ކ.މާފުށި, ތިނަދޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީގައި ވެމްކޯގެ ޚިދުމަތްތަކަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ޖޫންމަހު އެކުންފުނިން ދިން ޚިދުމަތަށް އަގު ނުނަގާގޮތަށް ނިންމައިފި އެވެ.
ވެމްކޯއިން ބުނީ، އެ ތިންރަށުން ވެމްކޯގެ ޚިދުމަތްތަކަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ޖޫންމަހުގެ ތެރޭގައި ޚިދުމަތް ފޯރުކޮށްދޭން ފަށާފައިވާކަމަށާއި، ޖޫންމަހު ދީފައިވާ ޚިދުމަތްތަކަށް ބިލު ނުކުރުމަށް އެކުންފުނީގެ މެނޭޖްމެންޓުން ނިންމާފައި ވާކަމަށެވެ. އަދި، ޖުލައި މަހުގެ ޚިދުމަތުގެ ބިލު އޯގަސްޓްމަހުގެ ފުރަތަމަ ހަފުތާގައި ފޯރުކޮށްދޭނެކަމަށްވެސް ވެމްކޯއިން ބުނެފައި ވެއެވެ.
ޖޫންމަހު ކ.މާފުށި, ތިނަދޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީގައި ވެމްކޯގެ ޚިދުމަތްތައް ފަށާފައިވާއިރު، ވެމްކޯއިން މިހާރު ވަނީ ޚިދުމަތްތަކަށް ނަގާނެ އަގުތައް ކަނޑައަޅާފަ އެވެ. އެގޮތުން ވެމްކޯގެ ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ތެރެއިން ތިން ރަށުންވެސް ގޭބިސީތަކުން ޚިދުމަތް ހޯދުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އަގުގެ ގޮތުގައި ކަނޑައަޅާފައިވަނީ 150 ރުފިޔާއެވެ.
ވެމްކޯގެ ޚިދުމަތްތަކަށް ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކުގެ އަގުތަކަށް ބަލާއިރު، މާފުށިން ލީޓަރަކަށް 27 ލާރި، އަދި ތިނަދުއާއި ކުޅުދުއްފުށިން ލީޓަރަކަށް ޗާޖުކުރަން ނިންމާފައިވަނީ ލީޓަރަަކަށް 16 ލާރީގެ މަގުންނެވެ. އަދި، ވެމްކޯގެ ސައިޓުން ޚިދުމަތް ހޯދާ ފަރާތްތަކުގެ ތެރެއިން މާފުށިން ޓަނަކަށް 500 ރުފިޔާ އަގުކުރާއިރު، ތިނަދުއާއި ކުޅުދުއްފުށީގައި ޚިދުމަތަށް އަގުކުރަން ނިންމާފައިވަނީ ޓަނަކަށް 108 ރުފިޔާގެ ރޭޓުންނެވެ.
ވެމްކޯއިން ބުނީ، 1 އޯގަސްޓް 2024 އިން ފެށިގެން ވެމްކޯގެ ސައިޓްތަކުން ޚިދުމަތްތައް ހޯދާ ފަރާތްތަކަށް ގޭޓް ފީއެއްވެސް ޗާޖް ކުރާނެކަމަށެވެ. އެގޮތުން، ސަރުކާރުގެ މުއައްސަސަތަކުގެ ގޭޓް ފީއެއްގެ ގޮތުގައި މި ތިން ރަށުންވެސް ޗާޖްކުރާނީ 2660 ރުފިޔާކަމަށް ވެމްކޯއިން ބުނެފައި ވެއެވެ.




