ގިނަ ފައިސާ ލިބޭ އޮންލައިން ކެސީނޯ ގޭމްތަކެއް ކަމަށްބުނެ ދައުރުވަމުންދާ ސްކޭމް ލިންކުތަކެއްގެ މައްސަލަ ބަލަން ފަށައިފިއެވެ.
އަމިއްލަ ފައިސާ ޚަރަދު ކޮށްގެން، ބެޓު ކޮށްގެން، ކުޅެވޭ މިފަދަ ގޭމުތަކަށް ވަނުމަށް އެދި ނުދަންނަ ނަންބަރުތަކުން ބައެއް މީހުންނަށް ދަނީ މެސެޖުތަކެއް ލިބެމުންނެވެ.
އެފަދަ ލިންކުތަކަށް ނުވަނުމަށް ފުލުހުންނާއި ކަމާބެހޭ ފަރާތްތަކުން ކުރިންވެސް ވަނީ އެތައް ފަހަރަކުމަތިން ނަސޭހަތްތެރިވެފައެވެ.
ނަމަވެސް މިފަދަ މެސެޖުތައް އަނެއްކާވެސް ލިބެން ފެށުމުން، މީޑިއާތަކަށް ޚާއްސަކޮށްފައިވާ ގްރޫޕުގައި ނޫސްވެރިއަކު މިއަދު ވަނީ އެ މައްސަލަ ބަލަމުންގެންދޭތޯ ސުވާލު ކޮށްފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު އޭގެ ޖަވާބުގައި ވިދާޅުވީ ދައުރުވަމުންދާ އެފަދަ ލިންކުތަކާ ގުޅިގެން ކަމާބެހޭ ފަރާތްތަކަށް، އެފަދަ ސައިޓުތައް ބްލޮކު ކުރަން ފޮނުވަމުން ގެންދާ ކަމަށެވެ.




