ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ 2023 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 80 ރުފިޔާ ބަހަން ފާސްކޮށްފި އެވެ.
މިގޮތަށް ފާސްކުރީ މިރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް(ވީއައިއޭ)ގެ ސީޕްލޭން ޓާމިނަލުގެ ނީރި ލައުންޖުގައި ބޭއްވި އެކުންފުނީގެ 2023 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައެވެ.
އެކުންފުނީގެ 189 ހިއްސާދާރަކު ބައިވެރިވި މި ޖަލްސާގައި ޙިއްސާއަކަށް 80 ރުފިޔާ ބެހުމަށް ފާސްވީ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ %99 ވޯޓުންނެވެ. މިއީ، މިދިޔަ 17 އަހަރުތެރޭގައި މިހާ ބޮޑު އަދަދެއް ހިއްސާއަކަށް ދޭން ނިންމި ފުރަތަމަ ފަހަރެވެ.
އެސްޓީއޯއިން އާންމުކުރި 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ދައްކާގޮތުންނަމަ، ޓެކްސްއަށް ކެނޑުމަށްފަހު 2023 ވަނަ އަހަރަށް އެކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 818 މިލިއަން ރުފިޔާ ލިބުނެވެ. 2022 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 728 މިލިއަން ރުފިޔާއެވެ. އެހެންކަމުން ދެއަހަރު އަޅާކިޔާއިރު، މިއީ %12 ގެ ކުރިއެރުމެކެވެ.
އެސްޓީއޯގެ އަހަރީ ފައިދާ ރިކޯޑު މިންވަރަށް އިތުރުވީ، އެ ކުންފުނީގެ ވިޔަފާރިތައް ހަރުދަނާކޮށް، ޖުމްލަ ފައިދާ އިތުރުވެފައިވާތީ އެވެ. މިއާއެކު، ކުންފުނީގެ ފައިދާ ރަނގަޅު ވުމުން، އެސްޓީއޯ ގްރޫޕްގެ ގިނަ ކުންފުނިތަކުން ފައިދާ އިތުރުވުމާއިއެކު އެސްޓީއޯ ގްރޫޕްގެ ފައިދާ ވެސް ވަނީ 1.1 ބިލިއަނަށް އަރާފަ އެވެ. މިއީވެސް ރެކޯޑް އަދަދެއްކަމަށް އެސްޓީއޯއިން ބުނެފައި ވެއެވެ.
2022 ވަނަ އަހަރު އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި 18.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު 2023 ވަނަ އަހަރު އާމްދަނީގެ ގޮތުގައި 16.4 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ 2022 ވަނަ އަހަރާއި އަޅާބަލާއިރު %10 ގެ ދަށްވުމެމެކެވެ. މީގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދައްވުމާއެކު އެސްޓީއޯއިން ވިއްކަމުންދިޔަ ތެލުގެ އަގުވެސް ދައްކުރުމުންނެވެ. އެހެންނަމަވެސް ފާއިތުވި އަހަރު އެ ކުންފުނިން ވިއްކި ތެލުގެ އަދަދު އޭގެ ކުރީ އަހަރާއި އަޅާބަލާއިރު އިތުރުވުމާއިއެކު، އަދި ކުންފުނިން ކުރަމުން ގެންދާ އެހެނިހެން ވިޔަފާރިތައް ކުރިއަރާ ރަގަޅުވުމާއިއެކު، ޖުމްލަފައިދާގެ ގޮތުގައިވަނީ 3 ބިލިއަން ރުފިޔާ ލިބިފައި ވެއެވެ.
2023 ވަނަ އަހަރު އެސްޓީއޯގެ ޖުމްލަ ފައިދާ އިތުރުވުމާއިއެކު ހިންގުމުގެ ފައިދާވެސް ވަނީ އިތުރުވެފަ އެވެ. 2023 ވަނަ އަހަރު ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައި ވަނީ 1.3 ބިލިއަން ރުފިޔާއެވެ. އަދި 2022 ވަނަ އަހަރު ހިންގުުމުގެ ފައިދާއަށް ލިބުނު 1 ބިލިއަން ރުފިޔާ އަ އަޅާކިޔާއިރު މިއީ 3 މިލިއަން ރުފިޔާގެ ކުރިއެރުމެކެވެ.



