ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން(އެސްޓީއޯ) އިން ދަރުމަވަންތަ ހޮސްޕިޓަލުގައި އައު ފާމަސީ އެއް ހުޅުވައިފި އެވެ.
އެސްޓީއޯ މެޑިކަލް ސާވިސަސްއިން ދަރުމަވަންތަ ހޮސްޕިޓަލުގައި އަލަށް ގާއިމުކުރި މި ފާމަސީ ހުޅުވާފައިވަނީ ރޭ އެކަމަށް ޚާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ފާމަސީ ރަސްމީކޮށް ހުޅުއްވައިދެއްވީ އެސްޓީއޯގެ ޗެއަރމަން އާމިރް މަންސޫރެވެ. މި ރަސްމީއްޔާތުގައި އެސްޓީއޯގެ އިސްވެރިންގެ އިތުރުން އައިޖީއެމް އެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ އިސްވެރިން ބައިވެރިވެފައިވޭ.
އެސްޓީއޯއިން ބުނީ، އައު ފާމަސީއަކީ އެހެން ފާމަސީތަކާއި ތަފާތު ކޮށް މޮޑާން ކޮންސެޕްޓަކަށް ތައްޔާރު ކޮށްފައިވާ ފާމަސީއެއްކަމަށެވެ. އެހެން ކަމުން ހިދުމަތް ހޯދާ ފަރާތްތަކަށް ބޭހާއި، ހޮސްޕިޓަލް އަދި ގޭގައި ބޭނުންކުރެވޭނެ މެޑިކަލް އާލާތްތަކުގެ އިތުރުން ޕަރސަނަލް ކެއަރ ރޭންޖްގެ ވަރަށް ގިނަ ތަކެތި ފާމަސީން ލިބެން ހުންނާނެކަމަށެވެ.
”މި ފާމަސީއާއިއެކު ދަރުމަވަންތަ އަދި އައިޖީއެމްއެޗް ހޮސްޕިޓަލަށް ހިދުމަތް ހޯއްދަވަން ވަޑައިގަންނަވާ ފަރާތްތަކަށް ގިނަގުނަ ފަސޭހަތަކެއް ލިބޭނެ. އެއީ ހޮސްޕިޓަލުގެ ގޯތިތެރޭގައި އިންޕޭޝަންޓުންނަށް ވަރަށް ބޭނުންތެރި ގިނަ ތަކެތި ލިބޭނެ އިންތިޒާމު ހަމަޖެހިފައިހުންނާނެތީވެ.“ އެސްޓީއޯއިން ބުނެފައި ވެއެވެ.
މި ފާމަސީ ގާއިމުކޮށްފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ މެއިން އެންޓްރެންސް އިން ވަންނައިރު ކަނާތްފަރާތަށްވާގޮތަށެވެ. ފާމަސީން ޚިދުމަތްދޭނީ، ހުކުރު ދުވަސް ފިޔަވައި ހަފުތާގެ ކޮންމެ ދުވަހަކުވެސް ހެނދުނު 08:00 އިން ދަންވަރު 12:00 އާ ހަމަޔަށެވެ. ހުކުރު ދުވަހު ފާމަސީ ހުޅުވާފައި ހުންނާނީ މެންދުރު ފަހު 02:00 އިން ރޭގަނޑު 10:00 އާ ހަމަޔަށެވެ.




