ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އަލުން ހުޅުވުމަށް، މިއަހަރުގެ ރިޔާސީ ބަޔާން އިއްވެވުން މާދަމާ އޮންނާނެއެވެ. ރިޔާސީ ބަޔާން އިއްވަވާ ދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ. މިއީ އެމަނިކުފާނު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އިއްވަވާ ދެވަނަ ރިޔާސީ ބަޔާނެވެ.
ރިޔާސީ ބަޔާނަކީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ ދަށުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކޮންމެ އަހަރަކުވެސް އިއްވަވަން ޖެހިވަޑައިގަންނަވާ ބަޔާނެކެވެ.
އެގޮތުން ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލިސް ދައުރު ފަށާ ޖަލްސާގައި އިއްވަވާ ރިޔާސީ ބަޔާނަކީ ޤައުމުގެ ހާލަތު ބަޔާންކޮށްދެއްވައި ޤައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި އެކުލަވައިލައްވާ ބަޔާނަކަށް ވާންވާނެއެވެ.
މިއަހަރުގެ ރިޔާސީ ބަޔާނުގައި، ރައީސް މުޢިއްޒު ރާއްޖޭގެ އެކި ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި ވެވަޑައިގެންނެވި ވަޢުދުފުޅުތައް ފުއްދެވުމުގެ އަމަލީ މަސައްކަތްތަށް ފެއްޓެވުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާނެކަމަށް ބެލެވެއެވެ. އެގޮތުން އެންމެ ބޮޑަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުވާލައްވާނީ މިއަހަރަށް ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފައިވާ 57 ބިލިއަން ރުފިޔާގެ ބަޖެޓުން، ޤައުމުގެ ތަރައްޤީއަށް ކުރަން ގަސްދުކޮށްފައިވާ ކަންކަމުގެ މައްޗަށް ކަމަށް ވެސް ބެލެވެއެވެ.
ރައީސް މުޢިއްޒު ވަނީ އެމަނިކުފާނު ކުރެއްވި ދަތުރުފުޅުތަކުގައި، އެރަށް ރަށުގެ ތަރައްޤީއަށް މިއަހަރުގެ ބަޖެޓުން ގިނަ ކަންތައްތަކެއް ކޮށްދެއްވުމަށް ނިންމަވާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި މިދިޔަ އަހަރު އެކަންކަން ކުރިއަށް ނުގެންދެވުނީ މިދިޔަ އަހަރަށް ކަނޑައެޅުނު ބަޖެޓުން، މާ ގިނަ ކަންތައްތަކެއް ކުރެވެން ނެތުމުން ކަމަށާއި އެހެންނަމަވެސް މިއަހަރަށް ކަނޑައަޅާފައިވާ ބަޖެޓުގައި ރަށްރަށުގެ ތަރައްޤީއަށް ގިނަ ކަންތައްތަކެއް ހިމަނުއްވާފައިވާނެ ކަމަށް ރައީސް މުޢިއްޒު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރިޔާސީ ބަޔާން އިއްވަވާ ޖަލްސާއަކީ ކޮންމެ އަހަރެއްގެ ވެސް ދައުރު ފަށާ ޖަލްސާއެވެ. މިއަހަރުގެ ދައުރު ފަށާ ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 9:00 ގައެވެ. މާދަމާ އޮންނާނީ ރައްޔިތުންގެ މަޖިލިސް ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާން އިއްވެވުން އެކަންޏެވެ.




