮންގްރެސްއާއެކު، މިހާރު ތަރައްޤީވަމުން އަންނަ ރާއްޖޭގެ ވައިގެ ސިނާއަތަށް މުހިންމު ގިނަ ކަންތައްތައް މަގުފަހި ވެގެން ދާނެއެވެ.


