އދ. މާމިގިލީ ފަޅުތެރޭގައި ”ޕިކްނިކް އައިލޭންޑް“ އެއް ތަރައްގީ ކުރުމަށް އެރަށު ކައުންސިލުން ނިންމައިފި އެވެ.
މި މަޝްރޫއާ ގުޅޭގޮތުން އެރަށު ކައުންސިލުން ބުނެފައިވަނީ ”ޕިކްނިކް އައިލޭންޑް“ ތަރައްގީ ކުރަނީ އެރަށު އުތުރު ފަޅުތެރޭގައި ކަމަށެވެ. އެގޮތުން، 150 ފޫޓާއި 250 ފޫޓްގެ މިރަށް ތަރައްގީ ކުރަނީ، އެރަށު ރައްޔިތުންނަށް ޕިކްނިކް ދެވޭގޮތަށާއި، ޓޫރިޒަމްގެ ބޭނުން ހިފޭގޮތަށްކަމަށް ކައުންސިލުން ބުނެފައި ވެއެވެ.
މާމިގިލީ ކައުންސިލުން މިހާރުވަނީ، އެ ރަށް ހިއްކައި ރޮކްބޯޑަރ ޖެހުމަށް ބޭނުންވާ އެންވައިރަންމެންޓަލް އިމްޕެކްޓް އެސެސްމެންޓް(އީއައިއޭ) ހަދައިދޭނެފަރާތެއް ހޯދަން އިއުލާނުކޮށްފަ އެވެ. އެގޮތުން އެ އެސެސްމެންޓްހަދަން ޝައުގުވެރިވެ ވާފަރާތްތަކުން މިމަހުގެ 25 ވަނަ ދުވަހުގެ 13:00ގެ ކުރިން .މާމިގިލީ ކައުންސިލް އިދާރާއަށް ގޮސް އަންދާސީ ހިސާބު ހުށައެޅުމަށް ކައުންސިލުން އިއުލާނުކޮށްފައި ވެއެވެ. އަދި، އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ދޭނީ އިކޮނޮމިކް މިނިސްޓްރީގައި ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް އެކަނިކަމަށްވެސް ކައުންސިލުން ބުނެފައި ވެއެވެ.
މީގެ އިތުރުން، މި މަސައްކަތައް ބިޑް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މިމަހުގެ 22 ވާ ހޯމަދުވަހު 1200 އިގެ ކުރިން ރަޖިސްޓްރީވުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފަ އެވެ. ބިޑަށް ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކުން، ކުންފުނީގެ ތަފުސީލާއި، ގުޅޭނެ މައުލޫމާތު ހިމެނޭހެން info@maamigili.gov.mv އަށް އީމެއިލް ކުރެއްވުމަށް ކައުންސިލުން އެދިފައި ވެއެވެ.




