ނޭޕާލްގެ ބޮޑު ވަޒީރުކަމަށް އަލަށް އައްޔަންކުރެއްވި ކަޑްގާ ޕްރަސާދް ޝަރްމާ އޮލީ މަގާމުގެ ހުވާ ކުރައްވައިފި އެވެ.
އޮލީ 72، މަގާމުގެ ހުވާ ކުރެއްވީ މިއަދު ވެރިރަށް ކަތުމަންޑޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ.
ނޭޕާލްގެ އެންމެ ބޮޑު ކޮމިއުނިސްޓް ޕާޓީގެ ލީޑަރު އޮލީ ބޮޑު ވަޒީރުކަމުގެ މަގާމަށް އިއްޔެ އައްޔަންކޮށްފައިވާއިރު، މަގާމުގެ ހުވައި ކުރައްވައި މަގާމުގެ ޒިންމާ އަދާކުރައްވަން ފެއްޓެވީ މިއަދު އެވެ. މިއީ، އޮލީގެ ބޮޑު ވަޒީރު ކަމުގެ 4 ވަނަ ދައުރެވެ.
ނޭޕާލުގައި އާ ބޮޑުވަޒީރަކު އައްޔަން ކޮށްފައި މިވަނީ، އެގައުމުގެ ބޮޑުވަޒީރުކަމުގައި ހުންނެވި ޕުޝްޕާ ކަމާލް ދަހާލްގެ ސަރުކާރުގެ މައްޗަށް އިތުބާރުނެތްކަމުގެ ވޯޓެއް ފާސްކޮށް އޭނާ އާއި އޭނާގެ ސަރުކާރު ވައްޓާލާފައި ވަނިކޮށްނެވެ.
އޮލީގެ ސަރުކާރަކީ އޭނާގެ ޔުނިފައިޑް މާޒިސްޓް ލެނިނިސްޓް އާއި ނޭޕާލީ ކޮންގްރެސް ޕާޓީ އެކު އެކުވަލާފައިވާ އިއްތިހާދަކުން އައި ސަރުކާރެކެވެ. މިއަދު ބޮޑު ވަޒީރުގެ 2 ނައިބުންނާއި، އޮލީ އިޚުތިޔާރުކޮށްފައިވާ 19 ވަޒީރުންގެ ކެބިނެޓްވެސް ވަނީ ހުވާކޮށްފަ އެވެ. ކުރިޔަތް އޮތް ތާނގައި ކޯލިޝަންގައި ހިމެނޭ ދެވަނަ ޕާޓީއަށް ނިސްބަތްވާ ވަޒީރުން ހިމެނޭ ގޮތަށް ކެބިނެޓަށް އިތުރު ވަޒީރުން އޮލީ އައްޔަންކުރައްވާނެކަމަށް ބެލެވޭކަމަށް ނޭޕާލްގެ މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ.
އޮލީ ބޮޑުވަޒީރުކަމާއި ހަވާލުވެވަޑައިގެންނެވި ނަމަވެސް، ކުރިޔަށް އޮތް އެއްމަސް ދުވަހުގެ މުއްދަތެއްގެތެރޭގައި އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން އޮލީއަށް އިތުބާރު އޮތްކަމުގެ ވޯޓެއް ނަގަން ޖެހޭނެއެވެ. އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ފޯމޭޝަންއަށް ބަލާއިރު، މަޖިލީހުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނައީ، ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ ދެ ޕާޓީގެ މެންބަރުންނެވެ. އެހެންކަމުން އޮލީއަށް މަޖިލީހުގެ ރުހުން ލިބޭނެކަން ވަނީ ކަށަވަރުވެފަ އެވެ.




