ރޭ ސްޕެއިން އާއި ފްރާންސް ބައްދަލު ކުރި ޔޫރޯ 2024 ގެ ސެމީ ފައިނަލުގެ މެޗަށް ފަހު އެންމެންގެ ލޯ ހުއްޓިފައިވަނީ ސްޕެއިން ގެ 16 އަހަރުގެ ތަރި ލަމީން ޔަމާލް އަށެވެ. ސްޕެއިން ގެ ކްލަބް ބާސެލޯނާ އަށް ކުޅޭ ޔަމާލް ރޭ ސްޕެއިން ގެ ޤައުމީ ޓީމަށް ޖަހައިދިން ހިތްގައިމު ގޯލާއިއެކު އޭނާގެ ނަން ވަނީ ފުޓުބޯޅައިގެ ތާރީހުގައި ރަން އަކުރުން ލިޔެވިފައެވެ. ރޭ ލަމީން ޔަމާލް ވަނީ ޔޫރޯ ގައި ގޯލެއް ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ މަޤާމު ހޯދާފައެވެ. ޔަމާލް އަށް ގިނަ ބައެއްގެ ތައުރީފު ދަނީ ހުއްޓުމެއް ނެތި އޮހެމުންނެވެ.
ރޭގެ މެޗުގެ 10 ވަނަ މިނެޓުގައި ފްރާންސް ގެ ތަރި އެމްބާޕޭ ނަގައިދިން ހުރަހަކުން އެ ޓީމުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ ފްރާންސްގެ ސްޓްރައިކަރު ކޯލޯ މުއާނީއެވެ. އެމްބާޕޭ ގެ އެސިސްޓަކުން މުއާނީ ބޮލުން ޖަހައިދިން މި ގޯލަށް ފަހު މާ ގިނަ އިރު ތަކެއް ނުވެ، ޕެނަލްޓީ އޭރިއާގެ ބޭރުން ސްޕެއިންގެ ޔަމާލް ފޮނުވާލި ހިތްގައިމު ގޯލަކާއިއެކު ސްޕެއިން އިން މެޗުގެ ނަތީޖާ އެއްވަރު ކުރިއެވެ.

ޔަމާލް ގެ ގޯލަށް ފަހު މާ ގިނަ އިރުތަކެއް ނުވެ ސްޕެއިން ގެ 2 ވަނަ ގޯލު ޖެހީ އެ ޓީމުގެ ޑެނީ އޮލްމޯ އެވެ. އޮލްމޯގެ ގޯލަށް ފަހު ސްޕެއިން އިން ބޮޑަށް ކުޅުނީ ބޯޅަ ހިފަހައްޓައިގެން ”ޕޮޒެޝަން ބޭސްޑް“ ފުޓުބޯޅަ އެކެވެ. މެޗު ދެ ވަނަ ހާފުގައި ފްރާންސް އިން ބައެއް ހަމަލާ އުފައްދަން މަސައްކަތް ކުރި ނަމަވެސް ސްޕެއިން އިން ފްރާންސްއަށް އެ ފުރުސަތެއް ނުދެއެވެ.
ރޭގެ މެޗަށް ފަހު ގިނަ ބަޔަކު އަންނަނީ ސްޕެއިން ގެ ލަމީން ޔަމާލް އަށް ތައުރީފު ކުރަމުންނެވެ. އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ފަދަ ދެވަނަ ކުޅުންތެރިޔަކު ދެން ނާންނާނެ ކަމަށް ގިނަ ބަޔަކު ދެކެމުން އައި އައުން މިހާރު ވަނީ ބަދަލުވެފައެވެ. މެސީ ގެ ”ލެގަސީ“ ދެން ދަމަހައްޓާނީ ލަމީން ޔަމާލް ކަމަށް ގިނަ ބަޔަކު މިހާރު ބުނަމުންދެއެވެ.

ކުރިޔަށް އޮތް ފުޓުބޯޅަ ސީޒަނުގައި ބާސެލޯނާގައި މުހިންމު ދައުރެއް އަދާ ކުރާނެ ޔަމާލް އަށް ދާދި ފަހުން ފްރާންސްގެ ޕީއެސްޖީ އިން ވަނީ 268 މިލިއަން އެމެރިކާ ޑޮލަރު ހުށަހަޅާފައެވެ. ޕީއެސްޖީގެ އެންމެ މުހިންމު ކުޅުންތެރިޔާ އެމްބާޕޭ އެ ކްލަބް ދޫކޮށް ރެއާލް މެޑްރިޑް އަށް ބަދަލު ވުމާއިއެކު ޕީއެސްޖީއިން ވަނީ އެތަން ފޫބެއްދުމަށް ކުޅުންތެރިޔަކު ހޯދަން މަސައްކަތް ފަށާފައެވެ. ނަމަވެސް ޕީއެސްޖީގެ އެ ހުށަހެޅުން ބާސެލޯނާ އިން ބަލައިނުގަންނާނެ ކަމަށް އެ ކްލަބުގެ ރައީސް ލަޕޯޓާ ވަނީ ބުނެފައެވެ. ލަޕޯޓާ ބުނީ ޔަމާލް އަކީ ބާސެލޯނާގެ މުސްތަޤުބަލަށް ވަރަށް މުހިންމު ކުޅުންތެރިޔެއް ކަމަށެވެ.




