ޒަހަމްތަކަކާއެކު ނ. ހޮޅުދޫން ފެނިފައިވާ އެރަށު މާރަނގަ ޒަކިއްޔާ މޫސާ (50އ.) ގެ މަރާ ގުޅިގެން، ތަޙުޤީޤަށް އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) ގެ އެހީތެރިކަން ހޯދަން ފަށައިފިއެވެ.
ގިނަ ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ ޒަކިއްޔާ ފެނިފައިވަނީ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު 10:00 ހާއިރު، އޭނާ ދިރިއުޅުނު ހޮޅުދޫ ނިއުލައިފް ގޭގެ ބަދިގެފަރާތުގައި ހުންނަ ގުދަނެއްގެ ކައިރިންނެވެ. ޒަކިއްޔާއަކީ ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުންދިޔަ މީހެއް ކަމަށްވާތީ، އޭނާ މަރުވީ އަމިއްލައަށްކަމަށް އެރަށުތެރޭގައި ވަނީ އަޑުފެތުރިފައެވެ. އަދި އެ މައްސަލައިގެ ތަޙުޤީޤަށް ފުލުހުންގެ ތަހުގީގު ޓީމެއް ވަނީ ހޮޅުދޫގައި ހަރަކާތްތެރިވެފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ޒަކިއްޔާގެ މަރުގެ މައްސަލައިގެ ތަހުގީގަށް އިތުރު ބައެއްގެ ރައުޔު ހޯދުމުގެ ގޮތުން އެމެރިކާގެ އެފްބީއައި އާ، މި މައްސަލައިގެ ތަޙުޤީޤުގައި ފުލުހުން ހޯދާފައިވާ ހޯދުންތައް ހިއްސާކޮށް އެހީތެރިކަން ހޯދަމުންގެންދާ ކަމަށެވެ.
މީގެ އިތުރުން، ދިވެހި ފުލުހުންގެ ސީނިއަރ ތަހުގީގު ޓީމެއް މި މައްސަލަ ރިވިއު ކުރުމަށްޓަކައި ނ. ހޮޅުދޫއަށް ޒިޔާރަތްކޮށް މި މައްސަލައިގެ ތަޙުޤީޤު މުރާޖައާކޮށް، އިތުރަށް ބަލަންޖެހޭ ކަންކަން ދެނެގަތުމުގެ މަސައްކަތް ވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ޒަކިއްޔާގެ މަރާ ގުޅިގެން މީޑިއާތަކަށް މައުލޫމާތު ދެއްވުމަށް ފުލުހުން މިދިޔަ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ސާމިހު ވިދާޅުވީ، މި ހާދިސާއާ ގުޅިގެން ޒަކިއްޔާގެ ހަށިގަނޑު ބެލި ބެލުމުން އޭނާގެ ކަރުގެ ކަނާތާއި ވައަތް ފަރާތަށް ތޫނު އެއްޗެކުން ލިބިފައި ހުރި އަނިޔާގެ ގިނަ ޒަހަމްތަކެއް ފެންނަން ހުރިކަމަށެވެ. އެގޮތުން ކަރުގެ ކަނާތްފަރާތުގައި ފުން ދެ ޒަހަމެއް އަދި ވައަތް ފަރާތުގައި ފުން ތިން ޒަހަމެއް ހުރި ކަމަށާއި ކަރުގެ މެދާއި ހިސާބުގައި ތިލަކޮށް ހުރި އެއް ޒަހަމް ހުރި ކަމަށް ވެސް ސާމިހު ވިދާޅުވިއެވެ.
ޒަކިއްޔާގެ މަރު: ފުލުހުން ވިދާޅުވީ އެއްވެސް މީހެއްގެ ބައިވެރިވުމެއް ނެތްކަމަށް
ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގެ ތަހުގީގު ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ ކަމުގައި ފުލުހުން މިއަދު ވިދާޅުވިއެވެ.




