ބ. މާޅޮސް ބަނދަރު މަރާމާތު ކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، އައު ބޭސިން ފުންކުރުމުގެ މަސައްކަތުގެ %54 ނިމިއްޖެ އެވެ.
މަސައްކަތުގެ ކޮންޓްރެކްޓަރ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ(އެމްޓިސީސީ) އިން ބުނީ، އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 54 ޕަސެންޓް ނިމިފައިވާއިރު، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތުގެވެސް %40 މިހާރު ނިމިފައިވާކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، 7,512 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 36,527 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 882 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރަން ހަމަޖެހިފައި ވެއެވެ. އަދި، 310 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 370 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 376 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 266 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖަހައި ރޭމްޕެއްވެސް ހަދަން ޖެހެއެވެ. އޭގެ އިތުރުން، ރޭމްޕެއް ހެދުމާއި، 100 މީޓަރު ދިގު 1.5 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖަކާއި، 1475 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓަކައި، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރަންވެސް ޖެހެއެވެ.
450 ދުވަސް ތެރޭ ނިންމުމަށް އެމްޓީސީސީއާ މި މަޝްރޫއުގެ މަސައްކަތް ހަވާލުކުރީ 2023 ވަނަ އަހަރުގެ މަރޗްމަހުގެ 1 ވަނަ ދުވަހު އެވެ. މިއީ، 69.4 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.



