ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން(އެސްޓީއޯ) ގެ 2023 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ މާދަމާރޭ ބާއްވަން ތައްޔާރުވެއްޖެ އެވެ.
އެސްޓީއޯއިން ބުނީ، ޖަލްސާ އޮންނާނީ މާދަންރޭ 09:00 ޖަހާއިރު ނީރި ލައުންޖް ހުޅުލޭގައި ކަމަށެވެ. ޖަލްސާގައި މައިކްރޯސޮފްޓް ޓީމްސް ލައިވް އިވެންޓް މެދުވެރިކޮށް އޮންލައިންކޮށްވެސް ބައިވެރިވެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ. އެ ޖަލްސާގައި ބައިވެރިވެވެނީ 26 ޖޫންގެ ނިޔަލަށް ކުންފުނީގެ ހިއްސާދާރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ކަމަށް އެސްޓީއޯއިން ބުނެފައި ވެއެވެ.
މި ޖަލްސާގައި މި ދިޔަ އަހަރުގެ ޕާފޯމެންސް ރިޕޯޓް ހުށަހެޅުމާއި، ހިއްސާދާރުން ހުށަހަޅާފައިވާ ސުވާލުތަކަށް ބޯޑުން ޖަވާބު ދިނުމާއި، އަދި ޖަލްސާގައި ފާސްކުރުމަށް ހުށަހަޅާ އައިޓަމްތަކަށް ވޯޓަށް އެހުމަށް ނިންމާފައި ވެއެވެ. ފާސްކުރުމަށް ހުށަހަޅާ އައިޓަމްތަކުގެ ތެރޭގައި 2022 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި، 2023 ވަނަ އަހަރުގެ ޑިރެކްޓަރުންގެ ބޯޑް ރިޕޯޓާއި، އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް ހިމެނެެއެވެ.
އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި 2024 ވަނަ އަހަރަށް އެކުންފުންޏަށް އައްޔަންކުރާ އޮޑިޓަރުން ހޮވާ އެމީހުންގެ މުސާރަ ކަނޑައެޅުމާއި، 2023 އަހަރުގެ ހިއްސާއަށް ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ އަދަދު ފާސްކުރުމާއި، ކުރިޔަށް އޮތް އަހަރަށް ޑިރެކްޓަރުން އައްޔަންކުުރަން ނިންމާފައިވާކަމަށް އެސްޓީއޯއިން ބުނެއެވެ.



