އެމެރިކާގެ ރައީސް ޖޯ ބައިޑެން ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށް، އެގައުމުގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްއިން ބުނެފި އެވެ.
ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ، ކެރީން ޝޯން-ޕިއެރޭ އާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިތާކުން ރިޕޯޓްކުރާ ގޮތުގައި ބައިޑެން ކޮވިޑް-19 އަށް ފައްސީވީ ނަމަވެސް، މަގާމުގެ މަސްއޫލިއްޔަތު އުފުއްލެވުމުގައި ދެމި ހުންނަވާނެކަމަށެވެ. އަދި، މި ވަގުތު ފެންނަން ހުރީ ކޮވިޑް-19 ގެ އާދައިގެ އަލާމަތްތައްކަމަށާއި، ޑެލަވެއާގައި ހުންނަ ބައިޑެންގެ އަމިއްލަ ގެކޮޅުގައި ބަލިން އަރައިގަންނަންދެން ބައިޑެން ހުންނަވާނީ އެކަހެރިވެވަޑައިގެންކަމަށްވެސް ކެރީންއާ ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ.
ބައިޑެންއަށް ފަރުވާދެއްވާ ޑޮކްޓަރު ކެވިން އޯކޮނަރއާ ހަވާލާދީ މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި، ބައިޑެންގެ އާންމު ހާލަތު ރަނގަޅެވެ. އެހެންނަމަވެސް ނޭވާލާ ނިޒާމުގެ އުދަނގޫވެ، ނޭފަތުން ފެންއައިސް، ހިކި ކެއްސުމާއި، އާދައިގެ އެހެން ސިއްހީ ކުދި މައްސަލަތައް ހުރިކަމަށް ޑޮކްޓަރު ވިދާޅުވެފައި ވެއެވެ. އެހެންކަމުން، މިވަގުތު އެންޓި-ވައިރަލް އަށް ބޭނުންކުރާ ބޭހެއްކަމަށް ”ޕެކްސްލޮވިޑް“ ގެ ފުރަތަމަ ޑޯޒް ބައިޑެންއަށް ދީފައިވާކަމަށް ޑޮކްޓަރު ވިދާޅުވެފައި ވެއެވެ.
ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ވާދަކުރައްވަމުން ގެންދަވާ ބައިޑެން ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން މިހާރުވަނީ ރިޔާސީ ކެމްޕޭންގެ ހަރަކާތްތައް މަޑުޖެހިލާފަ އެވެ. އެގޮތުން ލަސްވެގާސްގައި ބާއްވަން އޮތް ހަރަކާތުގައި ބައިވެރިވަޑައި ނުގަންނަވާނެކަން މިހާރުވަނީ އިއުލާނުކުރައްވާފަ އެވެ.




