ދެކުނުގެ ރަށެއްގެ ޓީޗަރަކު ދަރިވަރުންގެ އުމުރާ ނުގުޅޭ ވާހަކަތަކެއް ދެއްކި މައްސަލައިގައި ހައްޔަރު ކުރި ޓީޗަރު ޝަރުތުތަކަކާއެކު ދޫކޮށްލައިފިއެވެ.
މިމައްސަލައާ ގުޅޭގޮތުން އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަހު ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ދެކުނުގެ ސެންޓްރަލް ޕޮލިސް (މ، ފ، ތ، ދ، އަދި ލ އަތޮޅު ހިމެނޭ) ރަށެއްގެ ސްކޫލެއްގައި މަސައްކަތް ކުރާ ފިރިހެން ޓީޗަރަކު، ދަރިވަރުންގެ އުމުރާއި ނުގުޅޭ ވާހަކަދައްކާ، ގްރޫމް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އެ މަހުގެ 17 ވަނަ ދުވަހު ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އެއަށްފަހު މި މަހުގެ 5 ވަނަ ދުވަހު ފުލުހުން ވިދާޅުވީ މިމައްސަލައާ ގުޅިގެން އުމުރުން 29 އަހަރުގެ ދިވެހި ފިރިހެނަކު އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި ކަމަށާއި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 20 ދުވަހުގެ މުއްދަތެއް ކޯޓުން ޖެހި ކަމަށެވެ. އަދި ދެވަނަ ފަހަރަށް ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހަށް ބަންދު ކުރުމަށް އަމުރުކުރި ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
މައްސަލައިގެ ތަހުގީގު ނިންމައި ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު އިތުތު ކުރުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރުތުތަކަކާއެކު މިއަދު ވަނީ ދޫކޮށްލާފައި ކަމަށެވެ.



